ދެއްވަވާ ރިޒުޤަށް ފާފަކުރުން ހުއްޓައިލުމަކީވެސް ދެއްވަވާ ރިޒުޤް އިތުރުކޮށްދެއްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދެއްވަވާ ރިޒުޤަށް ފާފަކުރުން ހުއްޓައިލުމަކީވެސް ދެއްވަވާ ރިޒުޤް އިތުރުކޮށްދެއްވަވާނެ ކަމެއް!

އަޅުގަނޑަކީ ރެސްޓޯރަންޓެއްގެ ބަދިގޭގައި މަސައްކަތްކުރާ މީހެކެވެ. ކައިނިމިގެން މޭޒުތަކުން ގެންނަ ތަށިތަކުގައި ބާކީކޮށްފަ ހުންނަ އެއްޗެތި ފެނުމުން ވަރަށް ދެރަވެއެވެ. ބުފޭތަކުން ކާނަމަ ގިނައިން ބާކީކުރާކަންވެސް ފާހަގަކުރެވެއެވެ. މިއީ ކުރެވޭ އިޝްރާފެއް ނޫންތޯއެވެ؟ އަޅުގަނޑު އެދެނީ މިކަން މީހުންގެ ސަމާލުކަމަށް ގެނެސްދިނުމެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ އަޅުގަނޑުމެންގެ ގިނަ ބައަކަށް ސަމާލުކަން ކުޑަކުރެވޭ ކަމެކެވެ. އަގުދީފައި ކެއިނަމަވެސް، ލިބޭ ދަޢުވަތެއްގައި ކެއިނަމަވެސް އެއީވެސް ހަމަ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެވެ. އިޝްރާފްކުރުމަކީ ކުރެވޭ ފާފައެކެވެ. އިޝްރާފް ނުކުރުމަކީ ދެއްވަވާ ރިޒުޤް އިތުރުކޮށްދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ފުރަތަމަވެސް ވިސްނައިލާށެވެ! އަމިއްލަ ގެއިން ކެއިނަމަވެސް އަގުދީގެން ބުފޭއަކުން ކެއި ނަމަވެސް ތަންކޮޅެއް މަދުން ކެވުނަސް އެކަމުން ކުރާނީ ފައިދާއެވެ. ނަމަވެސް ތަށްޓަށް އަޅާފައި ކައި ހުސްނުކުރެވިއްޖެނަމަ އެކަން ވާނީ އިޝްރާފަކަށެވެ. އެއީ ޙަރާމް ކަމެކެވެ.  

ރޯދަމަހު ރޯދަވީއްލުންތަކެވެ. އެނޫން މަސްމަހު ކެއުންތަކެވެ. ޖާފަތްތަކެވެ. މައްސަލައަކީ ނުކެވޭވަރަށް ތަށްޓަށް އަޅައި އިޝްރާފްކުރުމެވެ. އިޝްރާފްކުރުމަކީ ޙަރާމް ކަމެކެވެ. ތިރީގައި ވާ ރާއްޖޭގެ ފުރަތަމަ އިސްލާމީ ވަޒީރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލަބާރީގެ އިލްތިމާސަށް ރޯދަމަހުވެސް އަދި ރޯދަ ނޫން މަސްތަކުގައިވެސް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިންމު ކަމަކަށްވާތީ ހަނދުމަފުޅުކޮށްލައި ދެމެވެ.  

އަގު ދައްކައިގެން ކާ ބުފޭ އަކުން ނަމަވެސް ނުކެވޭ ވަރަށް ތަށްޓަށް އަޅައި ކާތެކެތި އިސްރާފްކުރުމަކީ ހަރާމް ކަމެކެވެ. 

ބައެއް ރޯދަ ވީއްލުންތަކަށް ދާ މީހުން ކާތަކެތި ގިނައިން ނަގައި އިސްރާފްކުރެއެވެ. ނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި އިސްރާފްކުރުމަކީ އެކަމުގެ އަސަރު ރޯދައަށްވެސް ކޮށްފާނެ ކަމެކެވެ.  

ރޯދަ ވީއްލުންތަކަށް ގިނައިން މީހުން ދަނީ ކުރިއަށް އަގު ދައްކައި ކިތަންމެ ގިނަ ކާތަކެތި ބޭނުންކުރި ނަމަވެސް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އެހެންކަމުން އިތުރަށް އަގު ދައްކަން ނުޖެހޭނެތީ ބައެއް މީހުން ކާތަކެތި ނެގުމުގައި ސަމާލުކަން ނުދެނީ އެވެ. ނަމަވެސް އެއީ އެގޮތަށް އިސްރާފްކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. އިސްރާފްކޮށްފިނަމަ އެކަން ވާނީ ހަރާމްކަމަކަށެވެ.  

- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. ކުރައްވަވާފައިވާ އިލްތިމާސެކެވެ. މަރްޙޫމްގެ ފުރާނައަށް އެންމެ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ. 

- މިއަދުނޫސް

މިއަދު އޮންލައިން