ދަރިން ދެކެ ލޯބިވާނަމަ ދަރިން ބާލިޣްވުމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަމަކީ ނަމާދުކުރުވުމެވެ. ވިސްނައިދޭށެވެ! ފަސްޖެހޭނަމަ މަޖުބޫރުކޮށްގެންވެސް ނަމާދުކުރުވަންޖެހޭނެއެވެ.
ދަރިން ބާޅީޣްވުމުން ނަމާދުކުރަން އެކުދިންނަށް މަޖުބޫރުކުރެވިދާނެކަމާއިމެދު ބައެއް ބެލެނިވެރިން ކުރާ ސުވާލުގެ ޖަވާބަކީ "ތުއްތު އިރުންސުރެ ނަމާދުކުރަން ޝައުޤުވެރިކުރުވާށެވެ! ޅައިރުއްސުރެ މިސްކިތަށް ދާން ޢާދަކުރުވަންވާނެއެވެ. އަދި ބާލިޣްވުމުން މަޖުބޫރުކުރަން ޖެހޭނެއެވެ!" މިއީ އަހުރެންގެ ބަހެއް ނޫނެވެ. ޙަދީޘްފުޅުތަކުން އެނގެން އޮތް ގޮތެވެ.
ވިސްނައިލާށެވެ! "ބާލިޣްވެފައިވާނަމަ އެވަނީ ތަކްލީފް ޖެހިފައެވެ. ވީމާ ނުކޮށްހުރި ނަމާދުތަކާއިމެދު ސުވާލުކުރައްވަވާނެއެވެ." އިތުރަށް ވިސްނައިލާށެވެ! ބާލިޣްވާ ތަނުންވެސް ކުދިން މަރުވެއެވެ. މިޘާލަކަށް ކުއްޖާ ނިޔާވީ ބާލިޣްވިތާ އަހަރުވެސް ނުވަނީސް ކަމަށްވެސް ވެދާނެއެވެ. ކުއްޖާ ނިޔާވިއިރު ނަމާދުކުރުމުގެ އާދަ ހިފިފައެއް ނުވެއެވެ. ގިނަ ނަމާދުތަކެއް ވަނީ ނުކުރެވިއެވެ. ކުއްޖާގެ މައިންބަފައިން އެއާދަ ކުއްޖާގެ ކިބައިގައި އަށަގަންނުވައިދީފައެއް ވެސް ނުވެއެވެ. އެހެންކަމަށްވާނަމަ ކުއްޖާއަށް ނުކުރެވި ހުރި ނަމާދުތަކާމެދު ކުއްޖާ އާ ﷲ ސުވާލުކުރައްވަވާނެތެވެ. އަދި އެކަމުގެ ޒިންމާ އުފުލަން ބެލެނިވެރިންނަށްވެސް ޖެހޭނެއެވެ. އެއީ އެމީހުން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް އޮތުތަތީއެވެ.
އަދިވެސް ވިސްނައިލާށެވެ! ދަރިންނަށްޓަކައި ކޮށްދޭންޖެހޭ، އަދި ކޮށްދެވޭނެވެސް އެންމެ ބޮޑު ހެޔޮކަމަކީ އެކުދިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ކުޑަކުދިންކަމުގައި ބަލާ ޢުމުރު މީސްތަކުން ކޮންމެ ގޮތަކަށް ކަނޑައެޅިނަމަވެސް އެއީ 18 އަހަރު ނުވަތަ 20، 25 އަހަރު ކަމަށް ކަނޑައެޅި ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ޙިސާބު ބައްލަވާނީ އެކަލާނގެ ކަނޑައަޅުއްވަވައި އަންގަވާފައިވާ ގޮތުގެ މަތީންނެވެ. ބާލިޣްވުމުން ނުކޮށް ހުރި ނަމާދުތަކާއިމެދު ސުވާލުކުރައްވަވާނެއެވެ!
ވީމާ މިއީ މައިންބަފައިން އެންމެ ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހިފައިވާ ކަންތައް ކަމުގައިވާތީ މިފަދަ ވާހަކަތައް މިގެންދަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން