ފަށްކުރުމެއް!: ޤިޔާމަތްވުމުގެ ކުރިން ފައުޅުކުރައްވަވާނެ ދިހަ ޢަލާމާތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ފަށްކުރުމެއް!: ޤިޔާމަތްވުމުގެ ކުރިން ފައުޅުކުރައްވަވާނެ ދިހަ ޢަލާމާތް!

ޤިޔާމަތްވުމުގެ ވާހަކަ އެއްބައަކު ދައްކަނީ މާބޮޑު ސަމާލުކަމެއް ދޭންބޭނުންވެގެނެއް ނޫނެވެ. އަނެއްބައަކު ދައްކަނީ ގަންނަ ބިރަކުންނެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމުގެ ބޭނުމުގައެވެ. ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތަކާއިމެދު ކަންބޮޑުވާތީއެވެ.  

ޤިޔާމަތްވާން ވަރަށް ގާތްވެއްޖެ ކަމަށް ބަލައި އެކަމުގެ މަޢުލޫމާތު އެއްކުރާ މީހުން ވަރަށް ގިނައެވެ. އެއީ މިއަދަކު އެކަނި ފެށިގެން އުޅޭ ކަމެއް ނޫނެވެ. ޞަޙާބީންވެސް ވަނީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ވާހަކަ ފަދަ ކަންކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިވެސް ސުވާލުކުރައްވަވައިފައެވެ.  

މިއަދު ތަފާތަކީ މައުލޫމާތު އެނގުނަސް ބިރުވެތިނުވެވޭކަމެކެވެ. ޢަމަލުތައް އިޞްލާޙްކޮށް ތައުބާ ނުވެވޭކަމެވެ. އެއިގެ ބަދަލުގައި އެބޭކަލުން އުޅުއްވެވެވީ އެކަމަށް އިންތިހާއަށް ބިރުފުޅުންނެވެ. ނަރަކައިން ސަލާމަތްވެވަޑައިގަތުމަށާއި ސުވަރުގެ ހޯއްދަވަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް އެބޭކަލުން ވަނީ ކުރައްވަވައިފައެވެ.  

އެފަދަ ކަންކަންކަން އޮޅުންފިލުއްވަން ޝައުޤުވެރިވެލައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ސުވާލު:. ޝެއިޚު، ޢަލާމާތްތަކަކީ ކަމަކަށް އިޝާރާތް ކުރެވޭ ކަންތައްތައް. އެހެންވީމަ މިސާލަކަށް ޤިޔާމާތްވުމުގެ ކުރިން މިހާރު ގާތް ވެއްޖެކަން، މި އަންނަނީކަން އެކަމަށް އިޝަރާތްކުރުމަށްޓަކައި، ބުނެދިނުމަށްޓަކައި އަންނަ ޢަލާމާތްތައް ނުވަތަ ކަންތައްތަކެއްގެ ވާހަކަ އެހެންތޯ؟ ޝެއިޚު މީ، 10 ކަމެއްގެ ވާހަކަ އެބަހުރި (އެހެން ނޫންތޯ) ޙަދީޘްގައި އައިއްސަ. މީ، ބޮޑެތި އަލާމާތްތަކެއްގެ ގޮތުގަ. ކޮބައިތޯ އެ 10 ކަންތައްތަކަކީ؟ 

ޖަވާބު:. އާދެ! 10 ޢަލާމާތް ބަޔާންކުރައްވާ ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި އަންނަނީ، އެއްފަހަރަކު އެކަލޭގެފާނު ނުކުމެވަޑައިގަންނަވަނީ ސަޙާބީންގެ ތެރެއަށް. ޙަދީޘް ބަސްފުޅުގައި އަންނަނީ " اطَّلَع النبيُّ صلَّى اللهُ عليه وآلِه وسلَّم علينا ونحن نتَذاكَر" ތިމަންމެން އެއްބަޔަކު އަނެއްބަޔަކާ ނަޞޭޙަތް، އެކި  ކަންކަމުގައި ދެމުން ދަނިކޮށް އެތަނަށް ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ހާޒިރުވެވަޑައިގެންނެވިއޭ! އެހިނދު އެކަލޭގެފާނު ސުވާލު ދެންނެވިޔޭ، مَاذَا تَتَذَاكَرُوْان ކޮންކަމަކާ ބެހޭގޮތުންހޭ އެއްބަޔަކު އަނެކަކާ ތި ނަޞޭޙަތްތެރިވަނީ. އެހެންވީމަ ޞަޙާބީން މި ދަންނަވަނީ نَتَذَاكَرُ السَّاعَة  ތިމަންމެން އެކަކު އަނެކަކަށް މި ނަޞޭޙަތްތެރިވަނީ ޤިޔާމަތްދުވަހުގެ އެކި ކަހަލަ ވާހަކަތަކުންނޭ. އޭގެ ވާހަކަތައް ދައްކާ، އެކަކު އަނެކަކުގެ އީމާންތެރިކަން އިތުރުކޮށް، އެކަކު އަނެކަކުގެ ދީނުގަ ހުރި ޝައުޤުވެރިކަން އިތުރުކުރަމުންނޭ.  

އެހިނދު ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ފުޅު ކުރައްވަނީ، ޤިޔާމަތްވުމުގެ ކުރީގައި ބޮޑުވެގެންވާ 10 ޢަލާމާތެއް އަންނާނޭ. لاَتَقُوْاما حَتَّى تَرَوقَبْلَها عَشْرَ آيَات ޤިޔާމަތް ނުވާނޭ މި 10 ޢަލާމާތެއް ފާޅުވުމުގެ ކުރިގައި، އެއަށްފަހު އެކަލޭގެފާނު އުއްމަތަށް ބަޔާންކޮށްދެއްވަނީ މި 10 ޢަލާމާތަކީ ކޮބައިކަން. އެގޮތުން 10 ޢަލާމާތަކީ،: 

އެންމެ ފުރަތަމަ ޢަލާމާތެއްގެ ގޮތުގައި ދައްޖާލު ފާޅުކުރައްވާނެ. އެއަށްފަހު ޢީސާގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާނެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ފާޅުކުރައްވާނެ. ބިމު ދާއްބައެއް ނެރުއްވާނެ، އަދި  3 ގެންބެވުމެއް އަންނާނެ. އޭގެ ތެރޭގައި މަޝްރިޤް ކަރައިންނާ، މަޣްރިބު ކަރައިންނާ އަދި ޖަޒީރަތުލް ޢަރަބިން އަންނަ ގެންބެވުމެއް އަންނާނެ. ދެން ދުންގަނޑެއް މުޅި ކާޢިނާތުގައި ފުރާލައްވާނެ. އަދި އެއަށްފަހުގައި ހުޅަނގު ފަރާތުން އިރު އަރައިގެން ދާނެ. އަދި އެންމެ ފަހުގެ ޢަލާމާތެއްގެގޮތުން އަލިފާންގަނޑެއް އަންނާނެކަން ނުވަތަ ނެރުއްވާނެކަން ޙަދީޘްބަސްފުޅުތަކުގައި އައިސްފައިވޭ.

 

- އައްޝެއިޚް އަބްދުﷲ ސަޢުދާން.

 

މިއަދު އޮންލައިން