ކާމޭޒުދޮށުގަ ދެމީހުން އެކުގަ ވަޤުތުހޭދަކުރުމަކީ ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކާމޭޒުދޮށުގަ ދެމީހުން އެކުގަ ވަޤުތުހޭދަކުރުމަކީ ދެމަފިރިންގެ މެދުގަ ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެއް!

ބަނޑުހައިވެއްޖެނަމަ އަމިއްލައަށް އެއްޗެއް ތައްޔާރުކޮށްލައިގެން އެކަނި ކައިލުމަކީވެސް މައްސަލައެއް ނޫނެވެ. އެއީ ބައެއް ޙާލަތްތަކުގައި ކުރަންޖެހޭނެ ކަމެކެވެ. އެކަމަކުވެސް ކޮންމެ ދުވަހަކުވެސް މަދުވެގެން 2 ފަހަރު ދެމީހުން އެކުގައި ތިބެގެން ކެއުން ވަރަށް މުހިންމެވެ. އެ ދެ ވަޤުތަކީ ހެދުނުގެ ސައިގެ ވަޤުތާއި ރޭގަނޑުގެ ކެއުން ކަމަށްވެސް ހެދިދާނެއެވެ. މެންދުރު އޮފީހުގައި އުޅެންޖެހޭނެތީ ކޮންމެ ދުވަހަކު ގެއަށް ނައުދެވިދާނެތީއެވެ.

ރޭގަނޑު ނުވަތަ އެނޫންވެސް ވަޤުތަކީ މައްސަލައެއް ނޫނެވެ. އެމީހަކު ކާނެ ގަޑި އެމީހަކަށް ކަނޑައެޅިދާނެއެވެ. އެހެނީ ކަންކަން ދިމާވާގޮތަކުން ޢާންމުކޮށް ކައިއުޅޭ ގަޑީގައި ބަނޑުހައިނުވާދުވަސްވެސް އަންނާނެއެވެ. އަދި ކާހިތްނުވާތީ ޖޫސްތަށްޓެއް ބޯލަން ބޭނުންވާ ފަހަރުވެސް އަންނާނެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ.  

އެހެނަސް އަނެކާ ކާ ވަޤުތު އޭނާ އެކަނި ނުކުރާށެވެ! ފެންފޮދެއް ބޯލަން ނަމަވެސް ކުރިމަތީގައި އިންނާށެވެ! ދެމީހުން އެކުގައި ތިބޭށެވެ. އަނބިންނަށް ދަރިން ބަލަންޖެހޭތީ ކުރިމަތީގައި އިނދެވެން ނެތް ވަޤުތެއްނަމަ ކިރިޔާވެސް ވާން އޮތިއްޔާ ފެންނަ ހިސާބުގައި ހުންނާށެވެ! އަނެކާއަށް ތިމާ އިންނަން މިޖެހެނީ އެކަނިކަން އިޙްޞާޞްވިޔަ ނުދޭށެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިހުންނަނީ އެކަންކަމަށް ސަމާލުކަންދޭނަމަ ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިވެ ލޯބިއިތުރުވާނެ ކަންކަމެވެ. ޒަވާޖީ ޙަޔާތް އުފާވެރިކުރުމަށް ހުރި ރިވެތި އަދަބުތަކެވެ.  

މިޒަމާނުގައި ކެއްކުމަކީ ހަމައެކަނި އަނބިންކުރާކަމެއް ނޫނެވެ. ފިރިންވެސް ކައްކައެވެ. ބައެއް ތަކެތި އަނބިންނަށްވުރެ މާމީރުކޮށް ތައްޔާރުކުރާ ފިރިންވެސް ބައިވަރެވެ. ބުނެލަން އޮތީ ފިރިމީހާ އެއްޗެއް ތައްޔާރުކުރިނަމަވެސް ހަމައެކަނި ތިމާއަށް ފުދޭވަރަށް ތައްޔާރުކޮށްގެން އެކަނި ކައިނުލާށެވެ! ދެމީހުންނަށް ފުދޭވަރަށް ތައްޔާރުކޮށް ދެމީހުން އެކުގައިކާށެވެ.  

ޒަވާޖީ ހަޔާތުގައި ދެމީހުންވެސް ވާންޖެހޭނީ ހުރިހާ ކަންކަމުގައިވެސް ބައިވެރިންނަށެވެ. އެކަނިއެކަނިވެގެން އުޅުމަކީ ހުޅަނގުގެ އުޞޫލެކެވެ. އެއީ މުސްލިމުންގެ މެދުގައި އޮވެގެންވާނެ ގޮތެއް ނޫނެވެ.  

އަދި އެއްވާހަކަ ބުނެލާނަމެވެ. ދެމަފިރިން އެކުގައި ކާމޭޒުދޮށުގައި ހޭދަކުރާ ވަޤުތަކީ ކަންކަމަށް މަޝްވަރާކުރާ ވަޤުތުކަމަށް ހަދައިފިނަމަ ނިދަން އޮށޯވެ ކުރަންޖެހޭ މަޝްވަރާތައް މަދުވާނެއެވެ. އެވަޤުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގަ ހިފަން މަގުފަހިވެގެންދާނެއެވެ.

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން