ދުނިޔެވީ ހަޔާތުގައި އަހަރެމެންގެ ދިރިއުޅުން ބިނާވެފައިވާ އެންމެ މުހިންމު އެކައްޗަކީ ފައިސާއެވެ. ކޮންމެ ދުވަހަކު ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި، ފައިސާއަކީ ކޮންމެހެން ހޯދަންޖެހޭ އެއްޗަކަށް މިއަދު މިވަނީ ވެފައެވެ. އަތުން ޚަރަދުކޮށްގެން ނޫނީ، ފެންފޮދެއްވެސް ނުލިބޭ ހާލަތަކަށް އަހަރެމެން މިއަދު މިތިބީ ގޮސްފައެވެ.
ކޮންމެ ދިމާލަކުން، ކޮންމެ ކަމެއް ކުރަން ބޭނުންވިޔަސް، ފައިސާ ނުދީ ވާކަށް ނޯވެއެވެ. އާއިލާ އާއި ރަހުމަތްތެރިން ދޫކޮށް، ރިސޯޓްތަކުގައާއި އެހެނިހެން ދުރު ހިސާބުތަކަށް ގޮސް މަސައްކަތް ކުރަނީ ހަމަ ފައިސާއަށްޓަކައެވެ. އެއާނުލާ އުޅެވެން ނެތުމުންނެވެ. ނަމަވެސް، މި ފައިސާގެ ފަހަތުން ދުވާ ދުވުމުގައި، ފައިސާގެ އަވައިގައި ޖެހި، އިންސާނާ ހަލާކުގެ ތެރެއަށް ވެއްޓެނީ ކިހާވަރަކަށް ބާވައެވެ؟
ފައިސާއަކީ މީހެއްގެ އަތުގައި ގިނައިން ހުރެއްޖެނަމަ އެމީހަކުވެސް ބާރުވެރިކުރުވާ އެއްޗެކެވެ. ގިނައިން ފައިސާ ގެންގުޅޭ މީހަކަށް އެކުވެރިން ގިނަވެއެވެ. އޭނާ އެދޭ ކަންތައްތައް ކޮށްދޭނެ މީހުން ގިނައިން އުޅެއެވެ. އެއީ އޭނާގެ ފަރާތުން ލިބިދާނެ އެތިކޮޅަކަށް އެދިގެންނެވެ. ފައިސާ ހުރުމުން ބާރުގަދަވާނެއޭ ބުނަނީ، ފައިސާ ދީފިނަމަ އެތައް ކަމެއް ކުރާނެ މީހުން ތިބޭތީއެވެ. ފައިސާ ހުރެއްޖެނަމަ އެމީހަކު ބޭނުންކަމެއް ކުރަންވީއެވެ. ބޭނުން އިރަކު ބޭނުންތާކަށް ދާންވީއެވެ.
ފައިސާއަކީ އޭގެ ޒާތުގައި ވަރަށް ނުފޫޒުގަދަ އެއްޗެކެވެ. ފައިސާގެ ބޭނުމުގައި ބޮޑެތި ހަނގުރާމަތަކާއި ގަތުލުއާންމުތައް ހިނގާފައި އެބަހުއްޓެވެ. މިސާލަކަށް އަރަބި ގައުމުތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. އެގައުމުތަކަކީ ތެލުގެ މުއްސަދިކަން އިންތިހާއަށް ހުރި ގައުމުތަކެކެވެ. އެގައުމުތަކަށް އާންމުގޮތެއްގައި ހުޅަނގުގެ ގައުމުތަކުން އަރާ ހަނގުރާމަ އެކުރަނީ ކޮންމެހެން އެގައުމުތަކުގައި ނިއުކުލިއަރ ހަތިޔާރު އުފައްދާތީކީ ނޫނެވެ. ނުވަތަ ނުރައްކާ ޓެރަރިސްޓުން އެގައުމުގައި ހަރަކާތްތެރިވާތީކީވެސް ނޫނެވެ. ހުރިހާވެސް ބޭނުމަކީ އެގައުމުތަކުގައިވާ ތެލުގެ ބޭނުމެވެ. އެތެޔޮ ވިއްކައިގެން ފައިސާ ހޯދުމެވެ.
ފައިސާގެ ނުފޫޒުވެރިކަމަކީ ފައިސާއަށްޓަކައި މީހުން ވިކުމެވެ. މި ކުޑަކުޑަ ރާއްޖޭގައިވެސް އަހަރެމެނަށް އެންމެ ގިނައިން އަޑުއިވޭ އެއްވާހަކައަކީ ފައިސާއަށް މިވެނި މީހަކު ވިކުނު ވާހަކައެކެވެ. އެއީ ތެދު ވާހަކައެކެވެ. ފައިސާއަށް ވިކޭ މީހުން މަދެއް ނޫނެވެ.
އަޅުގަނޑުމެން އަހާ ބަހެއް އޮވޭނުންހެއްޔެވެ: "ކޮންމެ މީހަކަށްވެސް އަގެއްވެއެވެ." ވަރަށްބޮޑު ތެދެކެވެ. އެންމެ ފަގީރުމީހާއަށް 500 އެއްހާ ރުފިޔާ ދިއްކޮށްލައިގެން އޭނާ ލައްވައި ކަމެއް ކުރެވޭތަން މިދަނީ ފެންނަމުންނެވެ. މިހެން ގޮސް ތަނަވަސްވާ ވަރަކަށް މީހާގެ އަގު އަރައިގެން ދެއެވެ. މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. މި ރާއްޖެއިން އަހަރެމެންގެ ލޯކުރިމަތިން ފެންނަ ކަންތައްތަކެވެ. ފައިސާއާ ހެދި ގައުމު ހަލާކުވަނީއެވެ. ގިނަބައަކު ތެޅިފޮޅެނީ ގިނައިން ފައިސާ ހޯދާށެވެ. ތިމާގެ އަންބޮޑި ދޮށަށް ބޮޑުކުރާށެވެ.
ފައިސާއަށް ވޯޓު ވިއްކާ ވާހަކައަކީވެސް އަހަރެމެން ދިވެހިންނަށް އާ ވާހަކަތަކެއް ނޫނެވެ. މި ރާއްޖެއަށް ޑިމޮކްރަސީ ފައްކާވެގެން އައިސް ފުރަތަމަ ބޭއްވުނު އިންތިހާބުން ފެށިގެން މިހާތަނަށް ބޭއްވުނު ބޮޑެތި އިންތިހާބުތަކަކީ ފައިސާއަށް އެތައްބަޔެއްގެ ވޯޓް ގަނެފައިވާ އިންތިހާބުތަކެއް ކަމަށް ގިނަބައަކު ޤަބޫލުކުރެއެވެ. ފައިސާ ނުނަގާ މީހުންވެސް އުޅޭނެއެވެ. ނަމަވެސް ފައިސާ ބަހާކަން ގިނަމީހުން ދަންނާނެއެވެ. ފައިސާ ކޮޅަކަށްޓަކައި އަހަރެމެން ރަނގަޅު ވެރިޔާ ހޮވުމުގެ ފުރުސަތު ގެއްލުވާލެވިފައިވާކަން މާޒީގައި މިވަނީ ތަޖުރިބާ ކުރެވިފައެވެ. އެންމެ ފަހުގެ ސަރުކާރު މިވަނީ އެއިގެ ކުރީގެ ހުރިހާ ސަރުކާރުތަކަށްވުރެ ބޮޑަށް ރައްޔިތުން ދަރުވާލައިފައެވެ. ސަރުކާރުގެ ތެރެއިން ރާއްޖޭގެ ތާރީޚުގައިވެފައިވާ އެންމެ ބޮޑު ޚިޔާނާތް ފެނަކަ ކިޔާ އެންމެ ކުންފުންޏަކުން ވެފައިވާކަން މިވަނީ ޘާބިތުވެފައެވެ. އެހާވެސް މިތިބެނީ ފައިސާއަށް ދަހިވެތިވެފައެވެ.
މަޖުލީހުގައި ނަގާ ވޯޓަކާ ދިމާކޮށްފައިވެސް "ވޯޓް ގަނެފި" ނުވަތަ "ވޯޓް ވިއްކައިފި" އޭ އެކިޔަނީ އޭގައި ހަމަ ހަގީގަތްތަކެއް އެކުލެވިފައިވާތީކަން ބައެއް މެންބަރުންނާއިމެދު ޘާބިތުވެފައިވާ ކަންކަމުން އެނގެއެވެ. އެންމެ މެންބަރެއްގެ ކުންފުންޏަކަށް 42 މިލިއަން ރުފިޔާ ނުޙައްޤުން ދިންމައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ޕާޓީގައި ހުރުމަށް ނުވަތަ އަނެއް ޕާޓީއަށް ދިޔުމަށް "ރީލޯޑް ކުރަންޖެހޭ" ވާހަކައަކީވެސް އޭގައި ހަގީގަތްތަކެއް އެކުލެވޭ ވާހަކަތަކެއްކަން ޘާބިތުވަނީ އެފަދަ މައްސަލަތަކުންނެވެ.
އެކަންކަން ހުއްޓުވުމަށްޓަކައި މެންބަރުންނަށް ޕާޓީ ބަދަލުނުކުރެވޭނެ ގޮތަށް މިހާރުގެ ސަރުކާރުން ޤާނޫނު ފާސްކުރިކަން އެއީ މިފަދަ ކަންކަން ހުއްޓުވަން މިސަރުކާރުން ބޭނުންވާ ކަމުގެ ހެއްކެކެވެ. ބައަކު ރުހުނަސް ނުރުހުނަސް އެއީ ކުރަންޖެހިފައި އޮތްކަމެކެވެ.
ފައިސާއަށްޓަކައި ނުލާހިކު ހަޑިމުޑުދާރު މަސައްކަތްވެސް ކުރަނީއެވެ. ރެޔާ ދުވާލު ދޭހާ އަތްވަކާއި ވެހޭ ވާރޭގައި ތެޅި މޮޔަވަނީއެވެ. ފައިސާ ހަމައެހާ މުހިންމުވީމަތާއެވެ. ފައިސާއާނުލާ ނޫޅެވޭތީއެވެ.
މިކުޑަކުޑަ މާލެއަށް ވިސްނާލަމާތޯއެވެ. މާލޭގައި ދިރިއުޅުމަކީ އަތޮޅުތެރެއާ ބަލާއިރު ހަރަދު ބޮޑު ކަމެކެވެ. ނަމަވެސް އަތޮޅުތަކުން ކިޔެވުމުގެ ރަނގަޅު ފުރުސަތުތަކާއި އެހެނިހެން ހިދުމަތް ނުލިބުމުން، ބޮޑު ހަރަދުކޮށްފައި މާލެއައިސް ނުލާހިކު ހާލުގައި އުޅޭ އާއިލާތައް މަދެއް ނޫނެވެ. ގޭ އެންމެން މަސައްކަތްކޮށްގެން ލިބޭ ފައިސާއިން ގެ ކުލި ދެއްކުމާއި، ކަރަންޓާއި ފެނަށް ފައިސާދީފައި ކާލާހާވަނީ ކިރިޔާއެވެ. މިކަމަށްޓަކައި އެއާއިލާގެ އެންމެންވެސް އަބަދުހެން އުޅޭނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން ކޮންމެވެސް ފައިސާއެއް ލިބޭތޯއެވެ.
ފައިސާއަށްޓަކައި މީހާގެ ނަފްސް ވިއްކަމުންދާއިރު، މީހާގެ ހަށި ވިއްކުމަކީ ދުނިޔޭގެ އިތުރުން މި ރާއްޖޭގައިވެސް ބޮޑުވެފައިވާ މައްސަލައެކެވެ. ހަށިވިއްކައިގެން ފައިސާ ހޯދުން މިއީ މިހާރު މިރާއްޖޭގައިވެސް އާންމުވެފައިވާ ކަމެކެވެ. އަދި ދިރިއުޅުމަށްޓަކައި ހަށިވިއްކައިގެން ފައިސާ ހޯދާ އެކަނިވެރި އަންހެނުންވެސް މިރާއްޖޭގައި ތިބިކަމަށް ވާހަކަ ދެކެވެއެވެ. އެފަދަ މައްސަލަތައް ވަނީ ޘާބިތުވެސްވެފައެވެ.
މީހަކާ އިނދެ މާލޭގައި ދިރިއުޅެން ފަށާފައި، ކުއްޖަކު ލިބި ވަކި ހިސާބަކުން ދެމީހުން ވަކިވެ، އަބިމީހާ ހާލުގައި ޖެހޭ ފަހަރުތަކުގައި، އެހެން މީހެއްގެ އެހީތެރިކަން ނުލިބުމުން ނުވަތަ މައިންބަފައިންނާ ނުރުހުމުގައި ކައިވެނި ކުރެވިފައިވުމުން އެމީހުންކައިރިއަށް ދާން ނުކެރުމުގެ ސަބަބުން، ހަށި ވިއްކައިގެން ފައިސާ ހޯދަނީއެވެ. ހަމަ ފައިސާއާނުލާ ނޫޅެވޭތީއެވެ. ފެންފޮދެއްވެސް ބޯލަން ލިބެނީ ފައިސާ ފޮއްޗެއް އޮތްނަމައެވެ.
ފައިސާއަކީ ކިތަންމެ ގިނައަކުން ލިބުނަސް އިންސާނާގެ ހިތްފުރޭ އެއްޗެއް ނޫނެވެ. ފައިސާ ގިނަވެގެން ހިތްފުރިގެން ދެން އިތުރަށް ފައިސާއެއް ނުހޯދާނަމޭ ބުނި މީހަކު ދުށިންތޯއެވެ؟ ހަމަ ޔަގީނުންވެސް އަހަރެންނެއް އެފަދަ މީހަކު ނުފެނެއެވެ. ފައިސާ ގިނައިން ލިބުމުގެ ސަބަބުން މީހުން މަގު ގެއްލި ހަލާކުވާތަންވެސް އާދެއެވެ. ހުރިހާ އެއްޗެއް ގަންނަން ފައިސާ އޮތީމަ، ބޭކާރު ވަގުތު ހޭދަވާފަދަ އެއްޗެހި ގަނެ، އެކަމަށް އަބަދު ވަގުތު ހޭދަކޮށް، މީހާ އާހިރަތްމަތިން ހަނދާންނެތެއެވެ.
ބައެއް ހާލަތްތަކުގައި ބޭނުންކުރާނެ ފައިސާ ނެތުމުން، ވައްކަންކޮށްގެން ފައިސާ ހޯދުމަކީވެސް މި މުޖުތަމައުގައިވެސް ގިނައިން ފެންނަ ކަމެކެވެ. ވައްކަން ކޮށްގެން ފައިސާ ނުލިބިއްޖެނަމަ، އެހެނިހެން މުދާ ވަގަށް ނަގައިގެން ވިއްކައިގެން ފައިސާ ހޯދަނީއެވެ. ބައެއްފަހަރު އަބި ދަރިންގެ ގަހަނާ ނަގައިގެން ވިއްކައިގެން ފައިސާ ހޯދާ ފަހަރުވެސް އާދެއެވެ. އެހެން އެއްޗެއް ގަންނަން ބޭނުންވެފައި ހުންނަވަރުން، އަތުގައި ފައިސާ ނެތުމުން ކުރެވޭ ކަމެކެވެ. ކޮންމެހެން އަބިމީހާ ނުވަތަ ދަރިއަށް ގެއްލުމެއް ނުވަތަ ދެރައެއް ދިނުމުގެ ގޮތަކުންނޫނެވެ. އަދި އެހެން އެކަންތައް ކުރަންވެސް ބޭނުންވާތީއެއްވެސް ނޫނެވެ.
ފައިސާ ހޯދުމަށްޓަކައި ހަށިގަނޑުގެ ގުނަވަން ވިއްކުންވެސް މިވަނީ މިހާރު އާދައިގެ ކަމަކަށްވެފައެވެ. އައިފޯނެއް ގަތުމަށްޓަކައި މީހާގެ އެއް ކިޑްނީ ވިއްކާލި ވާހަކައަކީވެސް އެންމެން އަޑުއަހާފައިވާ ވާހަކައެކެވެ. ފައިސާއަށްޓަކައި މީހުން މި ނޫނަސް އެހެން ގުނަވަންތައްވެސް ވިއްކާފައި އެބަހުއްޓެވެ. ވިސްނާލާށެވެ. ފައިސާއަށްޓަކައި ނުކުރަނީ ކޮންކަމެއްތޯއެވެ؟ ބަޑުއަޅައި ވިހޭ އަމިއްލަ ދަރިފުޅުވެސް އަޅުންގެ ގޮތުގައި އެހެން ބަޔަކަށް ވިއްކާލަނީއެވެ. މިއީވެސް ފައިސާގެ ބާރުވެރިކަމުންނެވެ. އެއަށް ބަރޯސާވާން ޖެހިފައިވާލެއް ބޮޑުކަމުންނެވެ.
އެހެންކަމުން އަހަރެމެން ވިސްނަންވީ ކަމަކީ، ލިބޭ މިންވަރަށް ޝުކުރުކުރުމެވެ. އާހިރަތަށް އީމާންވުމެވެ. އަހަރެމެން އެންމެންވެސް މަރުވެގެން ދުނިޔޭގައި ކުރި ހުރިހާ އަމަލުތަކާއި ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނެކަމެވެ. ފައިސާއަށްޓަކައި މި ދުނިޔޭގައި މީސްތަކުންނަށް ކިތަންމެ ސިއްރުން ކަމެއް ކުރިޔަސް، އެދުވަހަކުން ފިލަން ވަންނާނެ ތަނެއް ނޯންނާނެއެވެ. އެދުވަހަކުން އެންމެން ކުރިމަތީގައި ފަޟީހަތް ވާނެއެވެ. ދުނިޔެމަތީގައި ތިމާ ގަންނާނެ ލަދަށްވުރެ އެދުވަހުގައި ގަންނާނެ ލަދު މާ ބޮޑުވާނެއެވެ. އިލާހީ ހުކުމާ ކުރިމަތި ނުލާ ވާނެ ގޮތެއް ނޯންނާނެއެވެ. ފައިސާގެ އަވައިގައި ޖެހި، އިންސާނާ ހަލާކުގެ ތެރެޔަށް ވެއްޓިގެން ދިޔަ ނުދިނުމަށް އަހަރެމެން އެންމެންވެސް ސަމާލުވާންޖެހެއެވެ. އަދި ފައިސާގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ، ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
-- މިއަދުނޫހުގެ ކިޔުންތެރިއެއް