ކިތަންމެ މުސްކުޅިވިޔަސް ޢިލްމު އުނގެނެން ހިތްވަރުކުރުމަކީ ސުވަރުގެ ލިބެން އޮތް ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ކިތަންމެ މުސްކުޅިވިޔަސް ޢިލްމު އުނގެނެން ހިތްވަރުކުރުމަކީ ސުވަރުގެ ލިބެން އޮތް ޢަމަލެއް!

"އަހުރެން މިހާރު މުސްކުޅިވެއްޖެ! އެއްޗެއް ދަހެއް ނުކުރެވޭނެ!" ކަމަށް ބުނާ ބައަކު އުޅެއެވެ. އެމީހުންނަށް އެވިސްނެނީ ރަނގަޅަކަށް ނޫނެވެ. ކޮންމެ ޢުމުރެއްގައިވެސް ޢިލްމް ޙާޞިލްކުރެވޭނެއެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ މީހަކަށް މަގުފަހިކޮށްދެއްވަވާނެއެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުމުން ކޮންމެ ޢުމުރެއްގައިވެސް ޢިލްމް ޙާޞިލުކުރެވޭނެކަން ޤަބޫލުކުރެވޭނެއެވެ. އޮތީ ހިތްވަރުކުރަން ކެރުމެވެ.  

އިލްމު އުނގެނުމަކީ އިންސާނުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވާފައިވާ ކަމެއް ނޫނެވެ.  

"ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ." (އަލްޢަލަޤް: 1) 

ވީމާ އުނގެނުމުގެ މުހިންމުކަމާއި މަތިވެރިކަން މިއޮތީ އެނގޭށެވެ. ޢިލްމަކީ ޚަޒާނާއެކެވެ. ކިތަންމެ ވަރަކަށް އުނގެނުނަސް އުނގެނި ނިމެން އޮތްކަމެއް ނޫނެވެ. އުނގެނުނު ވަރަކަށް އިތުރަށް އުނގެނެން ޝައުޤުވެރިކަން އިތުރުވެސްވެއެވެ.

ކީރިތި ޤުރްއާނުން ބާވައިލެއްވެވި ފުރަތަމަ އާޔަތުގައިވެސް ވަނީ ކިޔަވައިވިދާޅުވުމަށެވެ. މިއާޔަތުން އެނގެނީ ޢިލްމް އުނގެނުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމެވެ. އެހެންވީމާ އެއީ އިންސާނުންގެ އިޚްތިޔާރަށް ދޫކޮށްލައްވަވާފައިކަމެއްކަމަކަށް ނުބުނެވޭނެއެވެ.  

އެއްވެސް ޒަމާނެއްގައި އެންމެންނަކީ ބޮޑެތި ޢިލްމުވެރިންނެއް ނޫނެވެ. އަދި އެއްވެސް މީހަކީ ދުނިޔެއަށް އުފަންވާއިރު ޢިލްމުވެރިއެއް ނޫނެވެ. ޢިލްމުވެރިންނަށް ވަނީ އެމީހަކު އެކަން އެދިގެން ކުރާ މަސައްކަތުންނެވެ. އެކަމަށްޓަކައި ތަކްލީފްތަކެއްވެސް އުފުލައިގެންނެވެ. 

އަހަރެމެންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ތަޖުވީދުމަގުން ކީރިތި ޤްރްއާން ކިޔަވަން އެނގޭ ބައެއް ނޫނެވެ. އެންމެ ކުޑަމިނުން އަކުރުތައް ކިޔަންވީ މަޚްރަޖް ވެސް އެނގޭ ބައެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ ކަމުގެ ޙަޤީޤަތެވެ. ކަން އޮތް ހާލަތެވެ. މިހާލަތު މެދުވެރިވީ އެމީހާގެ ކުށަކުން ކަމަށްވެސް ނުވެދާނެއެވެ.  

ހިތާމައަކީ މިކަންކަން އެނގޭ އިރުވެސް އުނގެނެން އެބަ ލަދުގަނެއެވެ. ތިމާއަށް ނުއެނގޭކަން އެހެން މީހަކަށް އެނގިދާނެތީ އެބަ ލަދު ގަނެއެވެ. ނިކަން ބުނެބަލާށެވެ! ތިބާ ދެރަވެ އަސަރުކުރާނީ ތިބާއަށް ކަމެއް ނުއެނގޭކަން މިއަދު ބައަކަށް އެނގުމުން ހެއްޔެވެ؟ ނޫން ނަމަ ތިބާ އުނގެނެން ޖެހޭ އެއްޗެއް ދަސްނުކޮށްގެން ސުވަރުގެ ނުވަދެވިއްޖެ ނަމަ ހެއްޔެވެ؟  

އުނގެނުމަކަށް އުމުރެއް ނެތެވެ. އުމުރުން 90 އަހަރުވެފައިވާ މީހުން މާސްޓަރސް ޑިގްރީ ހާޞިލުކުރަމުން ގެންދާ ވާހަކަ ޚަބަރުތަކުން އަޑު ނުއަހަމު ހެއްޔެވެ؟ ނޯލާ އޮކްސްގެ ވާހަކަވެސް އަޑެއް ނުއަހަމުހެއްޔެވެ؟ އޭނާ ވަނީ 2007 ވަނަ އަހަރު، އުމުރުން 95 އަހަރުގައި ޑިގްރީ ހާޞިލުކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ.  

ދެން އިސްލާމީ ތާރީޚަށް ބަލައިފިނަމަ  ބައެއް ޞަހާބީން ކީރިތި ޤްރްއާން އުނގެނިވަޑައިގަތީ މުސްކުޅި އުމުރުފުޅުގައި ނޫން ހެއްޔެވެ؟ ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކީރިތި ޤުރްއާން ފުރިހަމަ ގޮތުގައި ކިޔެވޭނީ ކިޔަވަން ދަސްކޮށްގެން ކަމެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި ވަނީ ޢިލްމު ޙާޞިލުކުރަން މަސައްކަތްކޮށްފި މީހާ ސުވަރުގެ ވަނުމަށް ﷲ ތައާލާ މަގު ފަސޭހަކޮށްދެއްވަވާނެ ކަމަށެވެ. ޢިލްމް ކަމުގައި ބެލެވޭނީ އުނަމަތަށް ފައިދާކުރާނެ ކަންކަމުގެ ޢިލްމެވެ.

Hadith on ‘Ilm: Path in search of knowledge leads to Paradise

 Abu Amina Elias

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Whoever travels a path in search of knowledge, Allah will make easy for him a path to Paradise.”

Source: Ṣaḥīḥ Muslim 2699  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން