ދަރިފުޅު އަނބިމީހާއާއެކު ލޯބިން އުޅޭތީ މަންމައަށް އަސަރުކޮށް ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރުން- ގިނަ ކައިވެނިތަކެއް ރޫޅި އަނބިން ނިކަމެތިވާ ބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދަރިފުޅު އަނބިމީހާއާއެކު ލޯބިން އުޅޭތީ މަންމައަށް އަސަރުކޮށް ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރުން- ގިނަ ކައިވެނިތަކެއް ރޫޅި އަނބިން ނިކަމެތިވާ ބޮޑު މައްސަލައެއް!

ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނައިންސުރެ މަންމަގެ ކަމަކީ އަނބިމީހާގެ ކުށްދެއްކުމެވެ. ދޮގު އިލްޒާމްތައް އެޅުވުމެވެ.ް ފިރިމީހާ ކަންބޮޑުވާ އެންމެ ބޮޑު ސަބަބަކީ މަންމައަށް ދެރަވާނެ އެއްވެސް ކަމެއްނުކޮށް މަންމައަށް ނުހަނު ރަނގަޅަށް ކަންކަން ކުރާއިރުވެސް އަނބިމީހާއާއިމެދު އެގޮތަށް ކަންތައްކުރާކަމެވެ. އެހެންކަމާއިއެކުވެސް މަންމައަށް އެއްވެސް ބަހެއް ނުބުނެއެވެ. އިންތިޒާރުކުރަމުން އައީ މަންމައަށް ރަނގަޅު ވިސްނުން ލިބޭނެ ދުވަހަކަށެވެ. 

އެއްދުވަހެކެވެ. މަންމަގެ ކަންބޮޑުވުމަކަށްވީ މަންމަގެ ހާރު ގެއްލުމެވެ. އެކަން އެޅުވީ ޅީދަރިފުޅުގެ ބޮލުގައެވެ. ދަރިފުޅު ހަވީރު ގެއަށް އައުމުން އެކަމުގެ ޝަކުވާ ކުރިއެވެ. ހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރުމަށްފަހު އަނބިމީހާ ބުންޏެވެ. "އަހުރެން ދައްކާ ވާހަކަ ޤަބޫލުކުރާނެ ކަމެއް ނެތެވެ. ސިޓިންގރޫމްގެ ކެމެރާގެ ފުޓޭޖް ބަލައިލާށެވެ!"  

ފުޓޭޖް ބެލުމުން ފެނުނީ ހާރު ކަރުންނަގައި ބޭނުންނުކޮށް ބާއްވާފައި އޮންނަ އަތްދަނަހަކަށްލާތަނެވެ. އެދަބަސް ހުޅުވިއިރު ދަބަހުގައި ހާރު އޮތެވެ. ބޭޒާރުވުމުން ބުންޏެވެ. "ދަރިފުޅާއެވެ! މާފުކުރާށެވެ! މަންމައަށްވުރެ ބޮޑަށް އަނބިމީހާދެކެ ލޯބިވެގެން އުޅޭތަން ފެންނަން ފެށުމުން ކެތް ނުކުރެވުނީއެވެ."  

ދަރިފުޅު ބުންޏެވެ. "މަންމާއެވެ! މަންމަދެކެ ވާލޯތްބާއި އަނބިމީހާދެކެ ވާލޯތްބަކީ ތަފާތު ދެލޯތްބެއް ނޫން ހެއްޔެވެ؟ މާފަށް އެދެންވީ އަޅުގަނޑުގެ ކިބައަކުން ނޫނެވެ. އަނބިމީހާގެ ކިބައިންނެވެ." މާފަށް އެދުމުން ޅީދަރިފުޅު ބުންޏެވެ. "މިހިސާބަށް މާފުކޮށްފީމެވެ. އެކަމަކު އިތުރު އެއްވެސް ކަމަކަށް މާފެއް ނުކުރާނަމެވެ. ގެއިން ނުކުމެގެން ދާނީއެވެ. މިފަހަރުވެސް މާފުމިކުރަނީ ބަނޑުގައި އޮތް ދަރިފުޅަށްޓަކައެވެ. މިހައިތަނަށްވެސް ނުބުނެ ސިއްރުކޮށްގެން މިހުރީ ތިއަދުލުގެ އެސްފީނާއަށް ބިރުންނެވެ. ދެންމެވެސް މިބުނެވުނީ ބޭއިޚްތިޔާރުގައެވެ. މާތް ﷲ އަށް ވަކީލެވެ."  

އެއިގެ ފަހުން މައިދައިތައަށް ޖެހުނީ މައިތިރިވާށެވެ. ފުފޭނަމަ ބާކީވާންޖެހޭނީ އޭނާކަން ވިސްނިގެންނެވެ. ދަރިފުޅު އޭނާގެ އަނބިމީހާދެކެ މާބޮޑަށް ލޯބިވާނެކަންވެސް ވިސްނޭތީއެވެ.  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަންދިމާވި ގޮތެވެ. ކޮންމެ ގެއަކު ކެމެރާއެއް ނުހުންނާނެއެވެ. ކުރާ ހުރިހާ ކަމެއް ކެމެރާއަކަށް ނުވެސް އަރާނެއެވެ. މިފަދަ މައިދައިތައިންގެ ސަބަބުން ކިތައް ދެމަފިރިންގެ ކައިވެނި ރޫޅި އެދަނީ އަނބިން ނިކަމެތިވަމުން ހެއްޔެވެ؟ މިއީ ހުރިހާ އެންމެންވެސް ވިސްނައިލަން ޖެހިފައިވާ ބޮޑު މައްސަލައެއް ނޫންހެއްޔެވެ؟  

- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން