ފަށްކުރުމެއް!: ސުވަރުގޭގެ އެންމެ ދަށުދަރަޖަވެސް މުޅި ދުނިޔޭގެ ދިހަގުނައާ ނުބައްދަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފަށްކުރުމެއް!: ސުވަރުގޭގެ އެންމެ ދަށުދަރަޖަވެސް މުޅި ދުނިޔޭގެ ދިހަގުނައާ ނުބައްދަލު!

މާނައީ: މާތް ﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި (ޢަބްދުﷲ) އިބްނު މަސްޢޫދުގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. {ހަމަކަށަވަރުނަ، ނަރަކައިގެ އަހުލިވެރިންކުރެ އެންމެ ފަހުން ނަރަކައިން ނެރުއްވާނޭ، އަދި ސުވަރުގޭގެ އަހުލުވެރިންކުރެ އެންމެ ފަހުން ސުވަރުގެއަށް ވައްދަވާ މީހަކާމެދު ކަންހިނގާނެ ގޮތް ތިމަންކަލޭގެފާނު ދެނެވަޑައިގެންވަމުއެވެ. (އެއީ) ފިރުކިފައި ނަރަކައިން ނެރުއްވާނޭ މީހެކެވެ. ފަހެ، ﷲ ޢައްޒަވަޖައްލަ އޭނާއަށް ވަޙީކުރިއްވާ ހުއްޓެވެ.

ތިބާ ގޮސް ސުވަރުގެއަށް ވަންނާށެވެ! ފަހެ، އޭނާ ސުވަރުގޭގެ (ދޮރުކޮޅު) ކައިރިއަށް އަންނަހުއްޓެވެ. ފަހެ، އޭނާގެ ހިތަށްއަރާނީ، ސުވަރުގެވަނީ މީސްތަކުންނާއިގެން ފުރިފައިކަމަށެވެ. ފަހެ، އޭނާ އެނބުރި ދާހުއްޓެވެ. ފަހެ، އޭނާ ދަންނަވާހުއްޓެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ ދުށީ ސުވަރުގެ ފުރިފައިވާކަމަށެވެ. ފަހެ، ﷲ ޢައްޒަވަޖައްލަ އޭނާއަށް ވަޙީކުރައްވާ ހުއްޓެވެ. ތިބާގޮސް ސުވަރުގެއަށް ވަންނާށެވެ! ފަހެ އޭނާ ސުވަރުގޭގެ (ދޮރުކޮޅު) ކައިރިއަށް އަންނަހުއްޓެވެ. ފަހެ، އޭނާގެ ހިތައްއަރާނީ، ސުވަރުގެވަނީ މީސްތަކުންނާއިގެން ފުރިފައިކަމަށެވެ. ފަހެ، އޭނާ އެނބުރިދާހުއްޓެވެ. ފަހެ، އޭނާ ދަންނަވާ ހުއްޓެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ ދުށީ ސުވަރުގެ ފުރިފައިވާކަމަށެވެ.  

ފަހެ، ﷲ ޢައްޒަވަޖައްލަ އޭނާއަށް ވަޙީކުރައްވާހުއްޓެވެ. ތިބަ ގޮސް ސުވަރުގެއަށް ވަންނާށެވެ. ފަހެ، ތިބާއަށް ދުނިޔެއާ އެއްފަދަ ތަނަވަސްކަން ލިބިގެންވެއެވެ. އަދި އެފަދަ ދިހަގުނަ އިތުރަށް ތިބާއަށް ލިބިގެންވާހުއްޓެވެ. ނުވަތަ އަންގަވާނީ ތިބާއަށް ދުނިޔޭގެ ދިހަގުނަ ތަނަވަސްކަން ލިބިގެންވާހުއްޓެވެ. ފަހެ، އޭނާ ދަންނަވާހުއްޓެވެ. އިބަރަސްކަލާނގެ މިއަޅާ މޮޔަ ހައްދަވަނީތޯއެވެ؟ ނުވަތަ މިއަޅާއަށް މަލާމާތް ކުރައްވަނީތޯއެވެ؟ އިބަރަސްކަލާންގެއީ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާންގެއީމުއެވެ. (ޢަބްދުﷲ) އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. (މިހެން ޙަދީޘްކުރެއްވުމަށްފަހު) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިނިވަރުނަ ކުރެއްވީތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. (އޭގެ ސަބަބުން) އެކަލޭގެފާނުގެ ފޭރާދަތްޕުޅު ފެނުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. { ސުވަރުގެ ވަންތަވެރީންކުރެ އެންމެ ދަށުދަރަޖައިގެ މީހަކީ އޭނާއެވެ.}"  

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން: 

 

މިއަދު އޮންލައިން