އަޅުގަނޑުގެ ދައްތަގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދެވަނަ ކައިވެނިކުރިފަހުންވެސް ދައްތައަށް ތަފާތެއް
ނުކުރެއެވެ. ހުރިހާ ޙައްޤުތަކެއްވެސް އަދާކުރެއެވެ. އެކަމަކު ދައްތަ އުޅެނީ އެކަން ބޮޑުކަމަކަށް ހަދައިގެން ވަރިވާށެވެ. އެއީ ރަނގަޅު ގޮތެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
އަހުރެން މިދައްކަނީ ދެވަނަ ކައިވެންޏެއް ކުރުމަށްފަހު ދޮށީ އަނބިމީހާއަށް އަޅާނުލައި އިހްމާލްވާ ފިރިންގެ ވާހަކައެއް ނޫނެވެ. ދޮށީ އަނބިމީހާއަށް ލިބިފައި ތިބި ދަރިންނަށް އަޅައިނުލާ މީހުންގެ ވާހަކައެއްވެސް ނޫނެވެ. އަހުރެން މިދައްކަނީ ދެވަނަ ކައިވެންޏެއް ކުރިނަމަވެސް ދޮށީ އަނބިމީހާއާއި އަދި ލިބިފައި ތިބި ދަރިންނަށް ހެޔޮ ގޮތުގައި އަޅައިލާ މީހުންގެ ވާހަކައެވެ.
ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރިނަމަވެސް މިބުނި ފަދައިން ދޮށީ އަނބިމީހާއާއި އަދި ލިބިފައި ތިބި ދަރިންނަށް ހެޔޮ ގޮތުގައި އަޅާލައި ބަލަހައްޓާނަމަ ޝަކުވާ ނުކޮށް ކެތްތެރިވެލާށެވެ! ތިމާއަށް ދެރަގޮތެއް މެދުވެރިނުވުމަށާއި އުފާވެރިކަން ދެއްވެވުން އެދި ދުޢާކުރުންމަތީގައި ޘާބިތުވެލާށެވެ!
މިވާހަކަ ދައްކަން މިޖެހެނީ ވަރިވާންޖެހޭ ސަބަބެއް ނެތިވެސް ބައެއް އަންހެނުން ވަރިވާތީއެވެ. އެގޮތަށް ކަންކަން ކުރުމުން ގިނަ ފަހަރަށް އޮންނަނީ މާބޮޑަށް ހިތާމަކުރަންޖެހިފައެވެ. އެކަމުން ލިބޭދެރަ މާބޮޑުވެފައެވެ. ވީމާ ޚާއްޞަކޮށް ދަރިން ތިބިނަމަ މިކަންކަމަށް ބޮޑަށް ވިސްނަންވާނެއެވެ.
ގިނަ (ރަނގަޅު) ފިރިހެނުން ދެވަނަ ކައިވެންޏެއް ކުރަނީ އަނބިމީހާދެކެ ލޯބިނުވާތީއެއްވެސް ނޫނެވެ. އަނބިމީހާއަށް ދެރައެއް ދޭކަށްވެސް ނޫނެވެ. އިތުރަށް ބޭނުންވުމަކީ ފިރިހެނުންގެ ޠަބީޢަތުގައި ހުންނަ ކަމަކަށްވާތީއެވެ.
އަދިވެސް ތަކުރާރުކޮށްލާނަމެވެ. ދެވަނަ ކައިވެންޏެއްކޮށް ދޮށީ އަނބިމީހާއަށާއި ދަރިންނަށް އަޅައިނުލާނަމަ ކެތްތެރިވެގެން އިންނާކަށެއް ނުބުނާނަމެވެ. އެހެން ގޮތެއް ހޯދަން މަސައްކަތްކުރާށެވެ! ނަމަވެސް ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބޭނީ އެއިރުންނެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންކޮޅުވެސް ވިދާޅުވެލައްވާށެވެ!
ފިރިމީހާ ދެވަނަ ކައިވެންޔެއް ކުރުމަކީ ދޮށީ އަންtބަށް އަޘަރުނުކޮށް ނުދާނެކަމެކެވެ. އިންސާނެއްގެ ޙައިޘިއްޔަތުން އެކަމާ އަޘަރުކުރާނެއެވެ. ނަމަވެސް ހެޔޮދުޢާކުރުމާއިއެކު ކެތްތެރިވެ ޘާބިތުވެ ހުރެއްޖެނަމަ ފަހުން ހުރިހާކަމެއްވެސް އިހުނަށްވުރެ ރަގަޅުވާނެއެވެ.
"ހަމަކަށަވަރުން الله އަށް ތަޤްވާވެރިވެ ކެތްތެރިވެއްޖެ މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އިޙްސާންތެރިންގެ ދަރުމަ الله ގެއްލެނިވެ ނުކުރައްވާނެތެވެ." (ސޫރަތު ޔޫސުފް 90)
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް