ކައިވެނިކުރުމުގެ ކުރިން ކުރެވިފައިވާ ކަންކަން،
(ކުސްތަކާ ފާފަތައް) ބައިވެރިޔާއަށް ކިޔައިދޭނެ ޖެހޭނެތޯ؟ ބުނަނީ ކިޔައި ނުދޭނަމަ އަޅުގަނޑަކީ ޚިޔާނާތްތެރިއެއް ކަމަށް!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ބައިވެރިޔާއަށް ތެދުވެރިވާންޖެހޭނެއެވެ. ނަމަވެސް އެއީ ބައިވެރިޔާކަމަށްވާހިސާބުންނެވެ. ކައިވެނިކުރުމަށްފަހުގައެވެ. އެއިގެ ކުރިއާއި އޭނާއާއި އެއްވެސް ގުޅުމެއް ނެތެވެ.
އަންހެނަކު ކައިވެނިކުރާނެ ރަނގަޅު މީހަކު އިޚްތިޔާރުކުރަންވެގެން އައީ 3 މީހަކާއި ވާހަކަދައްކަމުންނެވެ. އެކަން ފިރިމީހާއަށް އެނގުނީ ކައިވެންޏަށްފަހު ފިރިމީހާއަށް ކިޔައިދިނުމުންނެވެ. ކިޔައިދިނީ ތެދުވެރިވެވޭނީ އެއިރުން ކަމަށް ވިސްނިގެންނެވެ. އެކަމަކު ނަތީޖާ އެނގޭ ހެއްޔެވެ؟ އެކަންވީ ކައިވެނި ރޫޅުނު ސަބަބަށެވެ.
ތިރީގައިވާ ލިޔުމުން ވަަރށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކައިވެނި ކުރާ ޙާލަތަށް ނުވަތަ ކައިވެނިކުރާ ޢުމުރަށްދާއިރު އެއްވެސް ކުށެއް ނެތި ސާފުޠޯހިރުކަންމަތީގައި ހުރެވޭނީ ވަރަށް މަދުމީހަކަށެވެ. އަދި ފާފައަކަސްނުވި ނަމަވެސް ސިއްރު ހިފަހައްޓަންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ.
އެގޮތުން ކޮންމެ މީހެއްގެވެސް ސިއްރުތަކެއް ހުންނާނެއެވެ. ކުރެވިފައިވާ ކުށްތަކެއްވެސް ހުންނާނެއެވެ. އަދި ކޮންމެހެން ސިއްރުކުރަންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެފަދަ ކަމެއްގެ ވާހަކަ ހަމައެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ކިތަންމެ ގާތް އެކުވެރިއަކަށްނަމަވެސް މެއެވެ. އަދި ކައިވެނީގެ ކުރީގެ އެފަދަ ކަމެއްގެ ވާހަކަ ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށްވެސް ކިޔައިނުދޭށެވެ. އެއީ އެނާއާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫނެވެ. އެކަން އޮތީ ހަމައެކަނި ތިބާއާ މާތް ﷲ އާއި ދެމެދުގައެވެ.
ކިތަންމެ އިތުބާރުކުރެވޭ ކިތަންމެ ގާތް އެކުވެރިޔާ އާއިވެސް އަދި ޙަޔާތުގެ ބައިވެރިޔާއާއިވެސް މައްސަލައެއް ނުޖެހޭނެ ކަމަށް ނުބަލާށެވެ! ކޮންމެ މީހަކާއިވެސް ކޮންމެ ވަގުތަކުވެސް މައްސަލައެއް ޖެހިދާނެއެވެ! ޚިޔާލުތަފާތުވެ ދެބަސްވާން ޖެހިދާނެއެވެ.
އެފަދަ ޙާލަތެއް ކުރިމަތިވުމުން ގިނަ ފަހަރަށް އޮންނާނީ ސިއްރުތައް ހާމަކުރެވިފައެވެ. ކުރިން ދެމީހުންގެ މެދުގައި އޮތް ގާތްގުޅުމުގެމަތިން ހަނދާންކުރާނީ ވަރަށް މަދުމީހެކެވެ. ގިނަ މީހުން ބޭނުންވާނީ ސިއްރުތައް ހާމަކޮށް އަނެކާ ފަޟީޙަތްކޮށްލާށެވެ! ބޭޒާރުކޮށް އަގުވައްޓައިލާށެވެ!
ވީމާ އެބާވަތުގެ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރުނުކުރާށެވެ! އެކަންކަމަކީ ހަމައެކަނި ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ސިއްރަށް ހަދާށެވެ! ފާފައެއް ކުރެވިފައިވާނަމަ އޮތީ ތައުބާވުމެވެ! ތައުބާވާންވެސް، ފާފަފުއްސަވައިދެއްވެވުން އެދިވެސް ދަންނަވަން ޖެހޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ތައުބާވާންވެސް ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވަންވެސް އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ! އެއީ ހަމަ ސީދާ ތިބާ އާއި ﷲ ތަޢާލާއާއި ދެމެދުގައި ކުރެވޭ މުޢާމަލާތެކެވެ.
-އިސްލާމީ ތިލަފަތުގެ ދަރުސަކުން