ޚުޠުބާ: ކެރިކުޅަދާނަވެއްޖެ މީހާ ޙައްޖާ ޢުމުރާވުމަށް އަވަސްވެގަންނާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 59ސ
ޚުޠުބާ: ކެރިކުޅަދާނަވެއްޖެ މީހާ ޙައްޖާ ޢުމުރާވުމަށް އަވަސްވެގަންނާށެވެ!

މުސްލިމް އަޚުންނޭވެ!

ޙައްޖު ވާޖިބުވުމަށްފަހު ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޙައްޖުވުމަށް އަވަސްވެގަތުމަކީ رَسُوْلُ اللهِ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދުދެއްވައިފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.  (تَعَجَّلُوْا إِلَى الْحَجِّ-يَعْنِي الْفَرِيْضَةَ- فَإِنَّ أَحَدَكُمْ لَا يَدْرِيْ مَا يَعْرِضُ لَهُ)[1] މާނައީ: "ތިޔަބައިމީހުން فرض حجّވުމަށް އަވަސްވެގަންނާށެވެ! އެހެނީ، ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ، ހަމައެކަކަށް ވެސް އެމީހަކަށް ކަންތައް ދިމާވާނީ ކިހިނެއްކަމެއް ނޭނގޭނެއެވެ." 

މުސްލިމް އަޚުންނޭވެ! حجّ އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއް ފަހަރު حجّވުމަކީ އަދި ޢުމުރުން އެއް ފަހަރު ޢުމްރާވުމަކީ واجب ކަމެކެވެ. އެއް ފަހަރަށް ވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ سُنَّة ކަމެކެވެ. ނުހަނު ގިނަގުނަ ثَوَابُ ލިބެނިވި ކަމެކެވެ. حجّ އަދާކުރުމަށް ކެރި ކުޅަދާނަވުމަކީ، އެ ކަމަށް صِحِّيْ ގޮތުން ކެރި ކުޅަދާނަވުމާއި، ޚަރަދުކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި، މަގު އަމާންވެގެން ވުމެވެ.  

މާތް اللهގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ހެއު ގޮތުގައި ވެވޭ ޙައްޖަށް އަރަހުށި ހުސްޠާހިރުވަންތަ الله ދެއްވާ ثَوَابއަކީ ސުވަރުގެކަން شَرْعِيْ دَلِيْلُތަކުން ثَابِتُވެއެވެ. رَسُوْلُ الله z، حديثކުރައްވައިފައި ވެއެވެ. (اَلْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِّمَا بَيْنَهُمَا، وَالْحَجُّ الْمَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ)[2] މާނައީ: "عُمْرَةވުމަކީ، ދެ عُمْرَة ދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ކައްފާރާއެކެވެ. އަދި ފާފަތަކުން އެއްކިބާވެ ހެއު ގޮތުގައި ވެވޭ حجّއަށް ހަމަކަށަވަރުން ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ." 

މުސްލިމް އަޚުންނޭވެ! މާތް اللهގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަޅުކަމެއް ކަމުގައި، ކޮންމެ އަޅުކަމެއް ވެސް ވާހުށީ، އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ފުރިހަމަވެގެންނެވެ. އެއީ، މާތް اللهގެ ވަޖުހުފުޅު އަދައިގެން إِخْلَاصْތެރިކަމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރުމެވެ.  

މުސްލިމް އަޚުންނޭވެ! ހެއު ގޮތުގައި ވެވޭ حَجّއެއްކަމުގައި ތިމާގެ حجّވުމަށްޓަކައި، حجّއަށް ދިޔުމުގެ ކުރީގައި ވެސް ތިމާ ކުރާންޖެހޭ ކަންތައްތަކެއް ވެއެވެ. މި ގޮތުން إخلاصތެރި ރަނގަޅު ތައުބާއަކުން ތައުބާވާންޖެހެއެވެ. އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމުކަމެކެވެ. ޚާއްޞަކޮށް حجّވުމަށްޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، ޢާންމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ حلالގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދުތަކެއްކަމުގައި ވާންޖެހެއެވެ.

رَسُوْلُ اللهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުން ވާރިދުވެފައިވާ حديثއެއްގައި ވެއެވެ. (إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا)[3] މާނައީ: "ހަމަކަށަވަރުން މާތް ﷲއީ ހުރިހައި ޢައިބަކުން ހުސްދުރުވެވޮޑިގެންވާ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ޠާހިރު އަދި حلال ތަކެއްޗާއި ކަންތައް މެނުވީ އެކަލާނގެ قبولއެއް ނުކުރައްވައެވެ." ދެއްކުންތެރިކަމުން ޠާހިރުވެ، މާތް اللهއަށް ޓަކައި إخلاصތެރިކަމާ އެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ ޢަމަލެއް ވުމަކީ ވެސް واجبކަމެކެވެ. ޙައްޖަށްދާ މީހާ ނުވަތަ ޢުމްރާއަށްދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި، މި އަޅުކަމުގެ حُكُمތައް އުނގެނި ދަސްކުރުން ހުށްޓެވެ. 

މުސްލިމް އަޚުންނޭވެ! ހެއު ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ حجّވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާ ވުމެވެ. 

އަޅަމެންގެ ވެރި ރަސްކަލާކޮ! ދުނިޔޭގައި ވެސް ހެއުކަން، އަދި آخرةގައި ވެސް ހެއުކަން އަޅަމެންނަށް ދެއްވައި، ނަރަކައިގެ عَذَابُން އަޅަމެން ދިންނަވައިފާނދޭވެ!

މާތް اﷲގެ އަޅުތަކުންނޭވެ! ޙައްޖަކީ އަހަރަކު އެއް ފަހަރު އަދާކުރެވޭ އަޅުކަމެކެވެ. ޢުމްރާއަކީ އަހަރަކު އެއް ފަހަރަށް ވުރެ ގިނައިން ވެސް އަދާކުރެވޭ އަޅުކަމެކެވެ. ޙައްޖަށް إِحْرَام ބަނދެވޭނީ حجّގެ މައްސަރުތަކުގައެވެ. حجّގެ މައްސަރުތަކަކީ شَوَّال މަހާއި، ذُوالْقَعْدَة މަހާއި، ذُوالْحِجَّة މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. حجّމަހުގެ ނުވަވަނަ ދުވަހު عرفاتގައި ހުރުމަކީ حجّގެ ركنތަކުގެ ތެރެއިން ركنއެކެވެ. حجّގެ ركنއެއް އަޅައިފި  މީހަކަށް އެ އަހަރަކު ޙައްޖެއް ނުލިބޭނެއެވެ.

މިއަދު އޮންލައިން