މީހެއްގެ ހިތް ކަތިލުމަށްވުރެ ބޮޑު އަނިޔާއެއް ނެތް! ހިތް ކަތިލާ މީހުންނަކީ ޤާތިލުންނަށްވުރެ ނުބައި ބައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
މީހެއްގެ ހިތް ކަތިލުމަށްވުރެ ބޮޑު އަނިޔާއެއް ނެތް! ހިތް ކަތިލާ މީހުންނަކީ ޤާތިލުންނަށްވުރެ ނުބައި ބައެއް!

އަހުރެމެންގެ ކައިވެނީގައި އުފަލުގައި އުޅެވުނީ މަހެއްހައިދުވަހުއެވެ. ފިރިމީހާގެ ކިބައިން ހިތްދަތިކަން ލިބެން ފަށައިފިއެވެ. އެއީ އިމްތިޙާނެއް ކަމަށް ބަލައި ކެތްތެރިވާން މަސައްކަތްކުރީމެވެ. އެކަމަކު ކޮންމެ ދުވަހަކީވެސް އަދި ކޮންމެ ރެއަކީވެސް ހިތް ކުދިކުދިކޮށް ކޮށައިލެވޭ ދުވަހެކެވެ.

ކައިވެންޏަށް 3 ވަނަ މަސް ފެށުނުދުވަހުގެ ރެއެވެ. ފިރިމީހާ ގެއަށް އައީ 2 އަންހެނުން ގޮވައިގެންނެވެ. އެކަކީ އަހުރެންގެ އެންމެ ގާތް އެކުވެރިޔާކަމަށްވުމުން ލިބުނު ހިތްދަތިކަން ވަކިން ބޮޑުވިއެވެ.  

އެރެއަކު ކެތެއް ނުކުރެވުނެވެ. އެމީހުން ގެއަށް ވަނުމާއިއެކު ގެއިން ނުކުތީމެވެ. ކާރަކަށްވެސް ނާރަމެވެ. ގެއަށް ދިއައީ ހިނގާފައެވެ. ގެއަށްވަންތަނުން މަންމަ ފެނުމުން ބައްދައިގަނެވުނުކަން އެނގުނެވެ. ދެން ވީގޮތެއް ނުއެނގެއެވެ. ހޭއެރިއިރު އެންމެން އަހުރެންގެ ވަށާލައިގެން ތިއްބެވެ.

އަޅުގަނޑަށް ހަމަޖެހިލައިގެން އުޅެވެން ފެށީ 3 މަސްވަރު ފަހުންނެވެ. ފަރުވާހޯދީ ރޭއަޅުކަމުންނެވެ. ކުރި ދުޢާތަކުންނެވެ.

މިހުރީވެސް ހިތަށް އަނިޔާ ލިބުމުން ދިމާވާ ގޮތެވެ. ކުރަންޖެހޭ ތަޖުރިބާއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ކައިވެނިކުރީންސުރެ އަޅުގަނޑަށް އުޅެންޖެހިފައިވަނީ ހިތާމައާއި ހިތްދަތިކަމުގައެވެ. އެކަމުގެ ތެރޭގައި އުޅެންހަދައިގެން އަޅުގަނޑަށް ވަރަށް ބޮޑެތި އުނދަގޫތައްވެސް އަންނަނީ ކުރިމަތިވަމުންނެވެ. އަޅުގަނޑުގެ ސުވާލަކީ އަނެކާ ހިތްދަތިކުރުމަކީ ދެވޭ އަނިޔާއަކަށް ނުވާނެތޯއެވެ؟  

ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ޙާލަތުން އަވަހަށް އަރައިގަނެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

އަނިޔާގެ ވައްތަރުތައް ވަރަށް ގިނައެވެ. އެހެނަސް އަނިޔާގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެ ދައްކަނީ ތަޅައި އަނިޔާކުރުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތްގޮތެއް ނޫނެވެ. އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ހިތަށް ދޭ  އަނިޔާއެވެ. 

އެކަން ބަޔާން ކުރައްވަވައި ޢަލީ (ރޢ) ވިދާޅުވެފައިވެއެވެ. "އިންސާނާގެ ހަށިގަނޑަށް ދެވޭ އެންމެ ބޮޑު އަނިޔާޢަކީ އެމީހެއްގެ ހިތަށް ކުރާ އަނިޔާއެވެ. އަދި ހިތަށް ކުރާ އަސަރު ނުއެނގޭ ބައަކާއިއެކު ދިރިއުޅެން ޖެހުމުން ލިބޭ އަނިޔާއެވެ."

މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޙަޔާތުގެ ބައިވެރިޔާގެ ގައިގައި ތަޅައި އަނިޔާ ނުކުރުމަކީ އަނިޔާ ނުކުރުމެއް ނޫނެވެ. އަނެކާގެ ހިތަށް ކުރާ އަނިޔާއަކީ ޖިސްމާނީ އަނިޔާތަކަށްވުރެ މާބޮޑު އަނިޔާއެކެވެ.

ކަނޑިން ޖެހުމުން ހަށިގަނޑުގައި އުފެދޭ ފާރުގަނޑަށްވުރެ ދުލުން ބުނާ ބަސްތަކުން ދެވޭ އަނިޔާ މާބޮޑެވެ. ކަނޑިފާރު ފަސޭހަވި ނަމަވެސް ހިތުފާރު ފަސޭހަ ނުވާނެ ކަމަށް ބުނެވެނީ އެހެންވެގެންނެވެ.  

އެއްވެސް މީހެއްގެ، ޚާއްޞަކޮށް މައިން ބަފައިންނާއި ހަޔާތުގެ ބައިވެރިޔާގެ ހިތުގައި ޖެއްސުވުމަކީ އަނިޔާއެއް ނޫން ކަމަށް ޤަބޫލުކުރާ މީހުން ރަނގަޅަށް އަޑުއަހާށެވެ! ހިތުގައި ޖެއްސުވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އާޚިރަތް ދުވަހުން ޖެހޭނީ ހަމަ ޖަވާބުދާރީވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން