ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ އައުހެދުމެއް ހޯދާނީ 2 ޢީދު ދުވަހަށާއި މިނިވަންދުވަހަށާއި ޖުމްޙޫރީ ދުވަހަށެވެ. މިނިވަންދުވަހަށާއި ޖުމްޙޫރީ ދުވަހަށް އައުހެދުން ހޯދައިދޭނީ ކުޑަކުދިންނަށެވެ. އެއީ މަގުތަކުގައި ބޭންޖަހާތަން ބަލަން ނެރޭއިރު ލެއްވުމަށެވެ.
ނަމަވެސް ކަންކަން މިއަދު މިވަނީ ބަދަލުވެފައެވެ. 2،3 ހެދުން ހޯދަންޖެހޭ މަސްތައްވެސް އައުދެއެވެ. ދައުވަތުލިބޭ ޕާޓީތައް ގިނަވާވަރަކަށެވެ. ކޮންމެ ޕާޓީއަކަށް ތަފާތުކުލައެއްގެ ހެދުންލާންޖެހޭތީއެވެ. ދަޢުވަތުލިބޭ ކޮންމެ ޕާޓީއަކަށްވެސް އައުހެދުމެއް ޢާއިލާގެ އެންމެންނަށް ހޯދަންޖެހެއެވެ. ނުހޯދުނުނަމަ ގިނައީ ލަދުން ނުދާ މީހުންނެވެ.
ދާދި އަވަހަށް މިއަހަރުގެ އަޟްޙާ ޢީދު އައިސް ބައްދަލުކުރާނެއެވެ. ޢާއިލާގެ އެންމެންނަށް ހެދުންހޯދާނެއެވެ. މިހާރަކަށް އައިސް ޢާއިލާއެކުގައި ރީތިވެ ނަލަހެދިގެން ޢީދުނަމާދުގެ ބޮޑުޖަމާއަތަށްދާ ޢާއިލާތައްވެސް ވަރަށް ގިނައެވެ. އެއީ ފުދުންތެރިކަންހުރި މިނަވަރަކުން ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ތަނަވަސްކަންހުރި ވަރަކުން ރީތިވެ ނަލަހެދިގެން ތިބުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ކުރަން އެންމެ މުހިންމު ކަންތައްމަތިން ހަނދާންނައްތައިލެވޭކަމެވެ. މިބުނަނީ އައުހެދުމެއްލާއިރު ކިޔަން އޮތް ދުޢާ ގިނަބައަކު ނުކިޔާވާހަކައެވެ.
އެގޮތަށް އެކަން ނުކުރާށެވެ! މިޢީދަކީ އެކަން ބަދަލުކޮށްލާ ދުވަސްކަމުގައި ހަދަމާ ހިނގާށެވެ! އަދި މިހިސާބުން ފެށިގެންވެސް މިކަންކަން ތިމާކުރުމާއިއެކު ދަރިން ލައްވައިވެސް ކުރުވަން ޢާދަކުރަމާ ހިނގާށެވެ!
އާ ހެދުމެއްލާއިރު ކިޔާ ދުޢާ
كَانَ النَّبِيُّ ﷺ إِذَا ٱسْتَجَدَّ ثَوْبًا، سَمَّاهُ بِاسْمِهِ – عِمَامَةً، أَوْ قَمِيصًا، أَوْ رِدَاءً – ثُمَّ يَقُوْلُ: «اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه». [رَوَاهُ تِرْمِذِيُّ]
އާ ހެދުމެއް ތުރުކުރައްވާކަމުގައިވަނީނަމަ، ނަބިއްޔާ ﷺ ، އެތުރުކުރައްވާ އެއްޗެއްގެ ނަން ޛިކުރުކުރެއްވުމަށް ފަހު- މި ފަގުޑި ނުވަތަ މި ޤަމީސް ނުވަތަ މި ރިދާ – ދެން އެއަށްފަހު އަންނަނިވި ދުޢާ ވިދާޅުވެއެވެ.
«اللَّهُمَّ لَكَ الْحَمْدُ أنْتَ كَسَوتَنِيهِ، أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِن شَرِّهِ وَشَرِّ مَا صُنِعَ لَه»
މާނައީ: "އޭ ﷲ! އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ އިބައިލާހަށެވެ. މިއަޅާއަށް މިހެދުން ދެއްވީ އިބައިލާހެވެ. މި ހެދުމުގައިވާ ހެޔޮކަމާ އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ހެޔޮކަން ދެއްވުން މިއަޅާ އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މި ހެދުމުގައިވާ ނުބައިކަމާއި އަދި އެކަމަށްޓަކައި މި ހެދުން އުފެއްދެވުނުކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ."
- ރިވާކުރެއްވީ ތިރްމިޛީ رحمه الله
މިދުޢާގެ މާނަ ދަރިންނަށް އެނގުމުން ހެދުން ގަނެދިނީ މައިންބަފައިން ނަމަވެސް ތިމާއަށް ހެދުން ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ވިސްނި ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވަމުންދާނެއެވެ. އިން ޝާ ﷲ
ވިސްނައިލާށެވެ! ދެއްވަވާ ނިޢުމަތަށް ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުކުރައްވަވާ ކަމެކެވެ. ވީއިރު އައުފޭރާމެއް ލިބުމުންވެސް ޝުކުރުވެރިވެ ދުޢާކުރުމަކީ އިތުރު އައުފޭރާން ލިބުމަށް މަގުފަހިވާނެ ކަމެކެވެ. އިން ޝާ ﷲ
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން