ފާފަކުރަނީ ތިމާގެ ގާތް، ތިމާ ލޯބިވާ މީހަކު ނަމަ އޭނާއަށް ނަޞޭޙަތްދޭން އަވަސްވެގަންނާށެވެ! ފާފަނުކުރުން އެދި އާދޭސްވެސް ކުރާށެވެ! ތަކުރާރުކުރުމުންވެސް އިޞްލާޙްނުކުރިނަމަ ﷲ ތަޢާލާއަށް ވަކީލްކުރުމަށްފަހު އެމީހަކާއި ދުރުވެގަންނާށެވެ! އޭނާގެ ސަބަބުން ތިބާވެސް މަގުފުރެދިދާނެ ކަމަށްތަކައެވެ.
"މުންކަރާތެއް ފާޅުވާހިނދު އެކަމަށް އިންކާރުކުރާނޭ އަޑެއް ނެތްނަމަ، އެއަށްވުރެއް ބޮޑެތި މުންކަރާތްތައް އެއާ ވިދިގެން އާދެއެވެ. އިންކާރު ކުރުމުން ޙާލަތު އިޞްލާޙުނުވި ކަމުގައިވިޔަސް އިންކާރުކުރަން ޝަރުޢުވެފައި ވަނީ، ވިދިގެން އަންނަންއޮތް މުންކަރާތް މަޑުޖެހޭނީ އޭރުންކަމުގައި ވާތީއެވެ."
ކަން އޮތީ މިފަދައިންނަމަވެސް މިއަދު މިފެންނަނީ ތިމާ ރުހޭ މީހާ ކިތަންމެ ގިނަބައިން ކިތަންމެ ބޮޑު ފާފައެއް ކުރިނަމަވެސް ރުހިގެން ހުންނަތަނެވެ. މިއީ ވަރަށް ބޮޑަށް ބިރުވެތިވެ ސަމާލުވާންޖެހޭ ކަމެކެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ކައިވެނިނުކޮށް ތިބޭ ދަރިން ކޮޓަރީގައި ދޮރުލައްޕައިގެން ނުވަތަ ތަޅުލައިގެން ތިބެ ކުރާކަންކަން ލޮލަށް ނުފެނިދާނެއެވެ. ނަމަވެސް ދޮރުތަޅުލައި ގިނައިރުވާނަމަ އެއީ މައްސަލައެކެވެ. ދަރިންދެކެ ލޯބިވާނަމަ އެކުދިން ފާފަކުރިއަ ނުދޭށެވެ! ފާފަކުރަން ފުރުޞަތު ނުދޭށެވެ! އެކަމުން ތިބާވެސް ފާފަވެރިވާނެތީއެވެ!
ދަރިން ހިލޭ މީހުންނާއިއެކު ބުރުޖަހާލަން، ރެސްޓޯރަންޓަށް، ބާޒާރުކޮށްލަން ގޮސްފައި ގެނެސްދޭ ހަދިޔާގެ އަގަށް ނުބަލާށެވެ! ތަކެތީގެ ރަހަ މީރުކަމަށް ނުބަލާށެވެ! އެއީ ހަމަ އަލިފާނެވެ. ކައިވެނިކުރުވައި ޙަލާލް ގޮތުގައި ލިބިގަންނާށެވެ! ފުރަތަމަކަމަކީ ކައިވެނިކުރަންދެން ލޯބިވެރިޔާއާއެކު ބޭރަށް ނުފޮނުވުމެވެ. މިޒަމާނުގައި ނުފިނުވިޔަސް ދާނެކުދިންވެސް ތިބޭނެއެވެ. ގޮސްފައި ގެއަށް އެއްޗެއް ގެނެސްފިނަމަ އެގަތީ ކާކުކަން ބަލާށެވެ. ލޯބިވެރިޔާނަމަ ބޭނުން ނުކުރާށެވެ. މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ.
ހަނދާންކުރާށެވެ! ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ފާފަނުކުރާ ދަރިއެއްގެ ގޮތުގައި، އަދި ފާފަކުރަން ބިރުވެތިވާ ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން