އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ، އެމީހަކަށް ދުނިޔޭގައި ކުރިމަތިވާ މުޞީބާތެއްގެ ސަބަބުން ، ނުވަތަ މީހަކު ބުނެލާ ބަހެއްގެ ސަބަބުން ވިޔަސް އަދި ތިމާ ހޯދަން ބޭނުންވެފައިވާ އެއްޗެއް ނުވަތަ ކަމެއް ވިޔަސް ހާސިލު ނުވެއްޖެ ނަމަ ދުނިޔެމަތިން ފޫހިވެއެވެ. ދެން ތިމަންނަ ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތްކަމަށް ޤަބޫލުކުރެވެއެވެ. އަދި މަރުވެގެން ދިޔުން މާ ރަނގަޅުކަމަށް ހީވެ، އެކަމަށް އެދެވެއެވެ.
އެގޮތުން ބައެއް މީހުންނަށް ވަރަށް ދެރަކަންކަންވެސް ކުރެވެއެވެ. ކޮންމެވެސް ގޮތަކުން ކޮންމެވެސް މީހަކަށް ނުވަތަ ބައަކަށް އެކަން ވިސްނިގެން އެމީހަކަށް ވިސްނައިދީ އެހީތެރިވެގެން އެޙާލަތުން ސަލާމަތްވެސް ކުރެއެވެ.
ދުނިޔެމަތިން ފޫހިވެ އަމިއްލައަށް މަރުވުމަށް ވިސްނުމަކީ މުސްލިމުންގެ ތެރޭގައި ހިނގާ ވަރަށް ހިތާމަ ހުރިކަމެކެވެ.
އާއްމުކޮށް މިފަދަ ކަންކަން ހިނގަން މެދުވެރިވަނީ އެމީހެއްގެ އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުންނެވެ. މިބުނަނީ ހިތްދަތި ޙާލެއް ކުރިމަތިވުމުން ދެރަނުވާ ވާހަކައެއް ނޫނެވެ. ދެރަވިނަމަވެސް ކެތްތެރިނުވެވޭ މީހުންގެ ވާހަކައެވެ. ކެތްތެރިނުވެވޭ ޙާލަތަށް ކަންކަންދަނީ ﷲ ތަޢާލާއާއި ތިމާއާއި ދެމެދު އޮންނަންޖެހޭ ހަޤީޤީ ގުޅުން ނެތީމައެވެ. އެއިލާހާއި މެދު އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަން ނެތީމައެވެ. ދުނިޔޭގައި ﷲ ތަޢާލާ ، އިންސާނުން ލެއްވި ހަޤީޤީ މަޤްޞަދު ހަނދާންނެތިފައި ވުމުން ނުވަތަ އެކަމާއިމެދު ޣާފިލުވެފައި ވާތީއެވެ.
އެންމެހައި މުސްލިމު އަޚުންނޭވެ! ދުނިޔެއަށްޓަކައި އަޅުގަނޑުމެން ފުރާނަ ދުއްވާލައިގެން ނުވާނެއެވެ. މުސްލިމުން އުންމީދުކޮށް ދެންނެވުން ހައްޤު ހަމައެކަނި ފަރާތަކީ ﷲ ތަޢާކާއެވެ. އަދި މުސްލިމުން ވަކީލުކުރާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ.
އަޅުގަނޑުމެން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކަންކަމަށް ވަޞިއްޔަތްކޮށް ނަޞޭހަތްތެރިވާން އެބަޖެހެއެވެ. ﷲ ތަޢާލާގެ ރަޙްމަތުން އުއްމީދުު ކަނޑާލައިގެން ނުވާނެއެވެ. އަޅުގަނޑުމެންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ އާޚިރަތާއެއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދުމާއެވެ. އެހެން ކަމުން މި ދުނިޔެއަކީ އިމްތިހާނުގެ ގޮވެތިކަން ދަނެގެން ، ދުނިޔޭގައި ބޭނުންހާ ކަމެއް ހާސިލުނުވެދާނެކަން ޤަބޫލުކުރެވެން އެބަޖެހެއެވެ. މި ދުނިޔެ އަކީ ﷲ ތަޢާލާގެ ހަޟްރަތުގައި އެއްވެސް އަގެއް ހުރި ތަނެއްނޫނެވެ. ދާދި އަވަހަށް ނެތިފަނާވެ ދަނިވި ތަނެކެވެ. ދާއިމީ ގޮވައްޗަކީ އާޚިރަތުގެ ގޮވައްޗެވެ.
މި މަވްޟޫޢުގައި، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ބޮޑުޢިލްމުވެރިޔެއް ކަމުގައިވާ ، އައްޝައިޚު މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ އާއި ކުރެވުނު ސުވާލަކަށް، ޝެއިޚު ދެއްވާފައިވާ ޖަވާބު މިތާނގައި ހިމަނާލާނަމެވެ.
( އެއްވެސް މީހަކު އޭނަގެ އަމިއްލަ ނަފްސަށް ތިމަންނަ މަރުވާނެ ނަމައޭ ބުނެ، އެކަމަށް އެދުން ހުއްދަވެގެން ނުވެއެވެ. އަދި އެއީ ޙަރާމްކަމެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
” لاَ يَتَمَنَّيَنَّ أَحَدٌ مِنْكُمُ الْمَوْتَ لِضُرٍّ نَزَلَ بِهِ… ” الحديث – صحيح البخاري – މާނަ : ” ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހަކަށް ކުރިމަތިވެފައިވާ ދަތި އުނދަގުލެއްގެ ސަބަބުން ، މަރުވުމަށް ނޭދޭށެވެ. “
ފަހެ، އިންސާނާގެ މައްޗަށް ވަނީ ކެއްތެރިވުމެވެ. އަދި ހިދާޔަތާއި ޘާބިތުކަން ދެއްވުމަށް އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދެއްނެވުމެވެ. ދަތި އުނދަގުލެއް ކުރިމަތިވެ މުޞީބާތެއް ޖެހިފައިވާނަމަ ، އެމީހަކު، ސަލާމަތްކަން ދެއްވުމަށް އެދި ﷲ ތަޢާލާއަށް ދަންނަވާ ހުށިކަމެވެ. އެންމެހައި ކަމެއް މިލްކުވެގެންވާ ފަރާތަކީ އެއީއެވެ. ތަވްފީޤުން ދެއްވުން ވަނީ ﷲ ތަޢާލާއަށެވެ.)
- ޝައިޚް ބިލާލް ޢަބްދުއްސައްތާރު