ކައިވެނި ރޫޅުމުން ބައިވެރިޔާގެ މަތިން ހަނދާން ނައްތައިލާ ފަދައިން ދަރިންގެ މަތިން ހަނދާން ނައްތައިލާ ބައަކުވެސް އުޅެއެވެ. އެއީ މަދު ބައެއް ކަމަށްވެސް ބުނެވޭކަށް ނެތެވެ. އެހެންވެ މިއަދު މިފާހަގަކުރަނީ ކިތަންމެ ބޮޑު މައްސަލައެއް ދިމާވެގެން ނަމަވެސް ވަރިކުރަން ޖެހިއްޖެ ނަމަ ނުވަތަ ވަރިވާން ޖެހުނު ނަމަވެސް ދަރިންގެ ޙައްޤުތަކަށް ރައްކއުތެރިވުމުގެ މުހިންމު ކަމަށެވެ.
އެކުގައި ދިރިއުޅެވެން ނެތިގެން ނުވަތަ އެކުގައި އުޅެން ބޭނުން ނުވެގެން ކައިވެނި ރޫޅާލާއިރު ވިސްނަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ދަރިން ލިބިފައިވާނަމަ އެދަރިންގެ ޙައްޤުތަކެވެ. ވަރިގިނަވެ ކައިވެނި ރޫޅަމުން ގެންދިއަ ނަމަވެސް ގިނަ ކައިވެނިތައް ރޫޅައިލެވެނީ ކޮންމެހެން ރޫޅައިލަން ޖެހިގެނެއް ނޫނެވެ. މާނައަކީ އެކުގައި ދިރިއުޅެވެން ނެތިގެން ނޫން ކަމެވެ. އެހެނީ ގިނަ ކައިވެނިތައް ރޫޅައިލެވެނީ ދެމަފިރިންކުރެ އެކަކަށް މާރަނގަޅު އެހެން ގޮތެއް ފެނިއްޖެ ކަމަށް ޤަބޫލުކުރެވިގެން ކަމުގައިވާތީއެވެ.
ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އެއްވެސް ކައިވެންޏެއް ރޫޅައިލެވެނީ ލިބިފައިވާ ދަރިންގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. ދަރިންނަކީ ﷲ ތަޢާލާ ދެމަފިރިންނާއި ބަލަހައްޓަން ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ފިރިމީހާގެ ޒިންމާ އެތައް ގުނައަކަށް ބޮޑުވާ ގޮތަށް ދެމަފިރިންނާއި ހަވާލުކުރައްވަވާ މަސްއޫލިއްޔަތެކެވެ. އެކަމުގައި އިހްމާލްވުމަކީ ﷲ ތަޢާލާ ތިމާ އާއި ޙަވާލު ކުރެއްވެވި މަސްއޫލިއްޔަތު އަދާ ނުކުރުމެވެ.
ކައިވެނި ރޫޅާލާއިރު ނުވަތަ ވަރިކުރާއިއރު އެންމެ މުހިންމީ މުދަލަށް ހަދާނެ ގޮތް ކަނޑައެޅުމެއް ނޫނެވެ. ހުރިހާ ކަމެއްގެ ކުރިއަށް ނެރެންޖެހޭނީ ދަރިންނާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު އެއްބަސްވުމެވެ. ދަރިން ބެލުމުގެ މަސްއޫލިއްޔަތު އުފުލާނެ ގޮތެއް ކަނޑައެޅުމެވެ. އެކަންކަމަށް އަނގަބަހުން އެއްބަސްވެގެނެއްވެސް ނުފުދޭނެއެވެ. ލިޔެކިޔުމުގައި ސޮއިކޮށް ކައިވެންޏާއިމެދު ވީ އެއްބަސްވުމަށް އަމަލު ނުކުރެވިގެން ވަރިވާއިރު ނުވަތަ ވަރިކުރާއިރު ދަރިންގެ މައްސަލަތައް އަނގަބަހުން އެއްބަސްވެގެން ހައްލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
އެ އެއްބަސްވުމުގައި ދަރިންނާއި ބައްދަލުކުރާނެ ގޮތްވެސް ހާމަކުރަންވާނެއެވެ. ވަގުތުތައްވެސް ހާމަކުރަންވާނެއެވެ. އެކަން ކުރާނެ އުޞޫލުވެސް ކަނޑައަޅަންވާނެއެވެ.
ބައެއް ފަހަރު ކުދި ދަރިން ބައްޕަގެ ގެއަށް ގެންދަން ބޭނުންވުމުން އެކަން ކުރަން އެބަ ކާރު ޑްރައިވަރު ނުވަތަ ކުދިން ނުވެސް ދަންނަ މީހުންނާއި އެބަ ހަވާލުކުރެއެވެ. އެއީ އެއްގޮތަކަށްވެސް އެކަން ކުރަން ރަނގަޅު ގޮތެއް ނޫނެވެ. ކުދިން ގެނެސް ގެންގޮސް ހަދަން ޖެހޭނީ އެކުދިންގެ ޒިންމާތައް ފުރިހަމައަށް އުފުލޭވަރުގެ ޢާއިލީ މީހެކެވެ. ނޫންނަމަ ކުދިންނަށް ކިތަންމެ ނުރައްކައުތެރިކަމެއްވެސް މެދުވެރިވެދާނެއެވެ.
ހަމަ އެއާއިއެކު ގާތުން ކިރުދޭ ކުދިން މައިމީހާ އާއި ވަކިކޮށްގެން އެންމެ ދުވަހަކަށްވެސް ގެންގޮސްގެން ނުވާނެއެވެ. ކުއްޖާ ބޭނުންވާ ކޮންމެ ހިނދެއްގައި މައިމީހާގެ ގާތުން ނުލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއީ ކުއްޖާގެ ވަރަށް ބޮޑު ޙައްޤެކެވެ. އެ ޙައްޤާއިމެދު ކުއްޖާ ދައުވާ ކުރާނެއެވެ.
އަނބިމީހާގެ މައްސަލައެއްގައި ކައިވެނި ރޫޅައިލަން ޖެހިއްޖެ ނަމަ ބައެއް ބައްޕައިންނަށް ޤަބޫލުކުރެވެނީ އެހިސާބުން ދަރިންގެ ކަންކަން ވެސް ބަލަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ހުއްދަކުރާ ގޮތެއް ނޫނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅައިލަން ޖެހުނު ނަމަވެސް ދަރިންގެ ޚަރަދުތައް ކުރަން ޖެހޭނީ ބައްޕައަށެވެ. ދަރިންގެ ޒިންމާ އުފުލަން ޖެހޭ އިސް މީހަކީ ބައްޕައެވެ. އެކަންކަން ބައްޕަގެ ކިބައިން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ.
މަންމަގެ ކިބައިގައި ތަނަވަސްކަން ހުރެފައި ޚަރަދުކުރަން ބޭނުންނަމަ މަންމަ ޚަރަދުކުރުމަކީ ތަފާތު މައްސަލައެކެވެ. އެ ޙާލަތުގައިވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމަ ބައްޕައަށެވެ. ވީމާ ދެމަފިރިންވެސް މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި ދަރިންގެ ކަންކަމަށް ޖަވާބުދާރީވާން ޖެހޭނެތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން