ޤިޔާމަތް ދުވަހާއިމެދު މިކަންކަން އެނގިއްޖެނަމަ ނަރަކައަށް ބިރުވެތިވެ ޢަމަލުތައް އިޞްލާޙްކުރަން ބޮޑުބާރަކަށްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 22ސ
ޤިޔާމަތް ދުވަހާއިމެދު މިކަންކަން އެނގިއްޖެނަމަ ނަރަކައަށް ބިރުވެތިވެ ޢަމަލުތައް އިޞްލާޙްކުރަން ބޮޑުބާރަކަށްވާނެ! އިން ޝާ ﷲ

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވާލަކީ ޔަޤީނުންވެސް ނައިސް ނުދާނެ މި ނުރައްކާތެރި ދުވަހަށް (ތިމާ މަރުވާނެ ދުވަހަށް، ޤިޔާމަތް ދުވަހަށް) އަހަރެމެން ތައްޔާރުވެފައިވަނީ ކިހާވަރަކަށް ބާވައެވެ؟ އެދުވަހަށް އަހަރެމެން ތައްޔާރުކޮށްފައިވަނީ ނަމާދާއި، ރޯދާއާއި، ޒަކާތާއި، މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި، އަދި މިނޫންވެސް ހެޔޮލަފާ ޞާލިޙް ޢަމަލުތައްބާވައެވެ؟   

ނޫނީ އަހަރެމެންގެ އަތުގައިވަނީ ފާފަތަކުގެ ބޮޑު ފުނިވަރެއް ބާވައެވެ؟ ރިބާއާއި، ޒިނޭއާއި، ދޮގުހެދުމާއި، ޣީބަބުނުމާއި، މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މިނޫންވެސް ހުތުރުކަންބޮޑު ފާފަތައްބާވައެވެ؟ 

ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހެޔޮލަފާ ޞާލިޙް ޢަމަލުތަކާއިގެން އެދުވަހުން އެއިލާހާ ބައްދަލުކޮށްފިނަމަ އެމީހަކު އުޑުތަކާއި ބިންތަކުގެ ތަނަވަސްކަންހުރި ސުވަރުގެ ޙާޞިލުކޮށްފިއެވެ. މިއާޚިލާފަށް ފާޙިޝްޢަމަލުތަކާއި މުންކަރާތްތަކާ އެކު އެއިލާހާ ބައްދަލުކޮށްފިނަމަ އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ ގަދަފަދަވެގެންވާ ވޭންދެނިވެގެންވާ އަލިފާނުގެ ޢަޛާބެވެ. ނަރަކައިގެ ބަނޑޭރިން ކަމުގައި ﷲ ލައްވާފައިވާ ހަރުކަށި ގަދަފަދަ މަލާއިކަތުން އެދުވަހުން އެއްވެސް ރަޙުމެއް ނުކުރާނެއެވެ. ﷲ އަމުރުފުޅަށް އެބޭކަލުން ނަރަކައިގެ އަހުލުވެރިންގެ ގައިގައި ތަޅުއްވާނެއެވެ.   

ނަރަކައިގެ އަހުލުވެރިންގެ އަލިފާނުގައި އަދައި ރޯފިލައްޖެ ކޮންމެ ހިނދަކު އެބައިމީހުންގެ ހަންތައް ބަދަލުކުރެވޭނެތެވެ. އެއީ ޢަޒާބުގެ ރަހަ ލިބިގަތުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. “إِنَّ الَّذِينَ كَفَرُوا بِآَيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا “( النساء: 56)  

” ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާހުށީމެވެ.އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫންހަންތަކަކަށް ބަދަލުކުރެވޭނެއެވެ. އެއީ އެއުރެން ޢަޒާބުގެ ރަހަ ލިބިގަތުމަށްތަކައެވެ. ހަމަކަށަވަރުން ﷲ އީ ޢަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ."  

އެތާގެ އަހުލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެމީހުންގެ ބުއިމަކީ ލެއާއި އެކުވެފައިވާ ދޮހާއި، ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ ފެނެވެ. އޭގެ ސަބަބުން އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ. އެ ނަރަކައިގެ ގަދަފަދަވެގެންވާ އަޛާބުފެނުމުން އެހިނދު މި އިންސާނާ އެދުވަހުން ހިތާމަކުރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެވުނު ނަމައޭ ހިތަށް އަރާނެއެވެ. ދުނިޔޭގެ އަގުހުރި ވަޤުތުތައް ބޭކާރު ގޮތުގައި ނަގާނުލެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމާދު ކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. ﷲ އަށް ބިރުވެތި ވެވުނު ނަމައޭ ހިތަށް އަރާނެއެވެ. އަދި އޭނާ ދެރަވާނެއެވެ.   

މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާނުވެވުނުކަމަށް ޓަކައެވެ. މިވެނި އެވެނި ބަޔަކު އެއީ މިތުރުންކަމުގައި ހެދުނުކަމަށްޓަކައެވެ.

"يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلاَنًا خَلِيلاَ * لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإِنْسَانِ خَذُولاَ"

(الفرقان: 28-29)

"އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ." 

އަދި އެދުވަހުން ފާސިޤު، ފާޖިރު، ކާފިރު އަޅުން ﷲ ހަޟްރަތުގައި ރޮއި ހޭރެމުން އެމީހުން އަނބުރާ ދުނިޔެއަށް ފޮނުވުމަށް އެދި އާދޭސްކުރާނެއެވެ. އެއީ ކީއްކުރަންތޯއެވެ؟ އެއީ އެމީހުންނަށް އަދާނުކުރެވުނު ނަމާދުތައް އަދާކުރުމަށެވެ. ނުހިފިދިޔަ ރޯދަތައް ހިފުމަށްޓަކައެވެ. އަރައިގަނެވުނު މީސްތަކުންގެ ޙައްޤުތައް އަދާކުރުމަށްޓަކައެވެ. މައިންބަފައިންނަށް ކަމޭހިތުމަށްޓަކައެވެ. ކުރެވުނު ބޮޑުވެގެންވާ ފާހިޝްޢަމަލުތަކުގެ ފާފައިން ތައުބާވުމަށްޓަކައެވެ.  

ﷲ އެބައިމީހުންނަށް ވަޙީކުރައްވާނެތެއެވެ. ހެޔޮ ވިސްނޭނެ މީހަކަށް ހެޔޮ ވިސްނޭނެހާ ޢުމުރު ތިމަން އިލާހު ތިޔަބައިމީހުންނަށް ނުދެއްވަމުހެއްޔެވެ؟ އަދި އިންޛާރުކޮށް ޙައްޤު ގޮތް ބަޔާންކުރެއްވުމަށްޓަކައި ރަސޫލުންނާއި ނަބިއްޔުން ނުފޮނުއްވަމުހެއްޔެވެ؟ އަދި ހައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ފޮތްތައް ބާވައިނުލައްވަމުހެއްޔެވެ؟ އަދި ލަޢުނަތް ލެއްވިގެންވާ ޝައިޠާނާއަކީ ތިޔަަބައިމީހުންގެ ޢަދުއްވެއްކަން ބަޔާންކޮށްނުދެއްވަމުހެއްޔެވެ؟ ނަމަވެސް ތިޔަބައިމީހުން ވަނީ ތިމަންއިލާހު ދެއްވި ޢުމުރުގެ ދުވަސްތައް ނުކިޔަމަންތެރިގޮތުގައި ހޭދަކޮށްލާފައެވެ. އަދި ތިމަންއިލާހުގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކޮށްފައެވެ. އަދި ތިމަން އިލާހު ބާވައިލެއްވި ފޮތްތައް ތިޔަބައިމީހުން ވަނީ އެއްކިބާކޮށްލާފައެވެ. އަދި ތިޔަބައިމީހުންވަނީ ޝައިޠާނާއަކީ މިތުރަކު ކަމުގައި ހަދާފައެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިތި ނަތީޖާ ދެކޭށެވެ.  

ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ.  

” وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ” (فاطر: 37) “ 

އެއުރެން އެ ނަރަކާގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) ޢަމަލުނޫން ޞާލިޙް ޢަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް މީހަކު ނުވެއެވެ." 

އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބުން އެއްވެސް މީހަކަށް ސަލާމަތްކަމެއް ހޯދައެއްނުދެވޭނެއެވެ. މަންމައަކަށް، ބައްޕައަކަށް، ދަރިއަކަށް، ބޭބެއަކަށް، ދައްތައަކަށް، އަންބަކަށް، ފިރިއަކަށް އަދި އެއްވެސް މީހަކަށް އަނެކަކަށް ނަޞްރެއް ނުދެވޭނެއެވެ. އެންމެންވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސު ސަލާމަތްނުވެގެންނެވެ.

އާދެ! މިއީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތުގެ ކުޑަކުޑަ ޚުލާޞާއެކެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެދުވަހާ ބައްދަލުކުރަންޖެހޭނެ މީހެކެވެ. އަހަރެމެން އެންމެންވެސް ދަތުރުކުރަމުން މިދަނީ އެދުވަހާ ދިމާލަށެވެ. މިދަތުރުގައި އެންމެ ފުރަތަމަ އަހަރެމެންނާ ބައްދަލުކުރާނެ އެކައްޗަކީ މަރެވެ. މި މަރަކީ އެކަކަށް ވެސް އެއިން ބަރީއަވެ ސަލާމަތްވެގަނެވޭނެ އެއްޗެއް ނޫނެވެ.  

ސަލަފުއްޞާލިޙުންގެ ބޭކަލެއްކަމުގައިވާ އިބްނު ސައްމާކު ރަޙިމަހުﷲ ވިދާޅުވިއެވެ. "އެއްދުވަހަކު މަސްވެރިއަކު އޭނާގެ އާދައިގެ މަތިން މަސްބޭނުމަށްޓަކައި އަތިރިމައްޗަށް ނުކުމެ ކަންވާރު މޫދަށް އެއްލިއެވެ. އެހިނދުގައި ބުޅީގައި އެއްޗެއް އަޅައިގަތެވެ. ދަމާ ނަގާ ބެލިއިރު އެއީ ޤަބުރެއްގެ ބޮލުގެ ކަށިގަނޑެކެވެ. އެހިނދު އެމަސްވެރިޔާ އެކަށިގަނޑަށް ބަލާލާފައި އެކަށިގަނޑާ މުޚާޠަބުކޮށްފައި ރޮމުން ރޮމުން ބުންޏެވެ.

ޢިއްޒައްތެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. މުއްސަންޖަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ފަޤީރަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ދީލަތި މީހަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ޖައްބާރު މީހަކުކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ. ޢިލްމުވެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް ނުވެވުނެވެ."

މިމަރުން މީހަކަށް ސަލާމަތްކަން ލިބޭނެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އެންމެ މާތް ވެގެންވާ އެންމެ ލޯބިވެގެންވާ އިންސާނާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހަންމަދުން ސައްލަﷲ އަލައިހި ވަސައްލަމަށް ސަލާމަތްކަން ލިބުނީހެވެ. ނަމަވެސް އެކަލޭގެފާނަށް ވެސް ﷲ ސުބުހާނަހޫ ވަތަޢާލާގެ މި އިލާހީ ސުންނަތަކުން ސަލާމަތެއް ނުވިއެވެ.

މަރު އަންނާނެ ވަޤުތަކީ އެކަކަށްވެސް އެނގިގެންވާ ކަމެއްނޫނެވެ. އެކަމުގެ ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހު ވަތަޢާލާގެ ހަޟްރަތުގައެވެ. އިންސާނާއާ މަރު ބައްދަލުކުރާކަށް ވަކި ޢުމުރެއް އަދި ވަކި ތަނެއްނުވެއެވެ.

تزود من التقوى فإنك لا تدري                     إذا جن ليل هل تعيش إلى الفجر

فكم من صحيح مات من غير علة               وكم من سقيم عاش حينا من الدهر

وكم من صبي يرتجى طول عمره               وقد نسجت أكفانه وهو لا يدري  

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަރާއި މަރުގެ ސަކަރާތަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކައްވަޅާއި އެތާނގެ އަނދިރިކަމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ނަކީރާއި މުންކަރު ދެ މަލާއިކަތުންގެ ސުވާލުތަކަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ ކާއިނާތުގެ ވެރި ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހާ ބައްދަލުކުރުމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟ އެ ބޮޑުވެގެންވާ ދުވަހުގެ ބޮޑުކަމާމެދު އަޅުގަނޑުމެންގެ ވިސްނުން ބޮޑުކުރާކަށް އަދިވެސް ނުވޭބާއެވެ.

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން