ޚުޠުބާ: ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނާއިމެދު މިއަދު ނުވިސްނާ މީހުންނަށް އެދުވަހު ކުރިމަތިވާނެ ބޮޑު ބިރުވެރިކަން ޚިޔާލަށްވެސް ނުގެނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 58ސ
ޚުޠުބާ: ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނާއިމެދު މިއަދު ނުވިސްނާ މީހުންނަށް އެދުވަހު ކުރިމަތިވާނެ ބޮޑު ބިރުވެރިކަން ޚިޔާލަށްވެސް ނުގެނެވޭނެ!

މުސްލިމް އަޚުންނޭވެ! ޤިޔާމަތްވެ ، ދުނިޔޭގެ ނިމުން އަންނަ ދުވަހު މީސްތަކުންގެ ޙާލު ހުންނާނޭ ގޮތް ހަނދާނަށް ގެންނާށެވެ! އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! ހަމަކަށަވަރުން، قيامةވުމުގެ زلزلةއަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ زلزلة ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު ﷲގެ عذاب ގަދަފަދައީއެވެ."[1]

މުސްލިމް އަޚުންނޭވެ! ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިންނެވެ. ނަމަވެސް މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެއެވެ. އެންމެ ގާތްމީހުން ވެސް ދާނީ ފިލާށެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "(އެއީ) މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. އެއުރެން ކުރެ ކޮންމެ މީހަކަށް، އެ މީހަކު އަވަދިނެތިކުރާނެކަމެއް އެ ދުވަހުން ވެއެވެ." އެ ދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ‏ [2]މާނައީ: "ފަހެ، ތިޔަބައިމީހުން ކާފިރުވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ ޢަޒާބުން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ ވަޢުދުފުޅު ފުރިހަމަވާނެކަން ޔަޤީނެވެ." 

މުސްލިމް އަޚުންނޭވެ! މި ފަދަ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހިގެންވެއެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ. އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެ ދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއް ވާނެއެވެ. އަދި އެ ދުވަހުން އެ މޫނުތަކެއްގެ މައްޗަށް، ހިރަފުސްއަރާފައިވާ މޫނުތަކެއް ވެސް ވާނެއެވެ. އެ މޫނުތަކަށް ކަޅު އަނދިރިކަމެއް ވެރިވާނެތެވެ. އެއުރެންނީ ހަމަ، ނުލަފާވެގެންވާ ކާފިރުންނެވެ." މި އާޔަތްތަކުން ދޭހަވަނީ، އީމާންވެ ހެއު ޢަމަލުކުޅަ މީހުންނަށް އެ ނާމާން ބިރުވެރި ދުވަހުގައި ވެސް، ބިރެއް ނެތްކަމެވެ. އަދި ކާފިރު ފާޖިރުންނަށް ހުރި ބިރުވެރިކަމުގެ ބޮޑުކަމެވެ.

މުސްލިމް އަޚުންނޭވެ! ދުނިޔޭގައި މާތް ﷲއާއި އެ ކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި ޢަޒާބާ ކުރިމަތިލާނެއެވެ. އެ ހިނދު އެ މީހުން ފިދާއެއް ދީގެން ވިއަސް، އެ ޢަޒާބުން މިންޖުވާން އެދޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެއުރެން އެކަކު އަނެކަކަށް ފެންނާނެ ގޮތް މެދުވެރިކުރައްވާނެއެވެ. އެ ދުވަހު ޢަޛާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރީން ފިދުޔައެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެ ކަމަށް އެދޭނެތެވެ. އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚު ވެސްމެއެވެ. އަދި، އޭނާއަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުން ވެސްމެއެވެ. އަދި، ބިމުގައިވާ އެންމެން ވެސްމެއެވެ. ދެން އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ". 

މުސްލިމް އަޚުންނޭވެ! އެ ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެއެވެ. އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާނެއެވެ. ދޮގުހަދާން އުޅޭނެއެވެ. ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވޭނެއެވެ. އޭގެ ބަދަލުގައި އޭނާގެ ގުނަވަންތައް އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "މި އަދު ތިމަން ރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަން ރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު ޢަމަލުތަކާ މެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅުތަކެއްގެ މާނައިގައި ވެއެވެ. "އެ ނަރަކަޔަށް އެއުރެން حاضرވެއްޖައުމަށް ދާންދެނެވެ. އެ ހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށްއުޅުނު عملތަކަށް ހެކިދޭނެތެވެ. އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެ ތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށް ވެސް ބަސްމޮށުން ދެއްވި الله، ތިމަންމެންނަށް ބަސްމޮށުން ދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرةއަށެވެ."[3]

މުސްލިމް އަޚުންނޭވެ! އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެއެވެ. އޭނާ ކުޅަހައި ޢަމަލެއް ހިމެނިފައިވާ ފަތް، އޭނާ ކިޔައި ބެލުމަށް ޓަކައި ހާމަކުރެވޭނެއެވެ. އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަން ރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامةދުވަހުން، ތިމަން ރަސްކަލާނގެ އެ މީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حالގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حسابކުރާ މީހަކަށް، ތިބާގެ އަމިއްލަ نفس ފުދެއެވެ." އެ ފަތުގައި އޭނާ ކުޅަހައި ކަމެއް ހިމެނިފައިވާނެއެވެ. ކުޑަޔަސް ނުވަތަ ބޮޑަސް އޭގައި ނުހިމެނޭ އެއްވެސް ކަމެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާ މެދު، ކުށްވެރީން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް މި ވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަ ކަމެއް ވެސް، އަދި ބޮޑު ކަމެއް ވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއްނުގަންނަވަތެވެ."  

މުސްލިމް އަޚުންނޭވެ! އެ ދުވަހަށް ތައްޔާރުވެފައިވާ މީހާ މާތް ﷲއާއި އެ ކަލާނގެ ރަސޫލާއަކަށް ނުއުރެދޭނެއެވެ. އޭނާ މާތް ﷲއާއި އެ ކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވާނެއެވެ. أَنَس -رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން ވެއެވެ. (أَنَّ رَجُلًا سَأَلَ النَّبِيَّ -صَلَّى اللهُ عَلَيْهِ وَسَلَّمَ-: مَتَى السَّاعَةُ يَا رَسُوْلَ اللهِ؟ قَالَ: مَا أَعْدَدْتَ لَـهَا؟ قَالَ: مَا أَعْدَدْتُ لَـهَا مِن كَثِيْرِ صَلَاةٍ وَلَا صَوْمٍ وَلَا صَدَقَةٍ، وَلَـٰكِنِّيْ أُحِبُّ اللهَ وَرَسُوْلَهُ، قَالَ: أَنْتَ مَعَ مَنْ أَحْبَبْتَ)[4] މާނައީ: "ހަމަކަށަވަރުން ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހު މީހަކު ސުވާލުދެންނެވިއެވެ. ޤިޔާމަތްވާނީ ކޮންއިރަކުންތޯއެވެ؟ ﷲގެ ރަސޫލާއެވެ! އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ؟ އެ ދުވަހަށް ތިބާ ތައްޔާރުކުރީ ކޮންއެއްޗެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އެ ދުވަހަށް ޓަކައި މާގިނަ ސުންނަތް ނަމާދުތަކަކާއި ރޯދަތަކަކާއި ޞަދަޤާތްތަކެއް ކޮށްފައެއް ނެތެވެ. ނަމަވެސް އަހުރެން މާތް ﷲއާއި އެ ކަލާނގެ ރަސޫލާ ދެކެ ލޯބިވަމެވެ. އެ ކަލާގެފާނު ޙަދީޘްކުރެއްވިއެވެ. އެ ދުވަހުން ތިބާ ވާހުށީ ތިބާ ލޯބިވާ މީހަކާ އެކުގައެވެ." މި ފަދަ ބަސްފުޅުތަކުން ޢިބުރަތްޙާޞިލުކޮށް، މާތް اللهގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވާށެވެ! ކުށްތަކަށް ތައުބާވެ، އެކަލާނގެ ފާފަފުއްސެވުމާއި ރަޙުމަތަށް އެދި އަތްތައް އުފުލާށެވެ! ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ވަރުގަދައަށް ޢަޒުމުކަނޑައަޅާށެވެ! ދެން އެއަށް ފަހު މާތް اللهގެ ރަޙުމަތުން މަޙުރޫމުކުރެވިފައިވާ ޝައިޠާނާގެ މަގަށް އެނބުރި ނުދާށެވެ! 

މުސްލިމް އަޚުންނޭވެ! ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކުރާށެވެ! ތިޔަބައިމީހުން ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލޭށެވެ! ހެއު ޢަމަލުކުރުމަށް މި އަދު ހީވާގިވާށެވެ! ޢަމަލުތަކުގެ އަޖުރު ފުރިހަމައަށް ލިބޭނޭ ދުވަހަކީ ޤިޔާމަތްދުވަހެވެ. ނަޞީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ކޮންމެ ނަފުސަކީ ވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެ މީހަކު ނަޞީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." ތިޔަބައިމީހުން މަޙުޝަރުދުވަހަށް ބިރުވެތިވާށެވެ! ކޮންމެ ނަފުސަކަށްމެ އެ ނަފުސެއް ކުޅަ ޢަމަލުތައް ހާމަކުރެވޭ ދުވަހަށާއި، މާތް اللهއަށް ބިރުވެތިވެ، ހެއު ޢަމަލުތައް ގިނަކުރާށެވެ!

 

 

 

 

މިއަދު އޮންލައިން