ސަރުކާރުގެ ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް ކޮންމެ 5 އަހަރަކުން ދައްކާ ވާހަކައަކަށް ހަދައިގެން މައްސަލައަށް ހައްލެއް ނުފެންނާނެކަން މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކޮށްފިއެވެ. މަޖިލީހުގައި މިއަދު ކުރިއަށް ގެންދިއަ ކޮމިޓީ ބައްދަލުވުމެއްގައި ބައެއް މެންބަރުން ވިދާޅުވީ ކޮންމެ ރިޔާސީ ދައުރެއް ނިމުމުން ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަނުގެ މައްސަލަތަކުގެ ވާހަކަތައް މަޖިލީހުގައިވެސް ދައްކާ ކަމަށެވެ.
ނަމަވެސް އެ ވާހަކަތައް ކުރިއަށް ގެންދަނީ 6 އަކަ މަސް ދުވަސް ވަންދެން ކަމަށާއި ދައުރުގެ ބާކީ އޮންނަ 4 އަހަރާއި ބައިގައި އެވާހަކަތައް ނުދައްކާ ކަމަށެވެ. ރާއްޖެއަކީ ކޮރަޕްޝަނުގެ ހާއްޔަކަށްވެ ވައްކަން ކުރުމަކީ މޮޅުކަމަކަށްވެފައިވާ ރާއްޖޭގައި ރައްޔިތުންގެ ފައިސާއިން ވަކަން ކުރުމާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި މައްސަލަތައް ބަލައި އަދަބު ދެވެނީ ވަރަށް މަދު މީހަކަށް ކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.
ގިނަ ބައަކު ފާހަގަކުރާ ގޮތުގައި އޭސީސީ އިން މައްސަލައެއް ބަލައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވުމުން ދައުވާކުރަން އެތައް އަހަރެއް އެބަ ނަގައެވެ. ދައުވާ ކުރުމުން ޝަރީޢަތުން މައްސަލައިގައި ޙުކުމެއް އިއްވަން އެތައް އަހަރެއް ނަގައެވެ.
ނަތީޖާއަކަށް ވެގެންދަނީ ވަގުންނަށް އަދަބު ނުލިބި އެތައް އަހަރެއް ދަނީ ފާއިތުވަމުންނެވެ. 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގިނަ އަދަދެއްގެ މއްސަލަތަކަށް މިއަދާއި ހަމައަށްވެސް ގޮތެއް ނުނިމި ހުރިކަން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރަމުން ދިއަ ނަމަވެސް އެކަމާއި އަޅައިލާ މުއައްސަސާއެއް ނެތް ކަމަށް މިހާރު ވަނީ ބެލެވިފައެވެ