ޢާއިޝަތު ރަފާޙް ޢަލީ
ފަރަންސޭސިވިލާތުގެ އަބޫ ނަޛީރު ކުރެއްވި ސުވާލެއްގައިވެއެވެ. އޭނާ ބުނަނީ، މީހަކު ތިމާގެ އަމިއްލަ ނަފްސުގެ އުނިކަމާއި، ފާފަތަކާއި، އުރެދުންތަކަށް ބަލައި، ﷲ ތަޢާލާގެ ހަޟްރަތުން ސުވަރުގޭގެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރްދައުސްލް އަޢުލާއަށް އެދި ދަންނަވަން ލަދުގަންނަ ކަމަށެވެ. މިއީ ﷲ އާއިމެދު ގޯސްކޮށް ހީކުރުންތޯ އޭނާ ސުވާލުކުރެއެވެ.
ބަރަކާތްތެރި އަބޫ ނަޛީރުއެވެ! މުސްލިމަކު ﷲ ތަޢާލާގެ ހަޟްރަތުން ކަމަކަށް އެދި ދަންނަވާއިރު، އެކަލާނގެ ދެއްވާނެ ކަމުގެ ފުރިހަމަ އުންމީދާއެކު ދެންނެވުން ހުއްޓެވެ. ފަސްޖެހި، ހިތްވަރު ދެރަވެފައި ހުރެގެން ނުވާނެއެވެ. މިއީ އެންމެހައި މީސްތަކުންނަށް އޮތް ކަމެކެވެ. ފާފަވެރިންނަށާއި ކިޔަމަންތެރިންނަށްވެސް މެއެވެ. އެހެންކަމުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ﷲގެ ހަޟްރަތުން އެދި ދަންނަވާނަމަ، ފިރްދައުސްލް އަޢުލާއަށް އެދި ދަންނަވާށެވެ." މި ޙަދީޘްބަސްފުޅަކީ ހަމައެކަނި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢަލީގެފާނަށް އޮތް ބަސްފުޅެއް ނޫނެވެ. މިއީ ޤިޔާމަތާއި ހަމައަށް އަންނާނެ އެންމެހައި މީސްތަކުންނަށް އޮތް އިރުޝާދެކެވެ.
އެހެންކަމުން، މިފަދަ ދުޢާތައް ކުރަންވުމުން "އަހަރެން މިކަމަށް ލަދުގަނެއެވެ" ބުނެ ހުއްޓިގެން ނުވާނެއެވެ. މިއީ ނަބިއްޔާ ﷺ ގެ ހިދާޔަތެއް ނޫނެވެ. އޭގެ ބަދަލުގައި، އިންސާނާގެ ހިތުގައި އޭނާގެ ރައްބާ މެދު އިތުބާރާއި ރަނގަޅު ހީކުރުން އޮންނަންވާނެއެވެ. ﷲ ތަޢާލާގެ ޚަޒާނާތައް ވަނީ ފުރިފައެވެ. އެކަލާނގެ ދެއްވުންތައް މަތިވެރިވެގެންވެއެވެ. މި ދުނިޔޭގައިވެސް ހެޔޮލަފާ މީހުންނަށާއި ފާފަވެރިންނަށް، މުއުމިނުންނަށާއި ކާފިރުންނަށް އެކަލާނގެ ރިޒުޤު ދެއްވައެވެ. ނަމަވެސް ދުނިޔޭގައި ދެއްވާ ދެއްވުމަކީ އެކަލާނގެ އެ މީހަކަށް ރުހިވޮޑިގެންވާ ކަމުގެ ދަލީލެއް ނޫނެވެ. އާޚިރަތުގައި އެކަލާނގެ ދެއްވާ މަތިވެރި ދެއްވުންތައް ވަނީ އީމާންވި މީހުންނަށެވެ. ﷲ ވަޙީކުރެއްވިއެވެ: "ހަމަކަށަވަރުން، އީމާންވެ، ޞާލިޙު އަމަލުތައް ކުރި މީހުންނަށް މެހުމާންދާރީއެއްގެ ގޮތުގައި ފިރްދައުސްގެ ސުވަރުގެތައްވެއެވެ."
އެހެންކަމުން، ދުޢާކުރުމުގައި ދަހިވެތިވާންޖެހެއެވެ. ސަބަބަކީ ﷲ އީ ދީލަތިވަންތަ، މާތް ކަލާނގެއެވެ. އެކަލާނގެ ޚަޒާނާތަކުން ރެޔާއި ދުވާލު މީސްތަކުންނަށް އޮއްސަވަމުންދާއިރުވެސް، އުޑުތަކާއި ބިން އުފެއްދެވީއްސުރެ މިއަދާ ހަމައަށް ދެއްވި އެއްޗަކުން އެކަލާނގެ މިލްކުވެރިކަމުން އެއްވެސް މިންވަރެއް އުންޏެއް ނުވެއެވެ. އެއީ ކަނޑަކަށް ތިލަފައްޗެއް ބޭނުމަށްފަހު ނެގުމުން އެ ކަނޑުން އުނިވާ ފެންފޮދެއް ފަދަ ކުޑަ މިންވަރެކެވެ. ހުރިހާ މަޚްލޫޤުން އެއްތަނަކަށް ޖަމާވެ، އެންމެން އެދޭހާ ކަމެއް ﷲ ދެއްވިޔަސް އެކަލާނގެ ރަސްކަންފުޅަކުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ.
އަބޫ ނަޛީރުއެވެ! ބައެއް ވަޢުޡު އިރުޝާދު ދޭ ފޮތްތަކުގައި، "އަހަރެން ދަންނަވަން ލަދުގަނެއެވެ" ނުވަތަ "އިބަ އިލާހަށް އަހަރެންގެ ހާލު މާ ރަނގަޅަށް އެނގިވޮޑިގެންވެއެވެ، އެހެންވީމާ އަހަރެން އެދޭ ކަންތައް ދެއްވާށެވެ" މިފަދައިން ބުނެ ދުޢާ ނުކޮށް ތިބޭ ވާހަކަ ލިޔެފައި ހުރެއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ނަބިއްޔާ ބޭކަލުންނަކީވެސް ދުޢާކުރެއްވި ބޭކަލުންނެވެ. ޒަކަރިއްޔާގެފާނު ސިއްރިއްޔާތުގައި ދުޢާކުރެއްވިއެވެ. އިބްރާހީމްގެފާނު ދުޢާކުރެއްވިއެވެ. އިންސާނާ ޖެހޭނީ ގިނަގިނައިން ދުޢާކުރާށެވެ. ޙަޤީޤަތުގައި، ﷲ ތަޢާލާގެ ހަޟްރަތުން ކަންކަމަށް އެދި ދުޢާ ނުކުރާ މީހާގެ މައްޗަށް އެކަލާނގެ ކޯފާވެވޮޑިގަންނަވައެވެ. ނަބިއްޔާ ﷺ ދުޢާކުރެއްވުމުގައި ވަރަށް ބޮޑަށް ބާރުއަޅުއްވިއެވެ. އެހެންކަމުން، ތިމާގެ ފާފަތަކަށް ބަލައި ދުޢާކުރުން ހުއްޓާލައިގެން ނުވާނެއެވެ.
- ޝައިޚް ޢަޒީޒް ބިން ފަރްޙާން އަލް ޢަންޒީގެ ދަރުސަކުން
- މިއަދުނޫސް