ރާއްޖޭގެ ކުންފުނިތަކަށް ކުރެވޭނެ މަސައްކަތްތައްވެސް ބޭރުގެ ކުންފުނިތަކާއި ޙަވާލުކޮށް މަޝްރޫޢުތައް ހިންގަނީ ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ހިނގާ ޚަރަދުގެ ތަފްޞީލު އެނގި އެމަޝްރޫޢުތަކުން ވައްކަން ކުރާވަރު އެނގޭނެތީ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަބޯ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްށާގައި ޢަބްދުލްޣަފޫރު ވިދާޅުވީ ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ކޮރަޕްޝަނުގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށާއި ވައްކަން ކުރުން ވަނީ ޢާންމުވެފައި ކަމަށެވެ. ނަމަވެސް ފެންމަތިވަނީ ހަމައެކަނި ވަރަށް ކުދިކުދި މައްސަލަތައް ކަމަށެވެ. ބޮޑު މައްސަލައަކަށް ފާހަގަކުރެވިގެން އުޅެނީ އެންމެ މައްސަލައެއް (އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލަ) ކަމަށާއި މައްސަލަ ފެންމަތިވެ 4 އަހަރު ފާއިތުވި އިރުވެސް އަދިވެސް މައްސަލަ ނުނިމޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޢަބްދުލްޣަފޫރު މިއަދުވެސް ވިދާޅުވީ ބަޖެޓުގެ 20% ދަނީ ކޮރަޕްޝަނަށް ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތައް ކުރުމުއްދަތެއްގައި ފުރިހަމަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށާއި ނަމަވެސް އެ މަޤްޞަދު ޙާޞިލުކުރެވޭނީ ކޮރަޕްޝަނާއި ވައްކަން ކުރުން ހުއްޓުވިގެން ކަމަށެވެ.