ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ސަރުކާރުން އިސްލާމް ދީނަށް ކުރި މަލާމާތެއް ކަމަށާއި އަދި ކުރިމަތި ކުރުވި ގޮންޖެހުމެއް ކަމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިއަދު ފޭސްބުކުގައި ޝާއިޢު ކުރެއްވި ޕޯސްޓް:
"އިސްލާމީ ޝަރީއަތުގަ ކަނޑައެޅިފައިވާ ހައްދުތަކާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ކަނޑއެޅިގެން އިސްލާމް ދީނަށް ކުރެވުނު މަލާމާތެއް އަދި (ކުރިމަތިކުރުވި) ގޮންޖެހުމެއް.
ކުރިން ގޯސްކޮށް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން. ބައަކު ރުއްސަން މަސައްކަތް ކުރުމުގެ ބަދަލުގައި ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތްކުރުން މާ ބުއްދިވެރި. އަދި މާހެޔޮކަން ބޮޑު.
މާޒީން ޢިބްރަތް ޙާޞިލުކުރުމަށް ސަރުކާރަށް ގޮވާލަން. އިސްލާމް ދީނުގެ ޝިޢާރުތަކަށް ގޮންޖެހި ކޮންމެ ބައަކު ވަނީ ނިކަމެތިވެ ނިމިގެން ގޮސްފަކަން ހަނދާންކޮށްދެން.
ރައްޔިތުންވެސް މިކަމާމެދު ފުންކޮށް ވިސްނަވައި ފިކުރުކުރުމަށް ގޮވާލަން. ސަރުކާރުން މިކަމާއިމެދު ފުންކޮށް ވިސްނަވައި ނިންމެވި ނިންމެވުން މުރާޖަޢާކުރަންވެސް ގޮވާލަން.
އަދި އިސްލާމް ދީން ހިމާޔަތްކުރަން ސަރުކާރުން ރައްޔިތުންނަށްވި ވައުދުމަތިން ހަނދާންނައްތައި ނުލެއްވުމަށްވެސް ގޮވާލަން. ޚިޔާނާތުގެ ނަތީޖާ ރަނގަޅެއް ނުވާނެ."
ޝައިޚް އިލްޔާސް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެންނެވެ.