މުސްތަޤުބަލު ރައްކާތެރިކުރުމާމެދު އަބަދު ކަންބޮޑުވެވޭނަމަ އެއީ ބޮޑު މައްސަލައެއް!: ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު

ކިޔުމަށް ހޭދަވާނީ 4މ 10ސ
މުސްތަޤުބަލު ރައްކާތެރިކުރުމާމެދު އަބަދު ކަންބޮޑުވެވޭނަމަ އެއީ ބޮޑު މައްސަލައެއް!: ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރު

އާޢިޝަތު ރަފާޙް ޢަލީ

 

މީސްތަކުން އެންމެ ބޮޑަށް ވިސްނާ އަދި ކަންބޮޑުވާ ކަމަކީ އެމީހުންގެ މުސްތަޤުބަލާއިމެދުގައެވެ. އެމީހުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެމީހުންގެ ދިރިއުޅުން ރަނގަޅުކޮށް ހަމަޖެއްސުމަށެވެ. އެއީ މުސްތަޤުބަލުގައި ވެދާނެ ގޮތަކާމެދު އޮންނަ ބިރާއި، މާދަމާ ގެނެސްދޭނެ ކަންކަމާމެދު އޮންނަ ބިރެއްގެ ސަބަބުންނެވެ.

އިންސާނާ އޭނާގެ ދިރިއުޅުމުގެ ޚަރަދުތަކާއި، މުސްތަޤުބަލުގައި ދިމާވެދާނެ ކަންކަމާމެދު ވިސްނާތަން ތިބާއަށް ފެންނާނެއެވެ. އަދި އޭނާއަށްފަހު އޭނާގެ ދަރިން ދިރިއުޅޭނެ ގޮތަކާމެދު އޭނާ މަޝްޣޫލުވެ ކަންބޮޑުވެއެވެ. އެކުދިންނަށް ވާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ އަންހެން ދަރިން ކައިވެނިކުރުމަށްފަހު ވަރިވެއްޖެނަމަ ނުވަތަ އެކަނިވެއްޖެނަމަ ދިރިއުޅޭނެ ގޮތަކާމެދުވެސް އޭނާ ވިސްނައެވެ. އަދި ކައިވެނިވެސް ނުކުރާ މީހާ އޭނާގެ ދަރިންނާމެދު ވިސްނައި ކަންބޮޑުވެއެވެ. 

އެ ނިކަމެތި އިންސާނާ، އޭނާ ބަލިވެ އެނދުމަތިވެ، ހަރަކާތް ނުކުރެވޭނެ ދުވަހަކާމެދު ވިސްނައެވެ. އަދި އޭނާގެ އެކުވެރިންނާއި ގާތްމީހުން މަރުވެ، އޭނާ އެކަނިވެރިވާނެ ދުވަހަކާމެދު ވިސްނައެވެ. އަދި އޭނާ ބޭނުންޖެހޭ ދުވަހު ދަރިންގެ ފަރާތުން ލިބޭނެ އެހީތެރިކަމާއި އަޅާލުމާމެދު، އޭނާގެ ޙަޔާތުގެ ގިނަ ވަގުތުތަކެއްގައި ވިސްނާތަން ތިބާއަށް ފެންނާނެއެވެ. 

މި ހުރިހާ ކަމަކީވެސް އީމާންކަން ބަލިކަށިވުމާއި، ﷲ އާމެދު އޮންނަންޖެހޭ ހެޔޮ ހީކުރުން ބަލިކަށިވުމުގެ ސަބަބުން ވާ ކަންކަމެވެ. މުސްތަޤުބަލާމެދު މިގޮތަށް ބިރުގަތުމަށް ﷲ ތަޢާލާ ނަންދެއްވާފައިވަނީ ޖާހިލުކަމުގެ ހީކުރުން ކަމުގައެވެ. މާތް ﷲ އާލް ޢިމްރާން ސޫރަތުގެ 154 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: 

ثُمَّ أَنزَلَ عَلَيْكُم مِّن بَعْدِ الْغَمِّ أَمَنَةً نُّعَاسًا يَغْشَىٰ طَائِفَةً مِّنكُمْ ۖ وَطَائِفَةٌ قَدْ أَهَمَّتْهُمْ أَنفُسُهُمْ يَظُنُّونَ بِاللَّهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ ۖ يَقُولُونَ هَل لَّنَا مِنَ الْأَمْرِ مِن شَيْءٍ ۗ قُلْ إِنَّ الْأَمْرَ كُلَّهُ لِلَّهِ ۗ ‎﴿١٥٤﴾‏

ދެން، އެ ހިތާމަޔަށްފަހު ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށްޖެހޭ މަޑު ނިންޖެއްގެ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ އަމާންކަން ބާވައިލެއްވިއެވެ. އަނެއްބަޔަކަށް އެއުރެންގެ އަމިއްލަ نفس ތަކުން ހިތާމަވެރިކަން ލިއްބައިފިކަން ކަށަވަރެވެ. اللَّه އާމެދު އެއުރެން حق ނޫންގޮތްތައް ހީކުރެތެވެ. (އެއީ) ޖާހިލީ ޒަމާނުގެ ހީކުރުމެވެ. އެއުރެން ބުނެތެވެ. ކަންތަކުގެ ތެރެއިން (އެބަހީ: نصر ދެއްވުންފަދަ ކަންތަކުގެ ތެރެއިން) އެއްވެސްކަމެއް ތިމަންމެންނަށް ވޭތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ހުރިހާކަމެއްމެ މިލްކުވެގެންވަނީ اللَّه އަށެވެ.") 

އޭ އަޚާއެވެ! އިންސާނާ އޭނާގެ މުސްތަޤުބަލާމެދު މާބޮޑަށް މަޝްޣޫލުވުމާއި، ނުބައި ދުވަސްތަކެއް އަތުވެދާނެކަމަށާއި ޙާލަތު ބަދަލުވެދާނެކަމަށް ބިރުގަތުމުގެ ސަބަބުން، ﷲ އާމެދު ނުބައި ހީތައް ކުރެވި، އެކަމުގައި އޭނާ މަޝްޣޫލުވެ، ޖާހިލިއްޔަ ޒަމާނުގެ މީހުންނާ އެއްފަދަވެގެންދެއެވެ. މި ޙާލަތުގައި ހުންނަ މީހާއަކީ، ﷲ އަށް ވަކީލުކުރުމާއި، އެކަލާނގެއަށް އިތުބާރުކުރުމާއި، އެކަލާނގެ ޤަޟާޤަދަރަށް އީމާންވުން ބަލިކަށި މީހެކެވެ. އަދި ﷲ ގެ ޢިލްމުފުޅާއި، އެކަލާނގެ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމަށް އޭނާ ކުރާ އީމާންކަމުގެ ފުރިހަމަކަން އުނިވެގެންވާ މީހެކެވެ. 

އިބްނު މަސްޢޫދު رضي الله عنه ވިދާޅުވެފައިވެއެވެ: "ހަމަކަށަވަރުން ﷲ ތަޢާލާ، އެކަލާނގެ ޢަދުލުވެރިކަމާއެކު، ހިތްހަމަޖެހުމާއި އުފާވެރިކަން ލައްވާފައިވަނީ (އެކަލާނގެ މިންވަރުފުޅަށް) ރުހުމާއި ޔަޤީންކަމުގައެވެ."

 

- ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރުގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން