ޒުވާނުންގެ ހަކަތަޔާނުލާ ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެކަން ފާހަގަކުރައްވައި، މާދަމާ ރާއްޖޭގެ މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފާއިތުވެދިޔަ ތިންއަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ހަރުދަނާ ޒުވާނުން ބިނާ ކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރޭގައި ހިމެނިގެން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢުގެ ތެރެއަށް ނުކުމެފައިވާ ކަމުގައެވެ. އެ ޒުވާނުންނަކީ، އެކުދިންގެ ހިތުގައި ޤައުމީ ލޯބި އާލާކުރެވި، ރަނގަޅު ތަރުބިއްޔަތަކާ، އަޚްލާޤެއް އަށަގެނުވިފައިވާ ޒުވާނުންކަމުގައެވެ. އޭގެ ސަބަބުން، މާދަމާ މުޖުތަމަޢުގެ އެކި މަޤާމުތަކަށް ނުކުންނަންތިބި، ޒުވާނުންނަކީ އަޚުލާޤު ރަނގަޅު، ވަގުތަށް ކަމޭހިތާ ހެޔޮލަފާ ބަޔަކަށް ވާނެކަމުގައެވެ. ހަމަ މިއާއެކު، ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގޭ ޕުރޮގްރާމުގެ ތެރެއިން، ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް އުފެދިގެންދާ ކަމަށާއި، އަދި އެޕުރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނު ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ކުޅިވަރުގެ ދާއިރާގައި ހިނގަމުންދާ މަޝްރޫޢުތަކަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުޅިވަރު ކުޅުމަށްޓަކައި ރަނގަޅު ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ގޮތުން، ނެޓްބޯޅައާއި، ފުޓްސަލް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމުގައެވެ. ހަމަމިއާއެކު ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކަންދެނީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ، ކަރާމާތްތެރި ޚާރިޖީ ސިޔާސަތަކަށް ކަމުގައެވެ. އަދި އެކުވެރި ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އުފުލައި، ރާއްޖެއަށް ބޭރުގެ ވުނަކުރުންތައް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ސިޑްސްގެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު އަޑެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ ކަމުގައިވެސް، އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަން ފާހަގަކުރައްވައި، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި އިސްރަށްވެހިންގެ ޚިޔާލާ ފިކުރާއި ތަޖުރިބާއާއި މަސައްކަތުގެ އަޚުލާޤު ދަސްކުރުމަށްޓަކައި އިސްރަށްވެހިންގެ ނާދީގެ ތެރެއިން މަސައްކަތްތަކެއް ކުރެވިގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ގުޅުންބަދަހިވެގެންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، ޚުލްޤު ރަނގަޅު މުޖްތަމަޢެއް ބިނާކުރުމަށްޓަކައި، ވަރަށް މާތް މަގުސަދެއްގައި އިޙްތިރާމް އަދާކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަސްލަހަތު ނަގަހައްޓާނެކަން ފާހަގަކުރައްވައި، ކުރިއަށްއޮތް 2 އަހަރު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުރިހަމައަށް އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.