މި ސަރުކާރު ދެމިއޮތްހާ ހިނދަކު އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް ނުބާއްވާނެ ކަމަށާއި، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ޤާނޫނު އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އިސްރާއީލާއެކުގައި މި ޤައުމުގެ ގުޅުމެއް ނޯންނާނެ. އެ ނޫން ހުރިހާ ޤައުމަކާއި ގުޅުން ބާއްވާނަން. ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ގުޅުން ބަދަހިކުރާނަން،" ރައީސް ވިދާޅުވިއެވެ.
އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޤާނޫނު ހަރުދަނާ ކުރައްވާނެކަން ރައީސް އިޢުލާނު ކުރައްވާފައިވާއިރު، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
ޒަޔަނިޒަމާ ދެކޮޅު ހައްދަވާކަން ހާމަކުރައްވަމުން، އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމަނިކުފާނު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަކީ "ދިވެހިރާއްޖެ އިސްކުރުން" ކަން ރައީސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.