ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓް ކޮމްޕްލެކްސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛު ޙުސްނީ މުބާރަކް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަޙްމަދު ސަޢުދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ޖުލައި 25 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 720 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.
މި އިމާރާތް ތަރައްގީކޮށް ނިމުމުން، މާލޭގައި ހިންގަމުން އަންނަ ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޑްރަގް ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓު ހިންގުމަށް ބޭނުންވާ ޖާގަ ލިބިގެންދާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ވެސް މި ކޮމްޕްލެކްސްގައި ގާއިމުކުރެވޭނެއެވެ.
ހަބަރު: ސަރުކާރު