ސިޔާސަތުން އަމަލަށް: ރާއްޖޭގެ ތައުލީމީ ވެށި ޒަމާނަށް ފައްތައި، ސްކޫލްތައް ފިނިކޮށްލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 41ސ
ސިޔާސަތުން އަމަލަށް: ރާއްޖޭގެ ތައުލީމީ ވެށި ޒަމާނަށް ފައްތައި، ސްކޫލްތައް ފިނިކޮށްލައިފި

ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމުގެ އެންމެ ވަރުގަދަ ބިންގަލަކީ އެ ޤައުމެއްގެ ތައުލީމީ ނިޒާމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި 2023 ގެ ފަހުކޮޅުން ފެށިގެން ދިވެހިރާއްޖޭގެ ތައުލީމީ އަދި މަތީ ތައުލީމީ ދާއިރާއަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތާރީޚީ ކުރިއެރުންތަކެކެވެ. މުޅި ނިޒާމު އަލުން ތަރުތީބުކޮށް، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދީ، އިލްމީ ގޮތުންނާއި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށް މި ދައުރުގައި ވަނީ އުއްމީދީ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން އެޅުނު އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅަކީ ދިވެހި އާއިލާތަކާއި މުދައްރިސުންގެ ޒަމާންވީ އެދުމާ އެއްގޮތަށް ދިރާސީ އަހަރު ފެށުން އަލުން ޖަނަވަރީ މަހަށް ބަދަލުކުރުމެވެ. ދަރިވަރުންގެ ކިޔެވުމުގެ ތަރުތީބަށް އެއްވެސް ލޮޅުމެއް ނާންނާނެހެން މަރުހަލާތަކަކަށް ބަހާލައިގެން ކުރެވުނު މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ދިރާސީ އަހަރު މިވަނީ ޖަނަވަރީގައި ފެށިފައެވެ. މީގެއިތުރުން ތައުލީމީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ރަސްމީކޮށް "ހޯމް ސްކޫލިން" ތައާރަފުކުރުމަކީ ތައުލީމު ފޯރުކޮށްދިނުމުގައި ބެލެނިވެރިންނަށް ލިބުނު ބޮޑު ލުޔެކެވެ.

ތައުލީމު ފޯރުކޮށްދިނުމުގެ މާހައުލު ޒަމާނީ ކުރުމަށްޓަކައި އުމްރާނީ ގޮތުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވަނީ ކުރެވިފައެވެ. ޚާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ބިނާކުރި ސްކޫލާއި، މާލޭގައި އަލުން ހުޅުވުނު ސީ.އެޗް.އެސް.އީ އިމާރާތާއެކު ޖުމްލަ 368 ކްލާސްރޫމާއި 23 މަލްޓިޕާޕަސް ހޯލު ދަރިވަރުންގެ ބޭނުމަށް ވަނީ ޚާއްސަކޮށްފައެވެ. އަދި ހޫނުގަދަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެށުނު "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން 113 ސްކޫލެއް މުޅިން އޭސީކޮށްފައިވާއިރު، ސްކޫލުތަކުގެ ލައިބްރަރީ، ލެބޯޓްރީ އަދި ސެން ކްލާސްތައް ޤާއިމުކުރުމުގެ އެތައް ސަތޭކަ މަޝްރޫއެއް އަންނަނީ ހިނގަމުންނެވެ. އައިސީޓީ މާސްޓަރ ޕްލޭނާއި "އޭ.އީ.ޑީ.ޕީ" މަޝްރޫޢުގެ ދަށުން ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުގެ ބޮޑު މަސައްކަތެއްވެސް ވަނީ ފެށިފައެވެ.

ފޮތުގެ އިލްމުގެ އިތުރުން އިސްލާމީ އަޤީދާއާއި ރިވެތި އަޚްލާޤު ދަރިންގެ ކިބައިގައި ހަރުލެއްވުމަށް ތައާރަފުކުރެވުނު "ބިންގާ" ޕްރޮގްރާމަކީ ޤައުމިއްޔަތު އާލާކުރުމަށް އެޅުނު މުހިންމު ބިންގަލެކެވެ. ހަމައެއާއެކު، އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ފެށުނު "ތައިބާ" މަޝްރޫއާއި، ދިވެހި މުދައްރިސުން ބިނާކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން 291 މުދައްރިސަކު ތަމްރީނުވަމުންދާއިރު، އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ 92 މުދައްރިސުން ހިމެނެއެވެ. މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވަނަތައް ހޯދައި، ޓޮޕް އެޗީވާރސް އެވޯޑު ހާސިލުކުރި ދަރިވަރުންގެ އަދަދު ވަނީ 1,400 އަށްވުރެ މައްޗަށް އަރާފައެވެ.

"އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ" އަމާޒުގައި އަމަލީ ހުނަރު އުނގަންނައިދިނުމަށް 2025 ވަނަ އަހަރު "މާލޭ ވޮކޭޝަނަލް ހައި ސްކޫލް" ޤާއިމުކޮށް، ދިވެހި އަދި އިސްލާމް މާއްދާ ހިމެނޭހެން ފަންނީ ތައުލީމު ވަނީ ފަށާފައެވެ. އަދި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން 3 މާއްދާއިން ފާސްވާ ކުދިންނަށްވެސް މަތީ ސާނަވީއަށް ފުރުސަތު ފަހިކޮށްދިނުމުން އޭލެވެލްއަށް ވަންނަ ދަރިވަރުންގެ އަދަދު %45 އަށް އިތުރުވެ، އިތުރު 12 ސްކޫލެއްގައި އޭލެވެލް އަލަށް ވަނީ ފަށާފައެވެ.

މަތީ ތައުލީމުގެ ދާއިރާއަށް ބަލާއިރު، ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ދިރާސާ ފަންޑެއް ޤާއިމުކުރުމާއި، ޤައުމީ ޔުނިވަރސިޓީގެ 26 ކެމްޕަހާއި އިސްލާމީ ޔުނިވަރސިޓީގެ 12 ކެމްޕަސް އަދި ދަނާލުތައް އަތޮޅުތެރޭގައި ތަރައްޤީ ކުރުމަކީ މަތީ ތައުލީމު ލާމަރުކަޒު ކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. މީގެއިތުރުން ހިލޭ ޑިގްރީއާއި، ސްކޮލަރޝިޕް އަދި ސްޓޫޑެންޓް ލޯނުގެ ދަށުން އެތައް ހާސް ދަރިވަރުންނަކަށް ބިލިއަނުން ޚަރަދުކޮށްގެން ކިޔެވުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ އިދާރީ މައްސަލަތައް ހައްލުކުރުމަށް "ކުރި" ޕޯޓަލް އިފްތިތާހުކޮށް، ދިވެހިވަންތަކަން ހިފެހެއްޓުމަށް "ރިވެލި" ޕްރޮގްރާމް ވަނީ ފަށާފައެވެ.

ފާއިތުވެދިޔަ ތިން އަހަރަކީ ދިވެހި ތައުލީމީ ހަޔާތުގައި އައު ބާބެއް ލިޔެވިގެންދިޔަ ދުވަސްތަކެކެވެ. ސްކޫލުތަކުގެ އުމްރާނީ ތަރައްޤީއިން ފެށިގެން ގޮސް މަތީ ތައުލީމާއި ދިރާސާތަކަށް ދެވުނު އިސްކަމަކީ، ޤައުމުގެ މުސްތަޤުބަލު އުޖާލާކޮށް، ދުނިޔެއާ ފައިހަމަކުރެވޭ ފަދަ އިލްމީ އަދި އަޚްލާޤީ ޖީލެއް ބިނާކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން