ޕީއެސްއައިޕީއަށް ކުރި ޚަރަދު 5.3 ބިލިޔަން ރުފިޔާއަށް! އެންމެ ބޮޑު ޚަރަދެއް އިޤްތިޞާދީ ދާއިރާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޕީއެސްއައިޕީއަށް ކުރި ޚަރަދު 5.3 ބިލިޔަން ރުފިޔާއަށް! އެންމެ ބޮޑު ޚަރަދެއް އިޤްތިޞާދީ ދާއިރާއަށް!

ދައުލަތުގެ ބަޖެޓުން ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 5.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 6.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.0 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ބިންހިއްކުމާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ޚަރަދު ދަށްވެފައިވަނީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާތީ ކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

މި މުއްދަތުގައި ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއަށެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއަށް 2.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން 2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢުތަކަށެވެ.

ދެން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވާ ދާއިރާތަކަށް ބަލާއިރު:

- ދައުލަތުގެ އާންމު ޚިދުމަތް: މި ދާއިރާއަށް 780 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 432 މިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. މީގެ ބޮޑުބައެއް ކަމަށްވާ 775 މިލިޔަން ރުފިޔާ ހޭދަވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ.

- ބޯހިޔާވަހިކަން: ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 717 މިލިޔަން ރުފިޔާ ޚަރަދުކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 600 މިލިޔަން ރުފިޔާއެވެ.

- ޞިއްޙީ ދާއިރާ: ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް 359 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 329 މިލިޔަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

މި އަހަރުން ފެށިގެން ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ލިބޭ ފައިދާއަށް ބަލާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށްޓަކައި ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މިއަދު އޮންލައިން