ޓްރޮފީދޭ މީހުންނާ، ޓްރޮފީ ގޭގަ ބަހައްޓާއިރުވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް!: މަލާއިކަތުން ވަދެވަޑައިނުގަތުމުން ގޭގެ ބަރަކާތް ކެނޑިގެންދާފަދަ ޓްރޮފީތައްވެސް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޓްރޮފީދޭ މީހުންނާ، ޓްރޮފީ ގޭގަ ބަހައްޓާއިރުވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް!: މަލާއިކަތުން ވަދެވަޑައިނުގަތުމުން ގޭގެ ބަރަކާތް ކެނޑިގެންދާފަދަ ޓްރޮފީތައްވެސް އެބަހުރި!

"ގޭގަ ބަރަކާތް ކެނޑިގެންދާ ބައެއް ސަބަބުތަކާ އެކަމުން ލިބޭ ދެރައާ ސަލާމަތްކަން ހޯދޭނެ ގޮތް!: މުފްތީ މެންކް" މިސުރުޚީގެދަށުން އިއްޔެގެ މިއަދުނޫހުގެ ޢަދަދުގައި ޝާއިޢުކުރި ލިޔުމާއި ގުޅިގެން ބައެއް ކިޔުންތެރިން އިތުރު ތަފްޞީލަށް އެދިލައްވާތީ ދަންނަވަމެވެ.  

އަޅުގަނޑުމެންނަށް ބައެއް ކަންކަން ކުރެވެނީ ކަމުގެ ޢިލްމް ލިބިފައި ނެތުމުންނެވެ. މިޘާލަކަށް ބުނާނަމަ ޓްރޮފީއެއް ލިބޭނީ ވަރަށް މަސައްކަތުންނެވެ. ލިބުނީމާ ޢާންމުކޮށް ފެންނާނެހެން ގޭގައި ބަހައްޓަންވެސް ބޭނުންވާނެއެވެ. ނަމަވެސް ޝައިޚް މުޙައްމަދު އިބްރާހީމް ފާހަގަކުރައްވާފައި އެވާ މައްސަލައަށް ވިސްނަވައިލައްވާށެވެ.

އިންސާނެއްގެ ސިފަ އެއްކޮށް އެ ސިފަ ވާކަމަށް ވަންޏާ ވާނީ ހަމަ ސޫރައަކަށް. އެހެންވީމާ  އެ ފެންނަގޮތަށް ބަހައްޓައިގެން ނުވާނެ. އެއްކޮށް ސިފަވާ ކަމުގަ ވާނަމަ، އެ ފެންނަ ގޮތަށް ގޭތެރޭގަ ބަހައްޓައިގެން ނުވާނެ. ފެންނަގޮތަށް ގޭތެރޭގަ ބަހައްޓައިފި ކަމުގަ ވެއްޖެއްޔާ ރަޙްމަތުގެ މަލާއިކަތް ބޭކަލުން އެގެއަކަށް ވެދެވަޑައެއް ނުގަންނަވާނެ.  

އެއީ ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޙަދީޘާ ކުރައްވާފައިވަނީ " އެ ގެއެއްގައި ކުއްތާއެއް ވާ ގެއަކަށް އަދި އެ ގެއެއްގައި ސޫރައެއް ބެހެއްޓިފަވާ ގެއަކަށް ރަޙްމަތުގެ މަލާއިކަތް ބޭކަލުން ވެދެވަޑައެއް ނުގަންނަވާނެ ކަމަށް!. އެހެންވީމާ މީހެއެއްގެ ސިފަވާ ޓްރޮފީ ފަދަ އެއްޗެހި އެގޮތަށް ފެންނަގޮތަށް ބަހައްޓައިގެން ނުވާނެ. އޭރުން ރަޙްމަތުން މަހްރޫމް ވެގެން ހިނގައިދާނެ އެ ގެ. ﷲ ގެ ރަޙްމަތާއި ބަރަކާތުން އެ ގެ މަޙްރޫމް ވެގެން ހިނގައިދާނެ. އެއީ ރަޙްމަތުގެ މަލާއިކަތްބޭކަލުން ވެދެވަޑައި ނުގަންނަވަންޏާ އެ ގެއެއް ހަމަ ރަޙްމަތުން ބަރަކާތުން މަހްރޫމްވެގެން ދިއުން އެކަށީގެންވޭ.

- ޝައިޚް މުޙައްމަދު އިބްރާހީމް 

މިޘާލަކަށް ޓްރޮފީގައި ހުރީ ދުވާ މީހެކެވެ. ދުވިޔަސް ފުމުނަސް މީހެއްގެ ސޫރަވާނީ ހަމަ ސޫރައަކަށެވެ. ޓްރޮފީއެއްގެ ގޮތަށް ހެދުމަކުންވެސް އެއިގެ އަޞްލަށް އެއްވެސް ބަދަލެއް ނައުދެއެވެ. އެއީ މީހެއްގެ ސޫރައެވެ. ސޫރަތަކާއި ދުރުހެލިވާންވީ ކޮންމެހެން އަޅުކަންކުރާ ބުދަކަށްވެގެނެއް ނޫނެވެ. ދުރުހެލިވާން ދީނުގައި އޮތުމުންނެވެ. ދީނަށް އިޙްތިރާމްކުރުމަށެވެ.  

މިއީ ޓްރޮފީ ފަދަ އެތެރެކުރާ މީހުންވެސް ވިސްނަން މުހިންމު ކަމެކެވެ. މިބާވަތުގެ ޓްރޮފީތައް އެތެރެނުކުރާނަމަ މައްސަލަ ޙައްލުވީއެވެ. އެއީ ބުދަކަށް ނުވާތީ ޤާނޫނުގައި މަނާކޮށްފައި ނެތުމަކީ ކޮންމެހެން އެފަދަ ތަކެތި އެތެރެކުރަންޖެހެންވީ ސަބަބެއް ނޫނެވެ. ޤަބޫލުކުރެވޭ ގޮތުގައި އެބާވަތުގެ ތަކެތި އެތެރެކުރަނީވެސް ކަމުގެ ބޮޑުކަން އެތެރެކުރާފަރާތަށް ނުއެނގޭތީއެވެ. އަދި އެބާވަތުގެ އެއްޗެތި ދެނީވެސް ހޭލުންތެރިކަން ކުޑަކަމުންނެވެ. ވީމާ ޝައިޚުގެ ބަސްފުޅަކީ ވަރަށް ބޮޑަށް ފަތުރަން ޖެހިފައިވާ ބަސްފުޅެކެވެ. ކުޅިވަރު ޖަމިއްޔާތަކުންނާއި ސްކޫލް މަދުރަސާ، ކްލާސްތަކުން އަދި އެކިއެކި ކަންކަމާއި ގުޅިގެން ޓްރޮފީ ފަދަ ތަކެތި ދޭ އެންމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކަށްވާތީއެވެ.  

އިއްޔެގެ ލިޔުންވެސް ވިދާޅުވެލައްވާށެވެ!


މިއަދު އޮންލައިން