އީމާންކަން ކުޑަވުމުގެ މައްސަލަ އެންމެ މަތިވެރި ޞަޙާބީންނަށްވެސް ކުރިމަތިވެވަޑައިގެންނެވިއިރު އަހުރެމެން ސަމާލުކަންދޭންޖެހޭނެ މިންވަރާމެދު ވިސްނަވާ!

ކިޔުމަށް ހޭދަވާނީ 3މ 32ސ
އީމާންކަން ކުޑަވުމުގެ މައްސަލަ އެންމެ މަތިވެރި ޞަޙާބީންނަށްވެސް ކުރިމަތިވެވަޑައިގެންނެވިއިރު އަހުރެމެން ސަމާލުކަންދޭންޖެހޭނެ މިންވަރާމެދު ވިސްނަވާ!

- މަރްޔަމް ސާޖިދާ 

 

އިންސާނާގެ ހިތުގައިވާ އީމާންކަމަކީ އަބަދު އެއްގޮތަކަށް ހަރުލާފައި ހުންނަ އެއްޗެއް ނޫނެވެ. ބައެއް ވަގުތު ތަކުގައި އީމާންކަން ވަރުގަދަވެ، މާތްﷲ އާއިމެދު އޮންނަ ޔަޤީންކަން އިންތިހާއަށް ވަރުގަދަވެގެންދެއެވެ. އަދި އަނެއްބައި ވަގުތުތަކުގައި ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވުމުގެ ސަބަބުން އެ އިޙްސާސްތަކަށް މަޑުޖެހުމެއް އާދެއެވެ.  

އެހެނަސް މިއީ އިންސާނާގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެއްކަން އެނގިގެންދަނީ ރަސޫލާ ﷺ  ގެ މަތިވެރި ޞަޙާބީ ޙަންޡަލާ ބިން އައްރަބީޢު رضي الله عنه ގެ ޙަޔާތްޕުޅުންނެވެ.

އެއްދުވަހަކު ޙަންޡަލާ رضي الله عنه މަދީނާގެ މަގުމަތީގައި ވަރަށް ބޮޑަށް ހިތާމަކުރައްވައި، "ޙަންޡަލާ މުނާފިޤަކަށް ވެއްޖެއެވެ!" މިފަދައިން ވިދާޅުވަމުން ހިންގަވަނިކޮށް އަބޫބަކުރުގެފާނު رضي الله عنه އާއި ބައްދަލުވެވަޑައިގަތަވެ. އަބޫބަކުރުގެފާނު އެކަމުގެ ސަބަބާއިމެދު ސުވާލުކުރެއްވުމުން ވިދާޅުވިއެވެ.  

"އަހަރެމެން ރަސޫލާ ﷺ އަރިހުގައި ތިބޭއިރު، އެކަލޭގެފާނު އަހަރެމެނަށް ސުވަރުގެއާއި ނަރަކައިގެ ވާހަކަ ހަނދާންކޮށްދެއްވައެވެ. އެވަގުތު އަހަރެމެނަށް އެތަންތަން ލޮލަށް ފެންނަ ފަދަ އިޙުސާސެއް ކުރެވެއެވެ. ނަމަވެސް، ރަސޫލާ ﷺ ގެ އަރިހުން ނިކުމެ، އަނބިދަރިންނާއި ދިރިއުޅުމުގެ ކަންކަމުގައި މަޝްޣޫލުވުމުން އެހަނދާންތަކާއި ދުރުވެވެއެވެ."

މިވާހަކަ އަޑުއައްސަވާފައި، މި އުންމަތުގެ އެންމެ މާތް ޞަޙާބީ އަބޫބަކުރުގެފާނު ވިދާޅުވީ، ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަށްވެސް ހަމަ ތިޔަފަދަ އިޙުސާސްތަކެއް ކުރެވޭކަމަށެވެ.

ދެން ދެބޭކަލުން އެކުގައި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން މި ކަންބޮޑުވުން ހިއްސާކުރެއްވުމުން، އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "  وَالَّذِي نَفْسِي بِيَدِهِ إِنْ لَوْ تَدُومُونَ عَلَى مَا تَكُونُونَ عِنْدِي وَفِي الذِّكْرِ لَصَافَحَتْكُمُ الْمَلاَئِكَةُ عَلَى فُرُشِكُمْ وَفِي طُرُقِكُمْ وَلَكِنْ يَا حَنْظَلَةُ سَاعَةً وَسَاعَةً ‏"‏ ‏.‏ ثَلاَثَ مَرَّاتٍ ‏.‏" (ޞަޙީޙް މުސްލިމް)

މާނައީ: ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ އިލާހު ޤަންދީ ވިދާޅުވަމެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުގައި ތިބޭއިރު ހުންނަ ޙާލަތުގައާއި، ޒިކުރުކުރުންމަތީ އަބަދު ތިބޭނަމަ، ތިޔަބައިމީހުންގެ ތަންމަތިތަކުގައާއި މަގުމަތީގައި މަލާއިކަތުން ތިޔަބައިމީހުންނާ ސަލާމްކުރައްވާނެއެވެ. އެހެނެއްކަމަކު، އޭ ޙަންޡަލާއެވެ! ވަގުތަކަށްފަހު ވަގުތެކެވެ."  

އެހެންކަމުން، އަޅުކަމުގައި ކުރިން ހުރި ފޯރި ކުޑަވާހެން ހީވާނަމަ، މާޔޫސްވުމުގެ ބަދަލުގައި އަލުން ހެޔޮ އަމަލުތަކާއި ގާތްވުމަށް މަސައްކަތްކުރަންޖެހެއެވެ. އީމާންކަން ވަރުގަދަކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރަންޖެހެއެވެ. 

މިގޮތުން، ޞާލިޙު އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމާއި، ދީނީ ނަޞޭޙަތް އަޑުއެހުމަކީ ކޮންމެހެން ބޭނުންތެރި ކަންކަމެވެ. ހަމައެހެންމެ، އިސްލާމްދީނަކީ ހުރިހައި ކަމެއްގައިވެސް، މެދުމިނަށް ބާރުއަޅާ ދީނެކެވެ. އަޅުކަމަށް ޚާއްޞަ ވަގުތުދޭ ފަދައިން، ޢާއިލާއަށް ވަގުތު ދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމާއި، ހުއްދަ ގޮތުގައި އަރާމުކުރުމަކީވެސް ދިރިއުޅުމުގެ ބައެކެވެ.  

ތިބާގެ އީމާންކަން ކުޑަވާކަމަށް ހީވެ، ހިތްނުތަނަވަސްވުމަކީ، ތިބާގެ ހިތުގައި އީމާންކަން ދިރިހުރިކަމުގެ އެންމެ ބޮޑު އެއް ހެއްކެވެ.

 

މިއަދު އޮންލައިން