ކައިވެނިކުރިތަނާހެން ފުރަތަމަ ގެއްލުނީ ވަޒީފާއެވެ. ދަތިޙާލުގައި އުޅެންޖެހުމުން އަނބިމީހާގެ ޢާއިލާއިން އައިސް އަނބިމީހާ ގެންދިއައީއެވެ. ފްލެޓުގެ ބިލްތަކާއި ކުލި ނުދެއްކޭތީ ވަޤުތުން ތަން ހުސްކުރަން އެންގީއެވެ. އެޙާލަތަށް ދިއުމުން ޒުވާނާ މަގުމައްޗަށް ނުކުމެ ޕޭމަންޓްމަތީގައި ހުރެގެން ދެއަތް އުފުލައި ދުޢާކުރިއެވެ.
"ޔާ ﷲ! މިއަޅާ ކައިވެނިކުރިތަނާހެން މިވަނީ ވަޒީފާ ގެއްލި އަތުން ފައިސާ ހުސްވެފައެވެ. ދަތިޙާލުގައި އުޅެންޖެހުމުގެ ސަބަބުން އަނބިމީހާގެ ޢާއިލާއިން އޭނާ ގެންގޮސްފިއެވެ. ފްލެޓުގެ ކުލި ނުދެއްކިގެން މިވަނީ މަގުމަތިވާންޖެހިފައެވެ. މިކަންކަން އިނބަ ﷲ ދެނެވޮޑިގެންވަމުއެވެ.
"ޔާ ﷲ! އިނބަ ﷲ ގެ ތަނަވަސް ރަޙްމަތް ނޫން އެހެން ހުރިހާ ކަމެއް މިވަނީ މިއަޅާއަށް ގެއްލިފައެވެ. ހަމައެކަނި މިއަޅާއަށްވަނީ އިނބަ ﷲ ގެ ރަޙުމަތެވެ. މިއަޅާ އިތުރަށް ނިކަމެތި ނުކުރައްވަވާނދޭވެ! އިނބަ ﷲ ފިޔަވައި މިއަޅާއަށް އެހީތެރިކަމެއް ލިބޭނެ އެއްވެސް ފަރާތެއް ނުވެއެވެ. މިއަޅާއަށް ކުރިމަތިވެފައިވާ ކަންކަމުން އަރައިގަނެވޭނެ މަގެއް ދައްކަވާނދޭވެ! އާމީން"
އޭނާ މިދުޢާކުރީ ދެއަތް އުފުލައިގެންހުރެ ކަރުނަ އަޅަމުންނެވެ. ދުޢާކޮށް ނިމިގެންވެސް އަތްތިރިކުރަން ހަނދާން ނެތި ރޯން ހުރެވެނިކޮށް ސިހިގެން ދިއައީ މީހަކު ފަހަތުން އައިސް ކޮނޑުގައި ހިފާލުމުންނެވެ. އޭނާ މާގިނަ ސުވާލުތަކެއް ނުކުރެއެވެ. ބުނީ އޭނާއާއިއެކު ގޮސް ކާރަށް އެރުމަށެވެ. ކާރަށް އެރުމުން ގެންދިއައީ އޭނާގެ އޮފީހަށެވެ.
އޭނާގެ ކުރިމަތީގައި ބައިންދާފައި ސުވާލުކުރީ ތަޢުލިމީ ފެންވަރާއިމެދުގައެވެ. ވިޔަފާރީގެ ދާއިރާއިން މާސްޓަރސް ހެދުމުގެ އިތުރަށް އައިޓީގެ ދާއިރާއިން ކިޔަވައިގެން ހުރިކަމަށް ބުނުމުން ބުންޏެވެ.
"ޒުވާނާއެވެ! ތިއަ ޒުވާނާ މިއަދު ތިއަކުރީ އާދައިގެ ދުޢާއެއް ނޫނެވެ. ވަޒީފާ ގެއްލި، އަނބިމީހާ އާއި ވަކިވާންޖެހި، އަދި މަގުމަތިވާންޖެހުނު ހިނދު ދެއަތް އުފުލައި ﷲ އަށް ދެންނެވި ދެންނެވުމުގެ އަޑު އަހުރެން އެހީމެވެ. އެއިރު އަހުރެންނަށް ހުރެވުނީ ތިބާއާއި ވަރަށް ގާތުގައެވެ.
މިއީ އަހުރެންގެ އޮފީހެވެ. މިތަނުގައި އަހުރެންގެ ޕީއޭގެ ވަޒީފާ މިދިނީއެވެ. ގެއަށްވެސް ދާނެކަމެއް ނެތެވެ. މިވަޤުތުން ފެށިގެން މަސައްކަތްފަށާށެވެ! ﷲ ގެ ޙަޟްރަތުން ތިއަގޮތަށް ވާގިއެދޭ ޒުވާނަކު ނިކަމެތިވާން ދުވަހަކުވެސް ދޫކޮށެއް ނުލާނަމެވެ. ތިބާގެ މުސާރައަކީ ގޭގެ ކުއްޔާއި މަހަކު 2000 ޑޮލަރެވެ. އެވަރުންވެސް ދަތިވާ ކޮންމެ ކަމެކެވެ. ވަޒީފާގައި ތެދުވެރިވާންވީ އަހުރެންނަކަށް ނޫނެވެ. ﷲ އަށެވެ. އެއިރުން އެނިމުނީއެވެ."
އޮފީހުގެ މަސައްކަތު ގަޑިނިމުމުން ޒުވާނާ އާއި ސުވާލުކޮށް ކުއްޔަށާއި ބިލްތަކަށް ނުދެއްކި އޮތްވަރު އޮޅުންފިލުވައި އެއަށްވުރެވެސް އިތުރަށް ފައިސާ ދީފައި ބުނީ ފުރަތަމަ ކަމަކަށް އަނބިމީހާގެ ގެއަށް ގޮސް އަނބިމީހާ ގޮވައިގެން ގެއަށް ގޮސް ދެމީޙުން އެކުގައި ދިރިއުޅެން ފެށުމަށެވެ. އަދި ވަރަށް އަވަހަށް އަނބިމީހާއަށްވެސް ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށެވެ.
ވެރިމީހާ އެވަޢުދުވެސް ފުއްދައިދިނެވެ. މިއަދު ދެމަފިރިންނަކީވެސް އެކުގައި ވަޒީފާއަދާކޮށް ތަނަވަހުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ.
އަހުރެންގެ އެކުވެރިންނޭވެ! ކޮންމެ ދުވަހަކު ދުނިޔޭގައި މިފަދަ އެތައް ޙާދިސާތަކެއް ހިނގައެވެ. އެޒުވާނާ ފަދައިން ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެމީހަކު ނިކަމެތިވާން ދޫނުކުރައްވަވާނެތެވެ. އެމީހަކަށް ކުރިމަތިވެފައިވާ މުޞީބާތްތަކުން އަރައިގަނެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން