ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ގަޑިއަށް މަޖިލީހަށް ނާންނާތީ ސުލޫކީ ކޮމިޓީއަށް މައްސަލަ ފޮނުވައިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު މާމިނގިލީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 9:00 ފަށަން އޮތީ ތާވަލްކޮށްފަ އެވެ. ނަމަވެސް މެންބަރުން ގަޑިއަށް ހަޒިރުވެފައި ނުވުމުން ކޯރަމް ހަމަ ނުވެ ގާސިމްއަށް ޖެހިވަޑައިގަތީ ޖަލްސާ 9:30އަށް ޖަލްސާ ފެށުން ލަސް ކުރާށެވެ.
ގާސިމް ވިދާޅުވީ އެއްވެސް ސަބަބެއް ނެތި މެންބަރުން ގަޑިއަށް މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާތީ މަޖިލީހުގެ ސުލޫކާ ބެހޭ ކޮމިޓީއަށް މިއަދު އެ މައްސަލަ ފޮނުވާ އެކަން ބަލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނީ ބަޖެޓު ފާސް ކުރުމާއި އައު ބިލުތަކެއްގެ ފުރަތަމަ ކިޔުން އިއްވުމެވެ.