އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓް ކޮމިޓީން ފާސްކުރި ގޮތަށް 73 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހައިތަނަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓުކަމަށްވާ 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.
މިރޭ ގެ ޖަލްސާގައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސ. ފޭދޫ ކުމުންޒާނިގޭ ފާޠިމަތު ޢާމިރާ ޢައްޔަނުކުރަންވެސް ފާސްކޮށްފައެވެ. ޢާމިރާ ކޮމިޝަނުގެ މެންބަރު ކަމަށް ހަމަޖައްސަން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ.
މީގެ އިތުރުން އަންހެނުން ބޭނުންކުރާ ޕެޑުން ޖީއެސްޓީ ނުނަގަންވެސް ވަނީ ފާސްކޮށްފައެވެ.
ބިލަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ މި ބަދަލުގެ ސަބަބުން ފަރުދީ ނިޞްބަތުން ކުރާ ފައިދާ ކުޑަ ނަމަވެސް އަންހެނުންގެ ހައްޤުގައި މިސަރުކާރުން ދޫކޮށް މިލަނީ އަހަރަކު 5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ކަމަށެވެ.