އޭނާ ފަތިސް ނަމާދަށް ފަހު މިސްކިތުގައި އަވަށުގެ އެންމެ ބޮޑު އިމާމާއި ބައްދަލުކޮށް ކިޔައިދިނެވެ. "އިމާމް އެވެ. އަޅުގަނޑަކީ ކަންކަން ވިސްނެން ފެށީންސުރެ ދުވަހަކުވެސް އެނގުހިރެ އެއްވެސް ފާފައެއް ކުރި މީހަކީމެއް ނޫނެވެ.
މަތީ ސާނަވީގައި ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެންނެވެ. އެއުމުރުން ފެށިގެން ފަރުޟު ނަމާދުތައް މިއަންނަނީ ކުރަމުންނެވެ. ވީވަރަކުން ސުންނަތް ނަމާދުތައްވެސް ކުރަމެވެ. އަދި އެހެން އަޅުކަން ވެސް ކުރަމެވެ.
އިމާމް އެވެ. މިއީ ހުވަފެނެއް ނޫނެވެ. ރޭގެ ޢިޝާ ނަމާދުން ފައިބައިގެން ގޮސް ގެއަށް ވަދެވެން ވަރަށް ކައިރިވެފައި ހުއްޓާ އަޅުގަނޑަށް ފުރަތަމަ ފެނުނީ އިރު އަޅުގަނޑާއި ދިމާއަށް އަންނަތަން ފަދަ މަންޒަރެކެވެ.
އަޅުގަނޑަށް ބިރުން ހުއްޓެވުނެވެ. މަގުމަތީގައި ހުއްޓި ހުއްޓާ އެ މަޑުމަޑުން އަޅުގަނޑާއި ކައިރިވަމުން އައިސް ވަރަށް ކައިރިވިއެވެ. އެއީ އިރު ނޫންކަން އަޅުގަނޑަށް އިޙްޞާޞް ކުރެވުނީ އެއީ އަލިފާންގަނޑަކަށްވެފައި އެއަލިފާންގަނޑުގެ ތެރޭގައި ހިނގަމުން ދިއަ ބައެއްކަން ފެނުމުންނެވެ. އިމާމެއެވެ. އެއީވާ ހާދަ ބިރުވެރި ކަންކަމެވެ. އެކަންކަން ބަޔާންކުރުމުގެ ކުޅަދާނަކަމެއް އަޅުގަނޑުގެ ކިބައަކު ނެތެވެ.
އެއަލިފާންގަނޑުގެ ހޫނުކަން އަޅުގަނޑަށް އިހްޞާޞްވިއެވެ. އަތާއި ބޮލުގައި ހުރި އިސްތަށިތައް އެނދިހެން ވެސް ހީވިއެވެ. ނަމަވެސް ގެއަށް ގޮސް ރަނގަޅަށް ބެލި އިރު އެފަދަ ކަމެއް ވެފައެއް ނެތެވެ. އަޅުގަނޑު ގަތް ބިރުން ރޭ ނުވެސް ނިދުނެވެ. ހުރެވުނީ ހޭލައެވެ.
މުޅި ރޭ ހޭދަކުރީ ނަމާދުކުރުމާއި ޤްރްއާން ކިޔެވުމުގައެވެ. އަދިވެސް ނިދީގެ އެއްވެސް އަސަރެއް އަޅުގަނޑުގެ ކިބައަކު ނެތެވެ. އަޅުގަނޑަށް މިފެނުނު ނުވަތަ އިޞްޞާޞް ކުރެވުނު ކަންތައްތަކާއިމެދު އިމާމުގެ ބަސްފުޅަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް އުޅޭއިރުވެސް މިހައި ބޮޑު ބިރުވެރިކަމެއް އިޙްޞާޞް ކުރަން މިޖެހުނީ ކީއްވެގެންކަމަށް ޤަބޫލު ކުރެއްވޭތޯއެވެ."
އޭނާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އިމާމް ވިދާޅުވިއެވެ. ބިރުވެރި ކަންކަން ދައްކަވަނީ ހަމަ އެކަނި ފާފަކުރާ މީހުންނަކަށް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި ފާފަކުރާ މީހަކަށް ދައްކަވައިފިނަމަ އެއީ އަމަލުތައް އިޞްލާޙްކުރަން ދެއްވަވާ އިންޒާރެކެވެ. ހަމައެފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނަ މީހަކަށް ދައްކަވައިފިނަމަ އަހަރެން ޤަބޫލުކުރާ ގޮތުގައި އެއިގެ މާނައަކީ ހެޔޮ އަމަލުތައް ކުރުމުގައި އިތުރަށް ސާބިތުވާން ޖެހޭ ކަމެވެ. ހަމައެއާއިއެކު ނުއެނގި ހުރެ ނަމަވެސް ކޮންމެވެސް ކަމެއް ނުރަނގަޅު ގޮތުގައި ކުރެވެމުންދާތީ އެކަމަށް ސަމާލުވުމަށް ދެއްވަވާ އިންޒާރަކަށްވެސް ވެދާނެއެވެ.
ތިބާގެ އަމަލުތައް ހެޔޮ ގޮތުގައި ހުރީތީ، ހެޔޮ އަމަލުތައް ކުރުންމަތީގައި ސާބިތުވެ ހުރީތީ ވަރަށް ބޮޑަށް އުފާ ކުރަމެވެ. ހަމަ އެއާއިއެކު ސުވާލެއް ކޮށްލާނަމެވެ. ކޮއްކޮގެ މައިން ބަފައިން ދުނިޔޭގައި އެބަ ތިބި ހެއްޔެވެ؟ ޖަވާބުގައި އޭނާ ދެންނެވިއެވެ. "ވަރަށް ކުޑައިރު ބައްޕަ ވަނީ ނިޔާވެފައެވެ. ގެންގުޅު ބޮޑުކުރީ މަންމައެވެ. ތިބީ ދެބެއިންނެވެ. ވަރަށް ލޯބިން އަޅުގަނޑު މަންމަ ބަލަހައްޓަމުން ގެންދަނިކޮށް ދައްތަ މިހާރު ވަނީ ދައްތަގެ ގެއަށް މަންމަ ގެންގޮސްފައެވެ.
އެއީ މަންމައަށް ހިނގައި އުޅެން ވެސް ބައެއް ފަހަރު އުނދަގޫވާތީ ފާޚާނާއަށް ދިއުން ފަދަ ކަންކަމުގައި އަންހެނެއްގެ އެހީތެރިކަން ބޭނުންވާތީއެވެ. އަޅުގަނޑު އަދި ކައިވެނި ނުކުރާތީ އަންބަކު ނެތުމުން ދައްތަ އަމިއްލަ އަށް ބޭނުންވެގެން މަންމަ ގެންދިއަ ފަހުން ވެސް މަހަކު އެއްފަހަރު އެގެއަށް ގޮސް މަންމަގެ ޙާލު ބަލަމެވެ. އޭނާގެ ޖަވާބު އަޑުއައްސަވާފައި އިމާމް ވިދާޅުވިއެވެ.
އަހަރެންނަށް ވިސްނޭ ގޮތުން ތިއަ ކަމުގައި މައްސަލަ އެއް އެބައުޅެއެވެ. އެހައި ލޯބިން އެހައި ދުވަހު މަންމަ ގެންގުޅެފައި ކަންތައް ތިއަ ކުރެވެނީ ރަނގަޅަކަށް ނޫނެވެ. މަންމަ އެއަށްވުރެ މާބޮޑަށް ތިއަ ދަރިފުޅަށް އެދޭނެއެވެ. މަންމަގެ ހާލު އެހުރީ ދަރިފުޅު ދެކެން އަމިއްލައަށް ދެވޭ ފަދަ ގޮތަކަށް ނޫނެވެ.
ވީމާ މަދުވެގެން ދުވާލަކު އެއްފަހަރު ގޮސް މަންމަ އާއި ބައްދަްލުކޮށް ލޯބިދޭން މަސައްކަތް ކުރާށެވެ! ހަނދާނުގައި ބަހައްޓާށެވެ! ސުވަރުގެ ވަނީ މައި މީހާގެ ފައިތިލަ ދަށުގައެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ މަތިވެރި އަޅުކަމުގެ ތެރޭގައި ހިމެނޭ އަޅުކަމެކެވެ.
ނަމަވެސް ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމަކީ ހަމައެކަނި ނަމާދުކުރުން ފަދަ ކަންކަން ކަމަށެވެ. އެއްވެސް ޝއްކެއް ނެތެވެ. ނަމާދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމާދު ފުރިހަމަ ގޮތުގައި އަދާ ނުކުރެވިއްޖެނަމަ ދެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އެހެންކަމާއިއެކުވެސް ތިބާގެ މަންމައަށް ހެޔޮކޮށް ހިތާށެވެ!
ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދު ކުރާ ފަދައިން މަންމައަށް އަޅާލައި ހެޔޮކޮށް ހިތުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރުމުން އެކަން އެއީ ބުރަކަމަކަށް ނުވާނެއެވެ. އިމާމްގެ ބަސް ޤަބޫލުކޮށް އޭނާ އެގޮތަށް އަމަލުކުރަން ފެށިއެވެ. އިމާމް ވިދާޅުވި ގޮތަށްވުރެވެސް ފުރިހަމަކޮށެވެ.
ދުވާލަކު އެއްފަހަރަކު ނޫނެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު މަންމައަށް ޒިޔާރަތްކުރަން ފެށިއެވެ. އޭނާއަކީ އިރުއެރުމުން ޟުޙާ ނަމާދުކޮށްގެން މިސްކިތުން ފައިބާ މީހަކަށްވާތީ އެކަން ބުރަކަމަކަށް ނުވިއެވެ.
މަޣްރިބް ނަމާދުކުރުން މަންމަ އުޅޭ ގޭ ކައިރީ މިސްކިތަކަށް ބަދަލުކުރީއެވެ. މަޣްރިބް ނަމާދުން ފައިބައިގެން ގޮސް ޢިޝާ ވަގުތު ވަންދެން މަންމަ އާއިއެކު ހޭދަކޮށްލުމަކީ އާދައަކަށް ހެދީއެވެ. އެއިގެ 3 މަސް ފަހެވެ.
އެއް ރޭ އޭނާ ގެއަށް ވަންނަން ދަނިކޮށް ފެނުނީ ހަމަ މުޅިން ތަފާތު މަންޒަރެކެވެ. ދުރުން އައި ހުދު އައްޔެއް އެނާގެ ގައިގައި ބީހިލާފައި މައްޗަށް އަރައިގެން ދިއަ ތަނެވެ.
އެއާއިއެކު އޭނާއަށް މިރުވަހެއްވެސް ދުވިއެވެ. ހަށިގަނޑަށް ފިނިކަމެއްވެސް އިޙްޞާޞް ކުރެވުނެވެ. މިބާވަތުގެ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާ ބައަކަށްވަމާ ހިނގާށެވެ! ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުމަށް އެދިގެން ހުރިހާ ކަމެއްވެސް ކުރާ ބައަކަށް ވަމާ ހިނގާށެވެ! --އިސްލާމީ ތިލަފަތުގެ ދަރުސަކުން