މަރުގެ އަދަބު ދިނުން ނުވަތަ ޤިޞާޞް ހިފުން އެއީ ކުރަންޖެހޭ ކަމެއް ކަމާއިމެދު ސުވާލު އުފައްދާ ފަރާތްތަކުގެ މައްސަލަ ބެލެންޖެހޭނެ ކަމަށް ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އެފަދައިން ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ކީރިތި ޤްރްއާނުގައި ބާއްވަވައިލެއްވިގެންވާ ޙުކުމްފުޅަކަށް އަމަލުކުރަން ޖެހޭތޯ ނުޖެހޭތޯ ސުވާލު އުފެއްދުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އެފަދަ ކަންކަން ކުރާ މީހާ އެ ދައުވާ ކުރަނީ އެމީހަކީ ﷲ ތަޢާލާ އަށްވުރެ މަތީގައި ހުރި މީހަކު ކަމަށް. އެމީހާ އެ ދައުވާ ކުރަނީ ކީރިތި ޤްރްއާނުގެ އާޔަތްތަކަށްވުރެ ބޮޑަށް އެމީހަކަށް ކަންކަން އެނގޭ ކަމަށް. އެމީހާ އެކުރާ ކަމަކީ މީސްތަކުންގެ ހިތްތަކުގައި ﷲ ތަޢާލާގެ ވަޙީ އާއިމެދު ޝައްކު އުފެއްދުވުން. ﷲ ތަޢާލާ ވަކި ގޮތަކަށް ކަމެއް ކުރުމަށް އަމުރުފުޅު ކުރެއްވެވުމުން އެކަން ކުރާނެތޯ ނުކުރާނެތޯ ކިހިނެއްތޯ ﷲ ތަޢާލާގެ އަޅުން ބަހުސް ކުރާނީ؟ ބުއްދީގެ ހަމަތަކުން ބެލިނަމަވެސް މިކަންކަން މިހިރީ ހަމަ ހާމައަށް ފެންނަން."
"ސުވާލު އުފެއްދޭނީ އިންސާނުން އުފައްދާ ޤާނޫނުތަކާއިމެދު. ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށްތޯ ބަރުލަމާނީ ނިޒާމަށްތޯ ސުވާލު އުފެއްދިދާނެ. ރައްޔިތުންގެ ޚިޔާލުވެސް ހޯދިދާނެ. ނަމަވެސް ނަމާދުކުރުމާއި ރޯދަ ހިފުމާއި ޒަކާތް ދިނުމާއި މިނޫންވެސް ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ ކަންކަން ކުރާނެތޯ ނުކުރާނެތޯ ސުވާލެއް ނުއުފެއްދޭނެ. ޤިޞާޞް ހިފުމަކީ ﷲ ތަޢަލާ ބާވައިލައްވަވާފައިވާ ޙުކުމްފުޅެއް. ވީމާ އެހިސާބުން އެއްވެސް މީހެއްގެ ޚިޔާލު ހޯދާކަށް ނުޖެހޭނެ. އޮތީ އަމަލުކުރުން. ރުހުނަސް ނުރުހުނަސް ޖެހޭނީ ހަމަ އަމަލުކުރަން."
"ރާއްޖޭގެ ޝަރުޢީ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭނަމަ އެކަމަށް މަޝްވަރާ ކުރެވިދާނެ. މައްސަލަތަކެއް ހުރި ނަމަ ޖެހޭނީ އެކަންކަން ވީހައި އަވަހަކަށް ރަނގަޅުކުރަން. ރާއްޖޭގެ ޝަރުޢީ ނިޒާމުގައި މައްސަލައެއް ހުރުމަކީ ﷲ ތަޢާލާ ބާވައިލައްވަވާފައިވާ އެއްވެސް ޙުކުމްފުޅެއް ތަންފީޒުކުރާނެތޯ ނޫނީ ނުކުރާނެތޯ ސުވާލު އުފެއްދޭނެ ކަމެއް ނޫން."
މިއީ މިކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. ޚަބަރުގައިވާ ފޮޓޯއަކީ މިކަމާއި ގުޅިގެން އުފައްދައި ދައުރުކުރުވަމުން ގެންދާ ފޮޓޯއެކެވެ. ކަމުގެ ޙަޤީޤަތް އޮތް ގޮތެވެ.