މަކަރުން ހޯދި މުއްސަނދިކަން އަނބިމީހާ އާއިވެސް އެކު ގެއްލިގެން ދިއަ ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
މަކަރުން ހޯދި މުއްސަނދިކަން އަނބިމީހާ އާއިވެސް އެކު ގެއްލިގެން ދިއަ ގޮތުގެ ވާހަކަ

މިރޭގެ ދަރުސް މިފަށަނީ ވެސް ކުރު ވާހަކައަކުންނެވެ. ކަނުލައި އަޑުއަހާށެވެ.

3 މީހަކު ގުޅިގެން ފެށި ވިޔަފާރިއެކެވެ. ވިޔަފާރި ފުޅައުމަމުންގޮސް މަލްޓިމިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ބޮޑުވެފައި ވަނިކޮށް 2 ޕާޓްނަރުން ޤައުމުން ބޭރުގައި ވަނިކޮށް އެކެއްގެ ނަމަށް ހުރިހާ ވިޔަފާރިތަކެއް ބަދަލުކޮށްލިއެވެ. މަކަރާއި ޙީލަތުން ލިޔުނަތަކެއް އުފައްދައިގެންނެވެ. ކަންކަން ކުރަން ތިބި މީހުންނަށް ރިޝްވަތު ވެސް ދީގެންނެވެ. ބަދަލުގައި 2 ޕާޓްނަރުންނަށް އެއްވެސް އެއްޗެއް ނުދެއެވެ.

އެއިގެ ފަހުން 5 އަހަރުވީއިރު ވިޔަފާރިތައްވަނީ އެތައް ގުނައަކަށް ކުރިއަރައިފައެވެ. އައު އަހަރާއި ގުޅުވައިގެން ޗުއްޓީއަށް ދިއައީ ހުރިހާ ކަމެއް އަނބިމީހާ އާއި ހަވާލުކޮށްފައެވެ. ގެނގުޅުނު 2 ސެކެޓްރީން ގޮވައިގެންނެވެ.

އެނބުރި އައިއިރު ގޭގައި އުޅެނީ އެހެން ބައެކެވެ. ގެ ހުރީ ވިއްކާލައިފައެވެ. އޮފީހަށް ދިއުމުން ސެކިޔުރިޓީ އެންގީ ވަދެވޭނީ ހުއްދަ ލިބިގެން ކަމަށެވެ. ހުއްދަ ހޯދައިގެން ވަދެ އަނބިމީހާ އާއި ބައްދަލުކުރުމުން ބުނީ އޭނާ ވަރިކުރިތާ މިހާރު އަހަރެއް ވެއްޖެ ކަމަށާއި މިހާރު ހުރީ އެހެން ފިރިހެނަކާއި ކައިވެނިވެސް ކޮށްގެން ކަމަށެވެ. އަދި ވިޔަފާރި ވަނީ އޭނާއަށް ވިއްކާފައި ކަމަށާއި ލިޔުންތައް މިހިރީ ކަމަށެވެ. އަދި ފިރިމީހާ މިހިރީ ކަމަށް ބުނެ ދެއްކީ ކުންފުނީގައި އެންމެ އިތުރުބާރުކޮށްގެން ގެންގުޅުނު އެކެކެވެ. ހުރިހާ ލިޔެކިޔުންތަކެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްގެން ގެންގުޅުނު މީހާއެވެ.

ލިޔެ ކިޔުންތައް ބެލިއިރު އިތުރަށް ބުނެވޭނެ އެއްވެސް ވާހަކައެއް ނެތެވެ. ދެއްކީ ހަމަ ޞައްހަ ލިޔުންތަކެކެވެ. ބުނެވޭނެ އެއްވެސް އެއްޗެއްވެސް ނެތެވެ. އެކަންކަން އެގޮތަށް ކުރަން އަނބިމީހާއަށް ވަނީ ކުރިން ދަސްކޮށް ދެވިފައެވެ. 2 ޕާޓްނަރުން ބޭރުކޮށްލައި އަމިއްލަ ކުރަން ކުރި ކަންކަމުގެ ތެރެއިންނެވެ.

އިތުރަށް އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުޞަތު ވެސް ނުދީ ސެކިޔުރިޓީން ގެނެސް އޮފީހުން ބޭރުކޮށްލީއެވެ. ގެނަދަން ލިބުނީ ހަމައެކަނި ދުއްވަން ގެންގުޅުނު ކާރާއި ޕަރސަނަލް ކޭޝްކާޑެވެ. ދަތުރުގައި އިންތިހާއަށް ޚަރަދުކުރުމުން ބާކީ ހުރީ އެންމެ ދިހަވަރަކަށް ހާސް ޑޮލަރެވެ. އެވަރުވެސް ލިބުނު ކަމަށްޓަކައި ޝުކުރުކޮށްގެން މައިން ބަފައިންގެ ގޭގައި ދިރިއުޅެން ފެށީއެވެ. 

ބައެއް މީހުން އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްޓަކައި ނުވަތަ ޙައްޤު ނޫން ފައިދާ ހޯދުމުގެ ނަމުގައި ހީލަތް ހަދައެވެ. އެކަމުގެ ސަބަބުން ވަގުތީ މަންފާ ވެސް ލިބިދާނެއެވެ. ޔަޤީން ކުރާށެވެ! ކޮންމެވެސް ހިސާބަކުން ތިމާ ހެދި ޙީލަތް ތިމާއާއި ދިމާއަށް އެނބުރި އެމީހަކަށް ޙީލަތް ހަދާނެއެވެ. 

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހުރިހާ ފައިދާއެއްވެސް ލިބެން ޖެހޭނީ އެމީހަކަށް ކަމަށެވެ. އެހެންވެ އެކުގައި ކުރަންފަށާ ވިޔަފާރިން ފައިދާ ލިބެން ފަށާއިރަށް ލިބޭ ހުރިހާ ފައިދާއެއް އަމިއްލައަށް ލިބިގަތުމުގެ ދަހިވެތިކަމުގައި ދެން ތިބި ޕާޓްނަރުންނަށް މަކަރު ހަދައެވެ. ބައެއް ޙާލަތްތަކުގައި ޕާޓްނަރުންނަށް ލިބެންޖެހޭ ބަދަލުވެސް ނުދީ ކުންފުނި އެބަ މިލްކުކޮށްލައެވެ. ކުންފުނިން ލިބޭ ހުރިހާ ފައިދާއެއް އަމިއްލަ ކުރުމުގެ ބޭނުމުގައެވެ.

މިފަދަ ކަންކަން ކުރުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެގޮތުން ކުރާ ކަންކަން އެމީހަކަށް އެނބުރި އަންނާނެއެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް މާ ބޮޑެތި ގެއްލުންތައް ލިބިފައި ހުރީ މަދަކުން ނޫނެވެ. މިކިޔައިދިނީ އެފަދަ ކަމެއްގެ ވާހަކައެވެ!

މަކަރުން ކުރާ ކަންކަން މިދުނިޔޭގައި ބޮޑު ގެއްލުމަކަށް ނުވެ ވެސް ހިނގައިދާނެއެވެ! އަދި ގެއްލުމަކަށްވެގެންދާތަން މިދުނިޔޭގައި ފެނިވެސް ދާނެއެވެ! ޔަޤީން ކުރަންވީ ކަމަކީ އެމީހަކު ކުރިކަމެއްގެ ޖަޒާ އެމީހަކަށް ލިބޭނެ ދުވަސް އަންނާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން