މުސްލިމް ޤައުމުތަކުގެ ހާލަތަށް ބެލި ނަމަވެސް އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޙާލަތަށް ބެލި ނަމަވެސް މުސްލިމުން މިއަދު ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައެވެ. އަމިއްލަ ގެދޮރުގައި ތިއްބައި ވަދެ އެގެންދަނީ ޢާއިލާތައް އެކުގައި ޝަހީދުކުރަމުންނެވެ. ގެދޮރުގައި ނިދާފައިތިއްބާ އެގެންދަނީ ހުޅުޖަހަމުންނެވެ. އަޅާ ބޮންތަކުންނާއި ދޭ ހަމަލާތަކުން ސަލާމަތް ވުމަށް ތަންތަނަށް ވަނުމުން އެތަންތަނަށް ބޮންއަޅައި އެގެންދަނީ މަރަމުންނެވެ.
މިކަންކަމުގެ ސަބަބުންނާއި ހަމަ މުސްލިމުންގެ ނަމުގައި ތިބެ ބައެއް މީހުން ކުރަމުންގެންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އިސްލާމް ދީނަކީ ހަމަ ތިބެން އެންމެ ރަނގަޅު ދީން ކަމާއިމެދު ސުވާލު އުފެދޭ ހިސާބަށްވެސް ކަންކަން މިއަދު މިވަނީ ގޮސްފައެވެ. އިސްލާމް ދީނުގެ އަދާވާތްތެރިންގެ އިތުރުން ބައެއް އެހެން މީހުންވެސް މިއަދު މިފަދަ ސުވާލުތައް އެބަ އުފައްދައެވެ. އެމީހުންނަށް ފެންނަ އަދި ކުރިމަތިވަމުން އަންނަ ކަންކަމުގެ ސަބަބުންނެވެ.
އިސްލާމީ ތާރީޚަށް ބަލައިފި ނަމަ މުސްލިމުން ވަނީ މާބޮޑެތި ނިކަމެތި ޙާލަތުން އަރައިގެންފައެވެ. އެހެންކަމުން މުސްލިމުންނަކީ މާޔޫސްވާން ޖެހޭނެ ބައެއް ނޫނެވެ. އެކަން އިސްލާމީ ސިޔަރަތުން ވަނީ ފެނި ސާބިތުވެފައެވެ.
މުސްލިމުންނަށް މިފަދަ ހާލަތު މެދުވެރިކުރައްވަވަނީ ދެ ސަބަބަކަށެވެ. ފުރަތަމަ ސަބަބަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާނުކުރެވުމެވެ. ދެވަނަ ސަބަބަކީ މީސްތަކުން އިމްތިޙާން ކުރެއްވެވުމެވެ.
އުހުދު ހަނގުރާމައަށް ބަލައިފިނަމަ ވެސް މިކަން ފެނިގެނަދާނެއެވެ. 70 ބޭކަލުން ޝަހީދުވެ 214 ބޭކަލުން ޒަޚަމްވެވަޑައިގަތް ހާލަތު ކުރިމަތިވީ އެދުވަހު ރަސޫލް (ޞޢވ) ކުރެއްވެވި އަމުރުފުޅުތަކަށް ތަބަޢަ ނުވެވުނީތީއެވެ. ދެއްވެވި އިރްޝާދާއި އެއްގޮތަށް ޢަމަލު ކުރެއްވެވީތީއެވެ.
ރަސޫލް (ޞޢވ) ލަޝްކަރު ބެއިތިއްބެވި މަޤާމުތަކުގައި ސާބިތުވެ ނުތިބެވުނީތީއެވެ. ހަނގުރާމައިން ފަތަޙަ ލިބިއްޖެ ކަމަށް ބަލައި އަމިއްލައަށް މަޤާމްތައް ދޫކޮށްލައި ޣަނީމާ މުދައު އެއްކުރެއްވުމަށް ސަމާލުކަން ދެއްވެވުނީތީއެވެ.
އެދުވަހުވެސް ﷲ ތަޢަލާ މުސްލިމުންނަށް ނަޞްރު ދެއްވެވިއެވެ. އެހެނީ އެދުވަހު މުޝްރިކުންގެ ލަޝްކަރު މަދީނާ އާއި ކުރިމަތިލާން ނިންމި ނަމަ ދިފާޢުކުރުން ވެގެންދިއައީހީ ވަރަށް އުނދަގޫ ކަމަކަށެވެ. މުސްލިމުންގެ އަދަދު އެހައިމެ މަދެވެ. 70 ބޭކަލުން ވަނީ ޝަހީދުވެފައެވެ. ދެން ތިއްބެވި ބޭކަލުން ވަނީ ހަނގުރާމައިގެ ވަރުބަލިކަމުގައެވެ.
މުޝްރިކުން އެދުވަހު މަދީނާއަށް އަރައިގަންނަން ބޭނުން ނުވުން އެއީ މުސްލިމުންނަށް ﷲ ތަޢަލާ މިންވަރުފުޅު ކުރެއްވެވި ވަރަށް މަތިވެރި ނަޞްރެކެވެ. އެމީހުންނަށް އެކަމުގެ ވިސްނުން ﷲ ތަޢާލާ ނުދެއްވެވީ އެހާލަތުން ނުވަތަ މުޞީބާތުން މުސްލިމުން ސަލާމަތް ކުރެއްވެވުމަށެވެ.
ހަމަ އެދުވަސްވަރު ބައެއްގެ އެދުމަށް އެޤައުމުތަކުގެ މީހުންނަށް އިސްލާމް ދީން ދަސްކޮށްދެއްވަން ރަސޫލް (ޞޢވ) ފޮނުއްވެވި 10 ބޭކަލުން ވަނީ ޝަހީދުކޮށްފައެވެ. 8 ބޭކަލަކު ޝަހީދުކުރީ ހަނގުރާމައިގެ މައިދާނުގައެވެ. 2 ބޭކަލަކު ޝަހީދުވެވަޑައިގަތީ އަތުލައިގަނެގެން ގެންގޮސް މައްކާގެ މުޝްރިކުންނަށް އަޅުންގެ ގޮތުގައި ވިއްކައިލިފަހުން ލިބިވަޑައިގެންނެވި އަނިޔާތަކުގައެވެ.
އެއިގެ ފަހުން ވެސް ހަމަ އެގޮތަށް ފޮނުއްވެވި 70 ބޭކަލުންތެރެއިން 69 ބޭކަލުން ވަނީ ޝަހީދުކޮށްފައެވެ. މިހައި ގިނަ އަދަދެއްގެ ބޭކަލުން ޝަހީދުކުރެވިގެން ދިއައީ މުސްލިމުންގެ އަދަދު ނުހަނު މަދު ދުވަސްވަރެއްގައެވެ. އެހެންކަމާއިއެކުވެސް މުސްލިމުން މާޔޫސްނުވެ ސާބިތުވުމުން އިސްލާމް ދީން އައީ ކުރިއަރަމުންނެވެ. މުޅި ދުނިޔެއަށް ދިއައީ ފެތުރެމުންނެވެ.
ވީމާ މިފަދަ ކަންކަމުން މިއަދުވެސް ޢިބްރަތް ޙާޞިލުކުރަންވާނެއެވެ. ވަކި ކަމެއް ކުރުމަށް ﷲ ތަޢާލާ އެންގެވުމުން އެކަމަށް އިންކާރު ކޮށްގެންވާނެ އެއްވެސް ޙާލަތެއް އޮވެގެން ނުވާނެއެވެ. އެއީ އެއްވެސް ޙާލެއްގައި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ބުނަން ޖެހޭނީ އަޅުގަނޑުމެން އަޑުއަހައި ކިޔަމަން ވެއްޖައީމުއެވެ. އެގޮތުގައި ސާބިތުވުމުން ދާނީ ނަޞްރާއި ކުރިއެރުން ލިބެމުންނެވެ.
ޝައިޚް މުޙައްމަދު މަންޞޫރު، މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން.