އެމެރިކާގައި ޔަހޫދީއަކު ގަނެފައިވާ ބިމެއްގައި އަޅާފައި ހުރި މިސްކިތަކަށް ގޮސް، ކުލި ދައްކައިގެން މުސްލިމުން ނަމާދު ކުރަމުން ގެންދިޔައެވެ.
އެމިސްކިތައް ނަމާދު ކުރުމަށް ވަންނަ މީސްތަކުންގެ އަދަދު އިތުރުވި ވަރަކަށް، އެޔަހޫދީކަލޭގެ ކުލި ބޮޑު ކުރަމުން ގެންދިޔައެވެ.
މީސްތަކުންގެ އަތުން ނަގަމުންދިޔަ ކުލި މާބޮޑަށް ބޮޑުވުމުން، އެދުވަހު އިމާމު ބުންޏެވެ. "މިވަރުން އަހަރުމެންނަކަށް ކުއްޔެއް ނުދެއްކޭނެއެވެ. އެހެންކަމުން އަންނަ މަހު މިސްކިތް ބަންދު ކުރާނީއެވެ."
އިމާމު އެހެން ބުނުމުން މީސްތަކުން މާޔޫސްވިއެވެ. އެހެންނަމަވެސް އެތަނުގައި އެވަގުތު ހުރި ފުރާވަރު އުމުރުގެ ޒުވާނަކު ތެދުވެ ބުންޏެވެ. "އަހަރުމެން އެންމެން އެޔަހޫދީކަލޭގެ އަތުން މިބިން ގަންނަން ހިނގާށެވެ"
އޭނާ އެހެން ބުނުމުން އެންމެން ހޭން ފަށާފައި ބުންޏެވެ. "އަހަރުމެންނަށް ކުލި ނުދެއްކޭއިރު ބިން އެއްކޮށް ގަންނާނީ ކިހިނެއް ހެއްޔެވެ؟" އެމީހުންނަށް އެޒުވާނާ ބުންޏެވެ. "ނޫނެކެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު ކޮންމެ މީހަކަށް ވެސް ގޮތެއް އޮންނާނެއެވެ."
އެޒުވާނާއަކީ އާމްދަނީ ހޯދުމަށްޓަކައި ފެލާފެލް ވިއްކާ ޒުވާނެކެވެ. އެމަސައްކަތުން އަހަރު ދުވަސް ވަންދެން އޭނާ އެއްކުރި ފައިސާކޮޅު ހިފައިގެން އައިސް އިމާމް އަތަށް ދިނެވެ. އަދި ބުންޏެވެ. "އަހަރެން މިފައިސާކޮޅު އެއްކުރީ މުހިންމު ބޭނުމެއް ޖެހޭ ހިނދު ބޭނުން ކުރުމަށެވެ"
ޒުވާނާ އެފައިސާ ދިނުމުން އެހެން މީސްތަކުންވެސް އެމީހަކަށް ދެވުނު ވަރެއް، އެމިސްކިތްހުރި ބިން ގަތުމަށްޓަކައި އިމާމުއަތަށް ފައިސާދިނެވެ. އަދި ބަރާބަރު ތިން ދުވަސް ތެރޭގައި ޔަހޫދީކަލޭގެ އަތުން މީސްތަކުންނަށް އެބިން ގަނެވުނެވެ.
ނަމަވެސް، މިސްކިތް އަމިއްލަ ކުރެވުމުން އެތަނުން ބައެއް މުސްލިމުން ފެށީ އެޒުވާނާއާއި ބެހޭ ގޮތުން ފަސްފަހަތުގައި، އޭނާގެ ނުބައި ވާހަކަ ދައްކާށެވެ. އެމީހުން ބުނަމުން ދިޔައީ އެޒުވާނާ އެފަދަ މާތް ކަމެއް ކުރީ މާތް ﷲ ގެ މަގުގައި ނޫން ކަމަށާއި ދެއްކުންތެރިވުމަށް ކަމަށެވެ. އަދި އެޒުވާނާގެ ތުބުނޅިއެއްވެސް ނެތުމުން މާތް ﷲ އޭނާ އާއި މެދު ނުރުއްސަވާނެ ކަމަށް ވެސް މީސްތަކުން ބުނަމުން ގެންދިޔައެވެ. އެމީހުންނަކަށް އެޒުވާނާ އެއްވެސް ރައްދެއް ނުދެއެވެ.
މިސްކިތް ގަނެވުނު އަހަރެވެ. މާތް ﷲ ގެ އިރާދަފުޅާއިއެކު އެޒުވާނާއަށް ޙައްޖުގެ މަތިވެރި އަޅުކަން ކުރަން ދިޔުމުގެ ފުރުސަތު ލިބުނެވެ. އޭނާ ޙައްޖަށް ދިޔައީ އެކަމަށް އަމިއްލައަށް ފައިސާ އެއްކޮށްގެންނާއި އެހެން ފަރާތްތަކުން ހަދިޔާވެސް ލިބިގެންނެވެ.
އެޒުވާނާ ނިޔާވީ ޙައްޖަށް ގޮސް އަރަފާތު ދުވަހު، މާތް ﷲ އަށް ކުއްތަންވެ، ސަޖިދާގައި އޮއްވައެވެ.