ކިބުރުވެރިވެ ބޮޑާވަނީ މަރުވުމުން އެންމެން ހަމަހަމަވާނެކަން ޤަބޫލު ނުކުރެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކިބުރުވެރިވެ ބޮޑާވަނީ މަރުވުމުން އެންމެން ހަމަހަމަވާނެކަން ޤަބޫލު ނުކުރެވޭތީ!

ﷲ ތައާލާ މިދުނިޔޭގައި މީސްތަކުންނަށް ތަފާތު ދަރަޖަތައް މިންވަރު ކުރައްވަވައެވެ. މަޤާމުގެ ގޮތުންނެވެ. ތަނަވަސްކަމުގެ ގޮތުންނެވެ. އަދި ބާރުވެރިކަމާއި އެހެނިހެންވެސް ގޮތްގޮތުންނެވެ. 

މިފަދަ ގޮތަކުން އެއްވެސް މީހަކަށް މަތިވެރިކަމެއް ލިބިއްޖެނަމަ މީސްތަކުންގެ ތެރެއިން ގިނަ ބައަކަށް މިހާރަކަށް އައިސް ޤަބޫލު ކުރެވެނީ އެމީހަކީ އެހެން މީހުންނަށްވުރެ މާމަތިވެރި މީހެއް ކަމަށެވެ. މިއީ ތިމާ އިމްތިޙާނު ކުރެއްވެވުމަށްޓަކައި ތިމާގެ ކިބައިގައި ﷲ ތަޢާލާ އެޅުއްވެވި ޒިންމާއެއްކަން ހަނދާނަކު ނުހުރެއެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ބާރުގެ ދަށުގައިވާ މީހުންނަކީ މާދަށުދަރަޖައިގެ ބައެއް ކަމަށް ބަލައި ވަރަށް ނިކަމެތި ގޮތުގައި ކަންކަން ކުރެވޭތަންވެސް ދަނީ ފެންނަމުންނެވެ. 

ޙަޤީޤަތަށް ބަލައިފިނަމަ އެއްވެސް އިންސާނަކީ ﷲ ތަޢާލާގެ އެންގެވުންތަކުގެ ކުރިމަތީގައި ތަފާތު މީހެއް ނޫނެވެ. މާތް ﷲ ބާވައިލެއްވެވި އަމުރުފުޅުތަކުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމައެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކުގެ ކުރިމަތީގައި ހަމަ ހުރިހާ އިންސާނުންވެސް ހަމަހަމައެވެ. ފަރުޟާއި ވާޖިބު އަދާކުރުމުގައި ހަމަހަމައެވެ. ފާފަކުރުމުގައިވެސް ހަމަހަމައެވެ.

މިސާލަކަށް ފަރުޟު އަދާނުކޮށްފިނަމަ ލިބޭ އަޒާބު ހަމަހަމައެވެ. ނަހީކުރެއްވެވިކަމެއް ކޮށްފިނަމަ ލިބޭ އަޒާބުގައިވެސް ހަމަހަމައެވެ. ހުރިހާ ކަމެއްގައިވެސް އެއްވެސް މީހަކަށް ތަފާތު ކުރެއްވެވުމެއް ނެތި ﷲ ތަޢާލާ އިއްވަވާނީ އެންމެ އަދުލުވެރި ޙުކުމް ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. 

ޔަޤީންވާ ކަމަކީ މަރުވުމުން މަތިވެރި ދަރަޖަ ލިބުންވަނީ އެމީހާ ދުނިޔޭގައި އަދާކުރި މަޤާމުން ނުވަތަ ލިބިފައިވީ މުއްސަނދިކަމުން ނުވަތަ ބާރުވެރިކަމުން ނޫން ކަމެވެ. އެމީހާގެ ދަރަޖަ މަތިވެރިވާނީ އެމީހާ ކުރި ހެޔޮ އަމަލުތަކުންކަމެވެ. ތަޤްވާވެރިކަމުން ކަމެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މެއެވެ. 

ދުނިޔޭގައި އުޅެން ލިބޭ ދުވަސްތަކުގައި ބޮޑާވަނީ އަދި ކިބުރުވެރިވެސް ވަނީ މިކަންކަން ޤަބޫލުނުކުރެވޭތީއެވެ. އިބިލީހަށް ވީގޮތް ވެވޭތީއެވެ. އިބިލީސް އާދަމްގެފާނަށް ސަޖިދަ ނުކުރީވެސް އޭނާގެ ކިބައިގައިވާ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުންކަން ކީތިތި ޤްރްއާނުން އެއޮޓީ ފެންނާށެވެ. ބޮޑާ ކަމާއި ކިބުރުވެރިކަމަކީ އެންމެ ނުބައި ސިފަކަމުގައި ބުނެވެނީ މި ސަބަބުތަކަށްޓަކައެވެ. ވީމާ އާޚީރަތް އެދޭނަމަ ބޮޑާ ކަމާއި ކިބުރުވެރިކަމުގެ އެއްވެސް މިންވަރެއް ތިމާގެ ކިބައިގައި ހުރިއަ ނުދޭށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން