އަޅުގަނޑުމެން ގުނަމުން މިގެންދަނީ ދިރާސީ އަހަރުގެ ކިޔެވުން ނިމި ޗުއްޓީގެ ދުވަސްތަކެވެ. އެއްބައަކު މިހާރުވެސްވީ ފުރައިގެން ގޮސް ބޭރު ޤައުމުތަކުގައެވެ. އަނެއް ބައަކު ވަނީ ރަށްރަށަށް ގޮސްފައެވެ.
ޗުއްޓީގައި އަމިއްލަ ރަށުގައި ތިބި ނަމަވެސް، އެހެން ރަށެއްގައި ތިބި ނަމަވެސް އަދި ކޮންމެ ޤައުމެއްގައި ތިބި ނަމަވެސް ދަރިން ލައްވައި ކުރުވޭނެ އެއްކަމެއް އެބައޮތެވެ. އެއީ ކީރިތި ޤްރްއާން ކިޔުވުމެވެ. ކީރިތި ޤްރައާން ދަސްކޮށް ދިނުމެވެ. ޗުއްޓީ ދުވަސްތަކަކީ މިކަމަށް އެންމެ އެކަށީގެންވާ ދުވަސްތަކެވެ. ސްކޫލަށް ކިޔަވަން ދާން ނުޖެހުމާއި އިތުރުގަޑީގައި ދާން ނުޖެހުމާއި ޓިޔުޝަނަށް ދާން ނުޖެހޭތީއެވެ.
ބޭރު ޤައުމެއްގައި ތިބި ނަމަވެސް އެހެން ރަށެއްގައި ތިބި ނަމަވެސް މިކަމަށް ވަގުތު ތާވަލުކޮށްފިނަމަ މިއީ ހަމަ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
ޗުއްޓީ ކޮންމެ ތަނެއްގައި ހޭދަކުރި ނަމަވެސް ކޮންމެ ދުވަހަކު ދަރިފުޅަށް ކީރިތި ޤްރްއާނުގެ އެންމެ އާޔަތެއް ހިތުދަސްކޮށް ދެވިއްޖަނަމަ އެއޮތީ ޗުއްޓީގެ ފައިދާ އެންމެ ބޭނުންތެރި ގޮތުގަ ހިފިފައެވެ. ނަމާދުގައި ކިޔާތަކެއްޗާއި މާނަ ދަސްކޮށްދިނުމާއި މުރާޖަޢާކުރުން އިތުރުކުރެވިއްޖެނަމަ އެކުރެވުނީ އެންމެ ރަނގަޅުކަންތަކެވެ.
މިކަމާއި ގުޅިގެން ޝައިޚް ޢަބްދުﷲ މިފްޒާލް ވިދާޅުވެފައިވެއެވެ.
ޗުއްޓީގައި ވެސް ކީރިތި ޤްރްއާން ކިޔެވުމަށާއި އުނގެނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެހެނީ ޤިޔާމަތް ދުވަހު ކީރިތި ޤްރްއާން ކިޔަވައި އުނގެނި އަމަލު ކުރި މީހުންނަށް ކީރިތި ޤްރްއާން ޝަފާއަތްތެރިވާނެއެވެ.
ކޮންމެ ދުވަހަކު ވެސް ކީރިތި ޤްރްއާނުން މިންވަރެއް، މަދުވެގެން އާޔަތެއް ނަމަވެސް ދަރިންނަށް ހިތުދަސްކޮށްދޭން މަސައްކަތްކުރަން ވާނެ އެވެ. އެންމެ ދުވަހަކީވެސް ކީރިތި ޤްރްއާނުން މިންވަރެއް ކުދިން ނުކިޔަވާ ދުވަހަކަށް ވިއަ ނުދިނުމަށް ޢަޒުމް ކަނޑައަޅަންވާނެއެވެ.