މީހަކު ކުރާ ކަމަކާއި ޚިޔާލުތަފާތުވެ މީހަކު ދެކެ ހަމަ ރުޅި އަންނަ ވަގުތުން ފެށިގެން އެމީހާގެ ހުރިހާ ކަމަކީ ރަނގަޅު ނޫން ކަންކަން ކަމަށް ބަލައިގެން ނުވާނެ އެވެ. މިއީ ޢާންމު ދިރިއުޅުމުގައި ވިސްނައިލުން ހަމަ މުހިންމު ކަމެކެވެ.
ބައެއް ފަހަރު އަނބިމީހާގެ ކިބައިން ނުވަތަ ފިރިމީހާގެ ކިބައިން ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ ހަމަ އެވަގުތުން ފެށިގެން އެމީހެއްގެ ހުރިހާ ކަމެއް އެބަ ގޯސްކުރަމުއެވެ. އެމީހާގެ ކިބައިގައި ހުރި ހުރިހާ ރަނގަޅު ސިފަތަކާއި ރަނގަޅަށް ކޮށްފައިވާ ހުރިހާ ކަމެއްވެސް އެބަ ގޯސް ކުރަމުއެވެ.
މިއީ އެއްވެސް ޙާލެއްގައި މިކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. މީހަކަށް ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ ނުވަތަ ތިމާ ހިތްހަމަ ނުޖެހޭ ކަމެއް މީހަކު ކޮށްފިނަމަ ގޯސްވާން ޖެހޭނީ ނުވަތަ ކުށްވެރިކުރަންޖެހޭނީ ގޯސްކޮށް ކުރި ކަމެކެވެ. އެމީހާގެ ހުރިހާ ކަމެއް ނޫނެވެ. މިކަމަށް ރަނގަޅަށް ވިސްނައިފިނަމަ ޢާއިލާތަކުގައި އުފެދޭ ގިނަ މައްސަލަތަކެއް ޙައްލުކުރެވިގެންދާނެއެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ، މުފްތީ މެންކް މިކަމުގައި ވިދާޅުވެފައިވާ މިކަމަށް ބާރުލިބޭ ބަސްކޮޅެއްވެސް ހާމަކޮށްލާނަމެވެ.
"ރަނގަޅަށް ކަންތައް ކުރާ ބައެއް މީހުން ކުރާ މަދު ކަންކަމުގައި ޚިޔާލުތަފާތުވެ އަހަރެމެން އެބަ ފާޑުކިޔަމުއެވެ. އެމީހުން ކުށްވެރިކުރަމުއެވެ. އެހާލަތުގައި އެމީހުން ކުރަމުން ގެންދާ ރަނގަޅު ކަންކަމަށް ވިސްނައިލަންވެސް ބޭނުމެއް ނުވަމުއެވެ.
އެއްވެސް މީހަކު ދެކެ ރުޅިއަންނައިރަށް ހަމަ ކުއްލިއަކަށް އެމީހާގެ ކުރިކަމެއް ގޯސްވެގެނެއް ނުވާނެއެވެ. އެމީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށްވެސް ނުވާނެއެވެ. އަދި އެމީހާއަކީ ޝައިޠާނަކަށްވެސް ނުވާނެއެވެ.
ތިމާ އާ ޚިޔާލު ތަފާތުވުމުން މީހަކަށް ކުރާ ނަފްރަތާއި އެމީހަކީ ހަމަ ޙަޤީޤަތުގައި ވެސް "ޝައިޠާނަކަށް" ވެގެން ކުރާ ނަފްރަތާއި ތަފާތުކުރަން ދަސްކުރާށެވެ."
މިއީ މިކަމުގައި މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. މި ބަސްފުޅުތަކުންވެސް އެނގިގެންދަނީ ހަމަ އެންމެ ކަމެކެވެ. އަނބިމީހާގެ ކިބައިން ނަމަވެސް އަދި ފިރިމީހާގެ ކިބައިން ނަމަވެސް ހިތްހަމަ ނުޖެހޭ ކަމެއް ފެނިއްޖެނަމަ އެމީހާގެ ހުރިހާ ކަމެއް ކުށްވެރިކޮށް އެމީހަކާއި ދުރުހެލިވުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ ގޯސްކަމަށް ފާހަގަކުރެވުނު ކަންތައް ރަނގަޅުކުރަން ކަމެވެ. ކުށްވެރިކުރަންވީ ގޯސްކޮށް ކުރެވުނު ކަންތައް ކަމެވެ. އެގޮތަށް މަސައްކަތް ކުރުމުން ހުރިހާ ކަމެއްވެސް ޙައްލުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން