ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ 2 ކޮމިޝަނުން ބަލަންޖެހޭނީ 2012 ވަނަ އަހރުން ފެށިގެން ހުރި މައްސަލަތައް ނޫން ކަމަށާއި ބަލަން ޖެހޭނީ 2008 ވަނަ އަހަރުން ފެށިގެން ހުރި މައްސަލަތައް ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ. އިބްރާހީމް ދީދީ މަޖިލީހުގައި މިއަދު ވިދާޅުވީ މައްސަލަތައް ނުބެލުމުން މައްސަލަތައް ހުރި މީހުން މިހާރުވެސް ސަރުކާރުގައި އެބަ ތިބި ކަމަށާއި އަދި ސަރުކާރާއި ގުޅެމުންވެސް ދާ ކަމަށެވެ. އަދި މަޖިލީހަށް ކުރިމަތިލުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އިބްރާހީމް ދީދީ ވިދާޅުވީ މައްސަލަތައް ހައްލު ކުރެވޭނީ ކުށްކޮށްފައިވާ އެންމެންނަށް އެއް އުޞޫލުން ފިޔަވަޅު އަޅައިގެން ކަމަށެވެ. އެހެންކަމުން ބިލު ދިރާސާ ކޮމިޓީން މިކަމަށް ބަލައި ގެންނަން ޖެހޭ އިޞްލާޙްތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. 2007 ވަނަ އަހަރު ރާއްޖޭގައި މިނިވަން އޮޑިޓަރ ޖެނެރަލްގެ އޮފީހެއް އުފައްދައި އޮޑިޓް ރިޕޯޓަތައް ހާމަކުރަން ފެށީންސުރެ މިއަދާއި ހަމައަށް ގިނަ އަދަދެއްގެ ރިޕޯޓްތަކެއް ނެރެފައިވީ ނަމަވެސް ބަލައި ފިޔަވަޅު އަޅާފައިވަނީ ވަރަށް މަދު މައްސަލަތެކެއްކަން އޮޑިޓަރ ޖެނެރަލް ވެސް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި އެހެން ބައެއް މެންބަރުންވެސް ވަނީ ހަމަ މިމޭރުމުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވައިފައެވެ.