އިންޞާފާއި އަދުލުވެރިކަމުގެ ދީނީ މަޤާމު އެނގޭނަމަ އަމިއްލަ ޢާއިލާގައިވެސް އަދުލުވެރިކަމާއެކު ނޫނީ އެއްވެސް ކަމެއް ނުކުރާނެއެވެ. އެކަންކަމުގެ ތަފްޞީލަށް ފުންކޮށް ވިސްނައިފިނަމަ އަދި އިސްލާމް ދީނަށް ބަލައިފިނަމަ އަދުލު އިންޞާފު ޤާއިމުކުރުމަކީ އީމާންތެރިކަމުގެ ބައެކެވެ. އިންޞާފު ޤާއިމު ނުކުރުމާއި އަނިޔާވެރިވުމަކީ ޝިރުކުކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެނގޭ ހެއްޔެވެ؟ އަދުލުވެރިކަމާއިއެކު އިންޞާފު ޤާއިމު ނުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ އަދުލުވެރިވުމާއި އިންޞާފުން ހުރިހާ ކަމެއް ކުރުމުގެ މުހިންމުކަން މިކަމުންވެސް އެނގިގެން އެބަދެއެވެ.
އިންޞާފުވެރިވާންވީ ޤައުމުގައި އަމަލުކުރާ ޤާނޫނުގައި އެކަމަށް އަމުރުކޮށްފައި އޮވެގެނެއް ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އިންޞާފު ޤާއިމު ނުކުރާ މީހުންނަށް ނުވަތަ ބައަކަށް ގަދަފަދަ އަޒާބު ދެއްވަވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާތީއެވެ. އަދި އެންމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭ މީހުންގެ ތެރޭގައި އިންޞާފު ޤާއިމުކުރަން ދެކޮޅު ހެދި މީހުން ހިމެނޭތީއެވެ. އަނިޔާބވެރި ޙުކުމް އިއްވި މީހުން ހިމެނެއެވެ.
ފަނޑިޔާރުން ޒިންމާ އުފުލަން ޖެހޭނީ ކޯޓުތަކުގައި ކުރި ޝަރީއަތްތަކަށެވެ. ކޯޓުތަކުގައި އިއްވި ޙުކުމްތަކަށެވެ. އަމިއްލަ ޢާއިލާގެ މެދުގައި ކަންކަން ކުރި ގޮތުގެ ޒިންމާ އުފުލަން ނުޖެހޭނީ އިންޞާފުވެރިކަމާއިއެކު ކަންކަން ކުރި މީހުން އެކަންޏެވެ.
ﷲ ތަޢާލާ ޢާއިމެދު ބޭއިންޞާފުން ކަންކަން ކުރުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ އެކަލާނގެއަށް ޝަރީކު ކުރުމާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމެވެ. މިއީ އެންމެ ބޮޑު ބޭ އިންޞާފެވެ.
ނަމަވެސް ވިސްނާށެވެ. ބޭއިންޞާފުން ތިބާ ކުރާ ކޮންމެ ކަމެއް އެކުރަނީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ ޙާލުގައެވެ. އެހެނީ ﷲ ތަޢާލާ ގަދައަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވަނީ ކުރާ ކޮންމެ ކަމެއްގައިވެސް އިންޞާފުވެރިވުމަށެވެ. މީގެ ތެރޭގައި އަމިއްލަ އަނބިދަރިންނަށާއި މައިން ބަފައިންނާއިމެދު ބޭ އިންޞާފުން ކަންކަން ކުރުން ވެސް ނުހިމެނެންވީ ކީއްވެގެން ހެއްޔެވެ؟
އިންޞާފު ޤާއިމުކުރަން ޖެހެނީ ހަމައެކަނި ފަނޑިޔާރުންނެއް ނޫނެވެ. އެންމެހައި މީސްތަކުންނެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ބުއްދި ދެއްވެވީ ހަމައެކަނި އަޅުކަން ކުރުމާއިމެދު ވިސްނުމަށް ކަމަށެވެ. ރަނގަޅެވެ. އަޅުކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަހަރެން ބުނާނީ ބުއްދި ދެއްވެވީވެސް އިންޞާފުވެރިވެ، އަދުލުވެރިކަމާއިއެކު އިންޞާފު ޤާއިމުކުރުމަށް ކަމަށެވެ.
މިހެން ބުނަން މިޖެހެނީ ޙައްޤު ގޮތުގައި އަޅުކަން ކުރާ މީހާ އެންމެ ބޮޑަށް ބޭނުންވާނީ ވެސް ކުރާ ކޮންމެ ކަމެއް އިންޞާފުން ކުރުމަށް ކަމުގައި ވާތީއެވެ. އަޅުކަން ކުރުމަށް އެންމެ ބޮޑަށް ބާރުއަޅާނީވެސް އިންޞާފުވެރިކަން ކަމަށްވާތީއެވެ. ބުއްދި ނުދެއްވެވި ނަމަ އެކަންކަމަށް ވިސްނުމުގެ ކުޅަދާނަ ކަމެއް ނުލިބުނީހެވެ.
ރަނގަޅަށް ވިސްނައިލާށެވެ. އަޅުކަން ކުރަން އެނެގެވީ ﷲ ތަޢާލާއަށެވެ. އެކަމަށް އަމުރުފުޅު ކުރައްވަވާފައިވަނީ އިންސާނާއަށް ބޭނުންވާނެ އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރެއްވެވުމަށްފަހުގައެވެ. އެހުރިހާ ނިޢްމަތްތަކެއް މިންވަރުކުރެއްވެވުމަށްފަހު ކުރަން އެފަރާތުން އެންގެވި ހަމަ އެންމެ ކަމެއް ނުކޮށް ދޫކޮށްލުމަކީ އިންޞާފުވެރި ގޮތަކަށްވާނީ ކިހިނަކުން ހެއްޔެވެ.
ވަރަށް ރަނގަޅަށް އުޅޭ ބައެއް މީހުންވެސް މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށްޓަކައި އިންޞާފުން އެބަ ދުރުހެލިވެއެވެ.
މިސާލަކަށް އަނބި މީހާ ކިތަންމެ ރަނގަޅަށް އުޅުނު ނަމަވެސް އިތުރު އަންހެނަކާއި ކައިވެރިކުރަން ބޭނުންވުމުން އަނބި މީހާ އެބަ ވަރިކުރަމުއެވެ. ނިކަމެތިކޮށްލަމުއެވެ. މިހާލަތުގައި އިންޞާފު ކޮބައި ހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި އެންގެވުންތައް ކޮބައި ހެއްޔެވެ؟ ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން.