ނަމާދު ވަގުތު ޖެހުމުން އެބަ ބުނަމުއެވެ. މި ކޮންވަޒޭޝަން ނިންމާލައިފައެވެ. މި ގޭމް ނިމުނީމްއެވެ. ނޫނީ މިވެނި މަސައްކަތެއް ކޮށްލައިފައެވެ. ނޫނީ މިވަގުތު މިހިރީ މާބޮޑަށް ވަރުބަލިވެފައެވެ.
މީސްތަކުންނޭވެ! ހިސާބު ވެއްލެވުމުގެ ދުވަހަކީ 50،000 އަހަރުގެ އެއް ދުވަހެވެ. އެދުވަހު ހިސާބު ބެއްލެވުމަށްޓަކައި ތިބާގެ ވަގުތު ޖެހުމުން ދަންނަވާނީ ކީކޭހެއްޔެވެ؟ ކޮންކަމެއް ނިންމައިލަންދެން މަޑުކޮށްލައި ދެއްވާތޯ ހެއްޔެވެ؟ ނޫނީ ޖެހޭނީ ވަގުތުން އިޖާބަދޭން ހެއްޔެވެ؟ އެދުވަހު އެއިރުވެސް ލިބެމުންދާ ގަދަފަދަ އަޒާބަށް ކެތް ނުކުރެވޭ ހާލު ބަނޑު ބިންމަތީ އަނބުރައި ފުރޮޅެމުން ނަމަވެސް ޖެހޭނީ ހަމަ ހިސާބު ބެއްލެވުމާއި ކުރިމަތިލާށެވެ! އެންމެ ފަޅި ސިކުންތަކަށްވެސް އުޒުރެއް ނުދެއްކޭނެއެވެ.
ތިއައީ މިވަރު އެނގޭނެ މުސްލިމުންނެވެ. އެދުވަހު ދެއްކޭނެ އެއްވެސް އިތުރު ބަހަނާއެއް ނޯންނާނެކަން ރަނގަޅަށް އެނގޭނެއެވެ. ވީއިރު ނަމާދަށް މިއަދު ތިއަ ދައްކަނީ ކޮން ބަހަނާތަކެއް ހެއްޔެވެ؟
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔުމުން ހުރިހާ ކަމެއް ފުރިހަމަވީމަކަށެވެ. ތިމާއަކީ މުސްލިމެއްގެ ގޮތުގައި އުފަންވުމުން ހުރިހާ ކަމެއް ފުރިހަމަވީ ކަމަށެވެ. އެވަރުން ތިމާއަށް ސުވަރުގެ ދެވޭނެ ކަމަށެވެ.
މިއީ ވަރަށް ބޮޑެތި ކުށް ހީކުރުންތަކެކެވެ. މިސާލަކަށް ތިބާއަކީ މިއަދު ފަރުޟުތައް އަދާކުރާ މީހަކަށް ވެސް ވެދާނެއެވެ. އެވަރަކުންވެސް ނުފުދެއެވެ. އެހެނީ ތިބާއާއިމެދު ބެލެވޭނީ ތިބާ މަރުވިއިރު އަމަލުތައް ކުރަމުން އައިގޮތަކަށެވެ. ނުވަތަ ތިބާ އެންމެފަހުން އަމަލުތައް ކުރި ގޮތެއްގެ މައްޗަށެވެ. ވީމާ މިއަދު ތިބާ ކުރާ ހެޔޮ އަމަލުތައް މާދަމާ ވެސް ނުކޮށް އާޚިރަތެއް ނުލިބޭނެއެވެ.
ބައެއް މީހުން ދުވަސްކޮޅަކު ވަރަށް ރަނގަޅަށް އަމަލުތައް ބެހެއްޓުމަށްފަހު ފަރުވާ ކުޑަކޮށްލައެވެ. ތިބާގެ ފުރާނަ ﷲ ތަޢާލާ ގެންދަވާ ވަގުތަކީ ތިބާ ފަރުވާ ކުޑަކޮށްލައިގެން ހުރި ވަގުތަކަށް ނުވަތަ ދުވަސްތަކަކަށް ވެއްޖެނަމަ ދެން ކަންތައް ވެގެންދާނެ ގޮތާއިމެދު އަމިއްލައަށް ފުންކޮށް ވިސްނާށެވެ.
"ތިބާއަކީ މުސްލިމެއްތޯ؟" ސުވާލުކޮށްފިނަމަ ވަރަށް ސާބިތުކަމާއިއެކު ތިމާއަކީ މުސްލިމެއް ކަމަށް ބުނާނަމެވެ. އެޖަވާބު ލިބުމުން "ތިބާ ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދުކުރަންތޯ؟" ސުވާލުކުރުމުން ތުރުތުރު އަޅަމުން ނުކުރާ ކަމަށް ބުނާނެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ނަމާދުކުރާ ކަމަށްވެސް ބުނާނެއެވެ. "ރޯދަ ހިފަމުތޯ؟ ޒަކާތް ދެމުތޯ؟" ސުވާލުކުރުމުން ލިބޭނީ އެފަދަ ޖަވާބުތަކެކެވެ. ބައެއް މީހުން ތުރުތުރު އަޅަމުން ނޫނެކޭ ބުނާނެއެވެ. އަނެއްބައަކު ޤަވާއިދުން ނުކުރެވޭ ކަމަށް ބުނާނެއެވެ. ނަމަވެސް މިއިން ކޮންމެ މީހަކުވެސް ތިމާއަކީ މުސްލިމެއް ކަމަށް ވަރަށް ބާރަށް ބުނާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަލަންވީ މިއަދު އަމަލުތައް ބެހެއްޓޭ ގޮތަށް އެކަންޏެއް ނޫނެވެ. އެންމެ މުހިންމީ މިއަދު އަމަލުތައް ބަހައްޓާ ގޮތަށް މާދަމާ ވެސް ބެހެއްޓުމަށެވެ. މަސައްކަތް ކުރަންވީ އިއްޔެ ކުރިވަރަށްވުރެ އިތުރަށް އެންމެ ހެޔޮ އަމަލެއް ނަމަވެސް މިއަދު ކުރެވޭތޯއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން