ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުތައް އިއްތިހާދުން ފުއްދާނެ ކަމަށާއި އެކަމަށްޓަކައި ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނާނެ ކަމަށާއި 5 އަހަރު ވަންދެން ކުރެވުނުހާ ވަރަކަށް ވައްކަން ކޮށްފައި އިންތިޚާބު ކައިރިވީމާ "ހުދުކާފޫރުވާން" މަސައްކަތްކުރުމުގެ ބޭނުމެއް ނެތް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ރޮޒައިނާ މިއަދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ފަތުރުވެރިކަމަށް ކުރިން ދޫކުރަމުން އައީ ޓެންޑަރަށް ހުޅުވާލައިގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން އެ އުޞޫލުތައް ބަދަލުކޮށް އައީ ބޭނުންހައި މީހަކަށް ރަށްތައް ދޫކޮށް އެކަމުގެ ތެރެއިން ބޮޑެތި ވައްކަންތައް ކުރަމުން ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އެގޮތަށް ބޮޑެތި ވައްކަންތައް ކުރެވޭނެ ގޮތަށް ޤާނޫނުތައް ބަދަލުކުރި މެންބަރުން މިއަދު "އެއީ އެދުވަހު ގޯސްކޮށް ކުރެވުނު ކަންތައް ތަކެއްކަން މިހާރު އެނގިއްޖެ" ކަމަށް ބުނެ މަޖިލީހަށް އިޞްލާޙް ހުށަހަޅަނީ އިންތިޚާބެއް ކައިރިވުމުން "ހުދުކާފޫރަށްވާން" ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް ޤާނޫނުތައް އިޞްލާޙް ކުރަން ޖެހޭ ކަމަށާއި އެކަމަކީ އެންމެ ކަމަކަށް ހުށަހަޅާ އިޞްލާޙަކުން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
އެކަން ކުރެވޭނީ އިޞްލާޙްކުރަންޖެހޭ ހުރިހާ ކަމަކަށް ބަލައި ހުށަހަޅަންޖެހޭ ހުރިހާ އިޞްލާޙްތައް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރުވެސް ގެންދަނީ އެކަމަށް މަސައްކަތް ކުރަމުން ކަމަށެވެ. ރޮޒައިނާ މިމޭރުމުން ވިދަޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުالله ރިފާޢު ހުށަހަޅުއްވާފައިވާ އިޞްލާޙަށް ވާހަކަ ދައްކަވަމުންނެވެ.