އިބިލީހާ މުސްލިމުންނާ ދެމެދު އެންމެ ވަރުގަދަ ހަނގުރާމައެއް ކުރެވެނީ ކޮންވަގުތަކުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިބިލީހާ މުސްލިމުންނާ ދެމެދު އެންމެ ވަރުގަދަ ހަނގުރާމައެއް ކުރެވެނީ ކޮންވަގުތަކުކަން އެނގޭތަ؟

އިބިލީހާއި މުސްލިމުންނާއި ދެމެދު އެންމެ ވަރުގަދަ ހަނގުރާމައެއް ކުރެވެނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރުމަށް ވަސްވާސްދޭކަށް ނޫނެވެ. އިބިލީހާއި އަހަރެމެންނާއި ދެމެދު އެންމެ ވަރުގަދަ ހަނގުރާމައެއް ކުރެވެނީ ނަމާދަށް "ﷲއަކްބަރު" ކިޔާ ވަގުތުން ފެށިގެންނެވެ. އެވަގުތުން ފެށިގެން އިބިލީސް ގެންދާނީ ދެވުނު އެންމެ ބާރުގަދަ ހަމަލާތައް ދެމުންނެވެ. ތިބާ އާއި ނަމާދާއި ދުރުކުރުވުމަށެވެ.

 

ނަމާދަށް ހުއްޓޭއިރަށް ޝައިޠާނާ އައިސް އެހައި ވަރުގަދަ ހަމަލާތައް ދޭން ފަށަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ނަމާދަށް ތިބޭތަން ފެނުމުން ކުރާ އަސަރު ބޮޑުކަމުންނެވެ. ނަމާދަކީ އިސްލާމް ކަމުގެ މައިބަދަކަން އިބިލީހަށް އެނގެއެވެ. ނަމާދު ފުރިހަމައަށް އަދާކުރާ މީހާ މަގު ފުރެއްދުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަންވެސް ޝައިޠާނާއަށް އެނގެއެވެ. އެހެންކަމުން ނަމާދަށް ހުއްޓުމާއިއެކު ޝައިޠާނާ މަސައްކަތް އެފަށަނީ އެމީހާގެ އިސްލާމްކަމުގެ މައި ބަދަ ބިންދާލައި އެމީހާ ބަލިކަށިކޮށްލުމަށެވެ.

 

ޝައިޠާނާގެ މިއުނދަގޫ ފޯރަން ފަށަނީ ހަމައެކަނި ނަމާދަށް ހުއްޓޭ ހިސާބަކުން ވެސް ނޫނެވެ. އެނގޭ ހެއްޔެވެ؟ ވާޖިބު ހިނެއުމެއް ހިނައިގަންނަން ފެށުމުން ވެސް ޝައިޠާނާ އަންނާނެއެވެ. އައިސް ތަފާތު ވަސްވާސްތައް ބޮލަށް ވައްދުވާނެއެވެ. ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ ހިނެއިން ގޯސްކޮށް ލެވިއްޖެނަމަ އޭނާ ކުރާ ނަމާދު ފަދަ އަޅުކަންތައް ބާޠިލުވާނެތީ އެލަނޑު ދިނުމަށެވެ. ވުޟޫ ކުރަން ފެށުމުން ވެސް އައިސް ވަސްވާސް ދޭން ފަށާނެއެވެ. ބޭނުމަކީ ފަރުޟެއް ވައްޓުވާލައިގެން ވުޟޫ ބާޠިލުކުރުވައި އަދި އެކަމުގެ ސަބަބުން ނަމާދުވެސް ބާޠިލުކުރުވުމެވެ.

 

ފަރުޟުތައް ފުރިހަމަ ނުކޮށް ކުރާ ވުޟޫ ޞައްޙައެއް ނުވާނެއެވެ. އެފަދަ ވުޟޫއެއްގެ މަތީގައި ކުރާ ނަމާދުވެސް ޞައްޙައެއް ނުވާނެއެވެ. ވީމާ ނަމާދު ފުރިހަމަ ކުރިއަ ނުދިނުމަށް ޝައިޠާނާ އެގެންދަނީ ވަރަށް ދުރާލައި މަސައްކަތް ކުރަމުންނެވެ!

 

މީސްތަކުންނޭވެ! ވަރަށް ފުރިހަމައަށް ވުޟޫ ކުރިނަމަވެސް ހިނައިގަނެގެން ހުރިނަމަވެސް މިވެނި އެވެނި ކަންކަން ނުކުރެވޭކަމަށް ބުނެވެސް ވަސްވާސްދޭނެއެވެ. އެކަންކަމާއިމެދު ވިސްނަން ހަދައިގެން ވެސް ނަމާދަށް އުނިކަން ލިބެއެވެ. މި ހާލަތުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ހިނައިގަތުމުގައިވެސް އަދި ވުޟޫ ކުރުމުގައިވެސް ވަރަށް ބޮޑަށް ފަރުވާތެރިވުމެވެ. އެވަގުތު ހުރިހާ ސަމާލުކަމެއް އެކަމަށް ދީގެން ކުރުމެވެ. އެއިރުން ވަސްވާސް އުފެއްދުމުގެ ފުރުޞަޠު އިބިލީހަކަށް ނުލިބޭނެއެވެ.

 

--ޢަބްދުއްރަޙީމް އެމްސީ ކާރތީގެ ދަރުސަކުން

މިއަދު އޮންލައިން