ގިނަ ބައަކަށް ޙަރާމް ތަކެތި ނުވެސް އެނގޭ! ނަރަކައިގަ ހޫނު އަލިފާނާ، ޒައްޤޫމާ ކުނިފާދިޔަ، ގޮހޮރު ފޫއަޅުވާއިރު އަޅާނެ ވޭނަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ގިނަ ބައަކަށް ޙަރާމް ތަކެތި ނުވެސް އެނގޭ! ނަރަކައިގަ ހޫނު އަލިފާނާ، ޒައްޤޫމާ ކުނިފާދިޔަ، ގޮހޮރު ފޫއަޅުވާއިރު އަޅާނެ ވޭނަށް ބިރުވެތިވޭ!

މިއަދު ކެއުމުގައި އަހަރެމެން ހަލާލެއް ނުބަލަމުއެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޙަރާމް ތަކެއްޗަކީ ހަމައެކަނި ބަނގުރަލާއި މަސްތުވާތަކެތި ކަމަށެވެ. ނުވަތަ އޫރު މަސް ކަމަށެވެ. އެއިން އެއްޗެއް ނުކައި، ނުބޯނަމަ ޙަރާމް އެއްޗެއް ނުކެވޭ ކަމަށެވެ.

 

މީސްތަކުންނޭވެ! ބަނގުރަލާއި މަސްތުވާތަކެއްޗާއި އޫރުމަހާއި ހަމައިން ހަރާމް ތަކެއްޗެއް ނުނިމެއެވެ. ރަނގަޅަށް ބަލައިފިނަމަ މިތަކެތި ކައި ބޮއި ހަދާމީހުންނަށްވުރެ ގިނައީ އެހެން ގޮތްގޮތުން ޙަރާމް ތަކެތި ކައި، ބޮއި އުޅޭ މީހުންނެވެ. ހަލާލް ނޫން ގޮތުގައި ހޯދާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. ވައްކަމާއި މަކަރާއި ޙިލަތާއި ނާޖާއިޒު ގޮތުގައާއި ރިބާ ހިމެނޭ މުޢާމަލާތްތަކުން ހޯދާ އެއްވެސް އެއްޗަކީ ޙަލާލް އެއްޗެއް ނޫނެވެ. ޙަރާމް ތަކެއްޗެވެ.

 

އައިސްކްރީމަކީ މީރު އަދި ހަލާލު އެއްޗެކެވެ. ނަމަވެސް ވަގަށް ނަގައިފިނަމަ ޙަލާލެއް ނުވާނެއެވެ. ޙަލާލު ނޫން ގޮތުގައި ހޯދާ ފައިސާއަކުން ގަނެފިނަމަ ނުވަތަ ހަލާލު ނޫން ގޮތަކުން ހޯދައިފިނަމަ ޙަލާލެއް ނުވާނެއެވެ. ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިގެން މިދުނިޔޭގައި ބަނޑުތައް ފުރަމުން ގެންދާ މީހުން ދަންނާށެވެ! ތިއަ ކަނީ މީރު ކާއެއްޗެއް ނޫނެވެ! ނަރަކައިގެ ހޫނު ގަދަ އަލިފާނެވެ! ޤިޔާމަތް ދުވަހު ނަކައިގައި އޮވެ ތިބާ ކާންޖެހޭނެ އަލިފާނެވެ. ކާން ޖެހޭނެ ޒައްޤޫމެވެ. ނަރަކައިގައި އޮވެ ބޯންޖެހޭނެ ނަރަކައިގައި ތިބޭ މީހުންގެ ހަށިތައް އަނދައިދާއިރު އެއިން ފައިބާ ފާދިޔައާއި ދޮހެވެ.

 

އަދި ކީއްހެއްޔެވެ! އެތަކެތި ކިތަންމެ ވަރަކަށް ކައި ބޮއި ހެދި ނަމަވެސް ބަނޑެއްވެސް ނުފުރޭނެއެވެ. އަބަދުވެސް އޮންނާނީ އިންތިހާއަށް ބަނޑުހައިވެފައެވެ. ކަރު ހިއްކުމެއްވެސް ނުފިލާނެއެވެ. އަބަދުވެސް އޮންނާނީ އިންތިހާއަށް ކަރުހިއްކައިގެންފައެވެ.

 

ވީއިރު ޙަލާލު ނޫން ގޮތުގައި ހޯދައިގެން މިދުނިޔޭގައި ތިއަ ކައި ބޮއި ހަދާ މީރު ކެއުމާއި ބުއިންތަކުގައި އޮތީ ކޮން މީރުކަމެއް ހެއްޔެވެ؟ ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ކާ އަގުބޮޑު ސްޓޭކަކަށްވުރެ ޙަލާލު ގޮތުގައި ހޯދައިގެން ކާ ކުޑަ ރޮށިކޮޅެއްގެ ފައިދާ މާ ބޮޑު ނޫން ހެއްޔެވެ؟ ޙަރާމް ގޮތުގައި ހޯދައިގެން ކައި ބޮއި ހަދާ ތަކެތި ތިބާ ދަމައި އެހެންދަނީ ނަރަކައިގެ ހޫނު ގަދަ އަލިފާނާއި ދިމާއަށެވެ. ހަލާލު ގޮތުގައި ހޯދި ރޮށިކޮޅު ތިބާ ދަމައި ގެންދާނީ ސުވަރުގެ އާއި ދިމާއަށެވެ.

 

މީސްތަކުންނޭވެ! ރަނގަޅަށް ވިސްނާށެވެ! ޙަރާމް އަދި ހަލާލު ތަކެތި ކީރިތި ޤްރއާނުގައި ﷲ ތައާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. އަދި ޙަލާލު ތަކެތި ޙަރާމްވާ ގޮތް ވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ރިޝަވަތަށް ހަދިޔާ ކިޔައި ރިބާއަށް އިންޓަރެސްޓް ކިޔައިގެން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ! ކޮންމެ ނަމެއް ކިޔައިގެން ކައި ބޮއި ހެދި ނަމަވެސް ކައި ބޮއި ހަދާ ކޮންމެ ހަރާމް އެއްޗަކީ ކެވޭ އަލިފާން ނޫން އެއްޗަކަށް ނުވާނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން