ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމަށްޓަކައި 16 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭގެ ތެރެއިން 10 ބިލެއް މިހާރު ވެސް ފޮނުވާފައިވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވައުދުތައް ފުރިހަމަ ކުރުމަށް މަގުފަހި ކުރުމަށްޓަކައި މުޅިން އަލަށް ފަސް ބިލެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެ އޮފީހުން ބުނީ އަނެއް ހަ ބިލް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.
މީގެ އިތުރުން އޭޖީ އޮފީހުގެ އެބަޔާނުގައި ބުނެފައިވަނީ، ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދުމުގެ ގޮތުން ހަދާފައިވާ ގާނޫނުތައް އިސްލާހުކުރަން ރައީސް އިސްކަން ދެއްވާ ކަމަށާއި އެހެންކަމުން އެފަދަ ގާނޫނުތައް ދެނެގަތުމަށް އެ އޮފީހުގައި ހާއްސަ ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ރާއްޖޭގައި އަމަލުކުރެވޭ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ އެއްގޮތް ކުރުމަށްޓަކައި އެ ގާނޫނުތައް މުރާޖާކޮށް، އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ގޮތުގެ މަތިން އިސްލާހުތައް ފާހަގަކޮށް ބިލްތައް އެކުލަވާލުން ހިމެނޭ،" އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.