އިންތިޚާބުތަކާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ކުރުވާ ޚަރަދުތަކަށް ފައިސާ ނުދޭނަމަ އެ ފައިސާ ހޯދޭނެ ގޮތެއް ހަމަޖައްސަން ޖެހޭކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު މުބީން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިންތިޚާބުތަކާއި ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ކޮށް އަދި ގިނަ ފަރާތްތަކަކާއި ގުޅިގެން ޚަރަދުތަކެއް ކުރާ ކަމަށެވެ. އެހެންކަމުން އެއްބަސްވުމާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުން ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.
މިގޮތުން ޕާޓީތަކުން ރަށްރަށުގައި ހަދާ ޖަގަހަތަކުގެ ކުއްޔާއި އެހެނިހެން ޚަރަދުތައް ލިބުމުގައިވެސް މައްސަލަތައް ހުންނަކަން މުބީން ފާހަގަކުރައްވާފައިވާއިރު މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމުން މޯލްޑިވިއަން އަށް ދައްކަން ޖެހުނު 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.