މާގިނަ އަޅުކަން ކުރެވޭ ކަމަށް ޤަބޫލުކުރެވިގެން އުޅޭއިރު އެމީހަކު ކުރާ އަމަލަކުން ހަމަ އެކަކަށްވެސް ސުވަރުގެ ނުލިބޭނެކަން ނޭނގެނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
މާގިނަ އަޅުކަން ކުރެވޭ ކަމަށް ޤަބޫލުކުރެވިގެން އުޅޭއިރު އެމީހަކު ކުރާ އަމަލަކުން ހަމަ އެކަކަށްވެސް ސުވަރުގެ ނުލިބޭނެކަން ނޭނގެނީ ހެއްޔެވެ؟

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތިމާ މިވެނި އެވެނި އަމަލެއް ކުރާނަމަ ސުވަރުގެ ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކުށް ހީއެކެވެ. ހަމަ އެކަކަށްވެސް އެމީހާ ކުރާ އަމަލުތަކުގެ ސަބަބުން ސުވަރުގެ ލިބުމެއް ނެތެވެ.

 

މިހެން ބުނީމާ ބައެއް މީހުންނަށް ޤަބޫލު ނުކުރެވިދާނެއެވެ. ނަމަވެސް މިއީ ޙަދީޘުން ސާބިތުވާން އޮތްކަމެކެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އިތުރު މާތް ނަބިއްޔާ (ޞޢވ)އަށް ވެސް އެކަލޭގެފާނުގެ އަމަލުފުޅުތަކުން ސުވަރުގެ ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

 

އިތުރު މާތް ނަބިއްޔާ (ޞޢވ) އީ މާތް ﷲ އުފެއްދެވި އެންމެ މާތް މަޚްލޫޤްއެވެ. ދެން އަހަރެމެންނަށް އޮތީ ކޮން ދަރަޖައެއް ހެއްޔެވެ؟

 

ނިކަން ވިސްނައިބަލާށެވެ. ތިބާއަށް 500 އަހަރު ދުނިޔޭގައި ހުރެ ﷲ ތަޢާލާއަށް އަޅުކަންކުރެވުނު ކަމަށް ވެދާނެއެވެ. އެކަންކަމުގެ ބަދަލެއްގެ ގޮތުން ތިބާއަށް ސުވަރުގެ ޙައްޤުކަމަށް ޤަބޫލުކުރެވިދާނެއެވެ. އަދި ތިމާއަށް ސުވަރުގެ ޙައްޤުކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިދާނެއެވެ.

 

ނަމަވެސް އެކަންވާނެ ގޮތް ބުނަން ހެއްޔެވެ؟ 500 އަހަރުވަންދެން ތިބާ ކުޅަ ހުރިހާ ހެޔޮކަމެއް މީޒާނުގެ އެއްކޮޅަށް އަރުވާފައި އަނެއްކޮޅަށް ތިބާއަށް ﷲ ތަޢާލާ ދެއްވެވި ދެ ލޮލުގެ ތެރެއިން އެންމެ ލޮލެއްގެ ފެނުމުން ތިބާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތައް އެރުވި ނަމަވެސް ތިބާއަށް ކުރެވުނު ހުރިހައި އަމަލުތައް ބަރުދަނުގެ ގޮތުން ހުވަނދަކަށްވެސް ނުވާނެއެވެ. ވީއިރު ތިބާއަށް ދެއްވެވި ހުރިހާ ނިޢްމަތްތައް މީޒާނަށް އަރުވަފިނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟

 

މިބަހުގެ މުރާދަކީ ސުވަރުގެ ލިބޭނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ކަމެވެ. ރަހްމަތްފުޅުން ކަމެވެ. ވީމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ އެ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ގޮތަށް ކަމެވެ. އެ އަމަލެއް ކުރަންވާނީ އިޚްލާޞްތެރިކަމާއިއެކު ކަމެވެ. އެ އަމަލު ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާ ކުރަމުން ކަމެވެ. އެނޫން ގޮތެއްގައި ކުރާ އަމަލުތަކުން ތިބާއަށް އެއްވެސް ފައިދާއެއް ނުކުރާނެކަން ޔަޤީންކުރާ ޙާލުގައި ކަމެވެ.

 

ޤަބޫލުކުރާށެވެ. ﷲ ތަޢަލާ އަހަރެމެން އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. އެކަލާނގެއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ހުރިހާ ކަމަކަށް ބޭނުންވެގެން އުޅެންޖެހިފައި މިވަނީ އަހަރެމެންނަށެވެ.

 

ވީމާ ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ހިތާއި ނަފްސް އެފަރާތަށް ޚާލިޞްކުރާށެވެ! ތިމާއަކީ އެއްވެސް އާރެއް ބާރެއް ނެތް ނިކަމެއްޗެއް ކަމަށް ޤަބޫލުކުރާށެވެ. އެކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކޮށްގެން ހެޔޮ އަމަލުތައް ކުރަން މަސައްކަތް ކުރާށެވެ! ކިރިޔާވެސް ރަނގަޅަށް ކުރެވޭނީ އެއިރުންނެވެ.

 

ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ﷲ ތަޢާލާ ފިޔަވައި އެހެން ހުރިހާ އެއްޗެއް ނެތިފަނާވެގެންދާނެއެވެ. މަލާއިކަތް ބޭކަލުންނާއި އުޑުތައްވެސް ހިމެނޭ ގޮތުންނެވެ. އެއަށްފަހު ވުޖޫދުވާނީ ﷲ ތަޢާލާ ވުޖޫދު ކުރެއްވެވި އެއްޗެކެވެ. އެކަމުން އެނގިގެންދަނީ ފަނާވުމެއް ނެތި ދިރިދެމިވޮޑިގެންވާ ފަރާތަކީ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން